ކ. މާލެ
|
14 ފެބްރުއަރީ 2021 | އާދީއްތަ 15:31
ރައީސް ޞާލިޙާއެކު ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން
ރައީސް ޞާލިޙާއެކު ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން
ރައީސް އޮފީސް
ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލުން
ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުން ރައީސްއާ ބައްދަލުކުރަން އެދި ސިޓީއެއް
ކުއްލި ގޮތަކަށް ލީގު މެދުކަނޑާލަން ނިންމީ މި މަހުގެ ތިންވަނަ ދުވަހު
ކުޅުންތެރިންނަށްވާ ގެއްލުންތަކަށް ހައްލެއް ހޯދައިދިނުމަށް ވަނީ އެދިފައި

ދިރާގު ދިވެހި ޕްރިމިއާ ލީގު އަލުން ފެށުމުގެ ހުއްދަދޭތޯ ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ބައްދަލުކުރަން އެދި ސިޓީއެއް ފޮނުވައިފިއެވެ.

ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލަން ނިންމީ ކޮވިޑް-19 ގެ ކޭސްތައް މާލެ ސިޓީގައި އިތުރުވުމާއެކު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނެރުނު އައު އުސޫލުތަކާ ގުޅިގެން މި މަހުގެ ތިންވަނަ ދުވަހުއެވެ. އެއާއެކު ފުރަތަމަ ޑިވިޝަނުގެ ހުރިހާ ކުލަބަކުން ވަނީ ލީގު މެދުކަނޑާލުމުން ކުލަބުތަކާއި ކުޅުންތެރިންނަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭނެ ކަމަށާއި، އެހެންކަމުން އަލުން ފަރިތަކުންތައް ފަށައި، ލީގު ފެށުމުގެ ހުއްދަދިނުމަށް ގޮވާލާފައެވެ.

އެކަމަކު މިހާތަނަށްވެސް ކުލަބުތަކުން ކުރި މަސައްކަތުގައި އެކަށީގެންވާ ޖަވާބެއް ލިބިފައިނުވުމާ ގުޅިގެން، އާދީއްތަ ދުވަހު ކުލަބުތަކުން ވަނީ ރައީސްއާ ބައްދަލުކުރަން އެދި ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި ފުޓްބޯޅަ ހުއްޓިފައި މި އޮތް މުއްދަތުގެ ސަބަބުން ކުޅުންތެރިންނަށްވާ ގެއްލުންތަކަށް ހައްލެއް ހޯދައިދިނުމަށް ވަނީ އެދިފައެވެ.

ދިވެހި ޕްރިމިއާ ލީގު އަލުން ފެށުމަށް ކުލަބުތަކުން މަސައްކަތް ކުރަމުންއައި ނަމަވެސް، މިދިޔަ ހުކުރު ދުވަހުގެރޭ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕު (ޓެގް) ގެ ލީޑަރު ޑރ. އަލީ ލަތީފް ވިދާޅުވީ މި ހާލަތުގައި ލުއި ދެވޭނީ ޒަރޫރީ ކަންތައްތަކަށް އެކަނި ކަމަށާއި، އެކަމަކު ގައުމީ މުބާރާތްތަކަށް ހުއްދަދެވޭތޯ ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް މި ދަނޑިވަޅުގައި ހުއްދަދެވޭނެ ކަމެއް ސީދާ ދަންނަވަން ނޭނގޭ ކަމަށްވެސް ވިދާޅުވިއެވެ.

އެކަމަކު މުބާރާތްތަކަށް ގޮތެއް ނިންމާނީ ޓެކްނިކަލް ޓީމާ މަޝްވަރާ ކުރުމަށްފަހުގައި ކަމަށާއި، ނަމަވެސް މިހާރު ކޭސްތައް ދާ ގޮތުން ކުޅިވަރު ހަރަކާތްތަކަށް ލުޔެއް ދެވޭނެހެން ހީނުވާ ކަމަށްވެސް ޑރ. އަލީ ލަތީފް ވިދާޅުވިއެވެ.

ލީގު މެދުކަނޑާލުމުން ކުލަބުތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ލީގު އަލުން ފެށުމުގެ މަޝްވަރާތައް މިހާރު ކުރިއަށްދާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.

ކޮވިޑާ ގުޅިގެން ކުއްލި ގޮތަކަށް ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މެދުކަނޑާލިއިރު، މިހާތަނަށް ލީގުން ކޮވިޑުގެ ކޭހެއް ރިޕޯޓުކޮށްފައެއް ނުވެއެވެ. އެއާއެކު ހެދިފައިވާ އުސޫލުތަކުގެ ދަށުން ލީގުގެ ކުޅުން ކުރިއަށްދަނިކޮށް، އެޗްޕީއޭއިން ނެރުނު އައު އުސޫލުތަކާ ގުޅިގެން ލީގު މެދުކަނޑާލުމަކީ ފުޓްބޯޅައިގެ ގިނަ ބަޔަކަށް ގަބޫލުރަން ދަތިވި ނިންމުމެކެވެ.

ދެވަނަ ބުރުގެ މެދުތެރެއިން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ވަގުތީ ގޮތުން މެދުކަނޑާލިއިރު، އެޗްޕީއޭގެ ހާއްސަ ހުއްދައެއްގެ ދަށުން މި ސީޒަން ފަށާފައިވަނީ މދިޔަ ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހުއެވެ. އެގޮތުން ޗެރިޓީ ޝީލްޑް މެޗުން ސީޒަން ފެށިއިރު، ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފަށާފައިވަނީ އެ މަހުގެ 13 ވަނަ ދުވަހުއެވެ. އަދި ދެވަނަ ބުރުގެ މެދުތެރެއިން ލީގު މެދުކަނޑާލިއިރު، މިހާތަނަށް ލީގުގައި ވަނީ ޖުމްލަ 34 މެޗު ކުޅެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް