އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ ޓޮޓެންހަމް ހޮޓްސްޕާ ބަލިކޮށް ތާވަލުގެ އެއްވަނައިގައި މެންޗެސްޓާ ސިޓީން ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ސިޓީ މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ސިޓީން ވަނީ ހުރިހާ މުބާރާތެއްގައި އެންމެ ފަހުން ކުޅުނު 16 މެޗުންވެސް މޮޅުވެފައެވެ. އަދި ލީގުގައި އެންމެ ފަހުން ކުޅުނު 11 މެޗުންވެސް ސިޓީ ވަނީ މޮޅުވެފައެވެ.
ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުގައި ސިޓީން މޮޅު ކުޅުމެއް ދެއްކިއިރު، ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރޮޑްރީއެވެ. މިއީ އޭރިއާތެރެއިން ސިޓީގެ އިލްކާއި ގުންޑޮގާނަށް ޓޮޓެންހަމުގެ ޕިއޭ-އެމީލް ހޮއިބިއޭ ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީ އެކެވެ.
މި މެޗުގެ ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި އިލްކާއި ގުންޑޮގާން ސިޓީއަށް ލީޑު ފުޅާކޮށްދިންއިރު، މެޗުގެ 66 ވަނަ މިނެޓުގައި ސިޓީން ކާމިޔާބުކުރި ތިންވަނަ ލަނޑުވެސް އެ ޓީމަށް ޖަހައިދިނީ މި ފަހަކަށް އައިސް ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ގުންޑޮގާނެވެ.
މި މޮޅާއެކު ތާވަލުގެ އެއްވަނައިގައި ސިޓީން ހަތް ޕޮއިންޓުގެ ލީޑެއް ނެގިއިރު، އެ ޓީމަށް ވަނީ ކުޅުނު 23 މެޗުން 53 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް ލެސްޓާ ސިޓީއަށް 24 މެޗުން 46 ޕޮއިންޓް ލިބިފައިވާއިރު، މެންޗެސްޓާ ޔުނައިޓެޑް ތިންވަނައިގައި އޮތީ 23 މެޗުން 45 ޕޮއިންޓް ހޯދައިގެންނެވެ. އަދި ސިޓީ އަތުން ބަލިވި ޓޮޓެންހަމް އޮތީ ތާވަލުގެ ނުވަވަނައިގައި 23 މެޗުން 36 ޕޮއިންޓާއެކުއެވެ.