ކޮވިޑް-19އާ ގުޅިގެން މާލެ ސަރަހައްދުގައި ފިޔަވަޅުތައް ހަރުކަށިކޮށް ޑިއުޓީތަކަށް ދާ ފަރާތްތަކަށް ދާއިމީ ފާހެއް ނުދީ ދާން ޖެހޭ ކޮންމެ ގަޑިއެއްގައި ޕޯޓަލް މެދުވެރިކޮށް ފާހަކަށް އެދެން ޖެހޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މާލެ ސަރަހައްދުގައި އެންމެ ފުރަތަމަ ލޮންޑައުން ކުރި އިރު ވެސް ވިޔަފާރިއަށާއި ކޮންމެހެން ނިކުންނަން ޖެހޭ ޒަރޫރީ ބޭނުންތަކަށް ނުކުތުމަށް ފުލުހުން ހާއްސަ ފާސް ދޫކުރީ ވަކި ޕޯޓަލްއެއް މެދުވެރިކޮށް އެދުމުން ވަކި ވަގުތަކަށެވެ. ނަމަވެސް އޭރު ވަޒީފާތަކާއި ޑިއުޓީއަށް ނިކުންނަން ޖެހޭ މީހުންނަށް ދާއިމީ ފާސް ދޫކޮށްފައިވެއެވެ.
އެޗްއީއޯސީން ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު ވިދާޅުވީ މިހާރުން ފެށިގެން ގެނެސްފައިވާ ބަދަލުގައި ވާގޮތުން ޑިއުޓީތަކުގައި 24 ގަޑި އިރު މަސައްކަތްކުރާ ތަންތަނުގެ މުވައްޒަފުންނަށް ފާސް ދޫކުރަން ހަމަޖެހިފައި އޮތީ ފުލުހުންގެ ޕާމިޓް ޕޯޓަލް މެދުވެރިކޮށް، އެ ދާން ޖެހޭ ގަޑިއެއްގައި ވަގުތީ ފާހަށް އެދޭ ގޮތަށް ކަމަށެވެ. އަދި ފާސް ދޫކުރާނީ މެސެޖެއް މެދުވެރިކޮށް ކަމަށާއި ހުއްދަ ލިބޭނީ 10 މިނެޓާއި 30 މިނެޓާ ދެމެދުގެ ވަގުތަކަށް ކަމަށް ވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އިރު އޮއްސި ހަޔަކުން ފެށިގެން އެއްގަމު އުޅަނދު ނުދުއްވޭގޮތަށް ހަމަޖައްސާފައިވާއިރު، އެ ގަޑިތަކުގައި ކެފޭ ރެސްޓޯރަންޓުގެ ޑެލިވަރި ހިދުމަތަށާއި ގެސްޓު ހައުސްތަކަށް އަދި ޓެކްސީތަކަށް ވެސް ފާސް ދޫކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
އެގޮތުން ކޮންމެ ކެފޭ ރެސްޓޯރަންޓެއްގެ ވެސް ދެ އުޅަނދަކަށް އިރު އޮއްސި ހަޔަކާ 10:30އާ ދެމެދުގެ ގަޑިތަކުގައި ޑެލިވަރި ހިދުމަތް ދިނުމަށް ފާސްދޫކޮށްފައިވާނެ ކަމަށާއި، ގެސްޓު ހައުސްތަކުން އެއާޕޯޓް ދަތުރުތަކަށް އެއް ވެހިކަލްއަށް ހުއްދަ ދޫކުރާނެ ކަމަށާއި ޓެކްސީ ސެންޓަރުތަކުން ކޮންމެ ސެންޓަރަކުން 10 ޓެކްސީ އަށް ހުއްދަ ދޫކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި މީގެ އިތުރަށް ހޮސްޕިޓަލަށް އަދި ސަހަރާ ފަދަ ތަންތަނަށް ދާން ޖެހޭ ހާލަތުގައި އެމެޖެންސީ ޕާމިޓް ދޫކުރާ ކަމަށާއި އެއީ ވެސް އެސްއެމްއެސް މެދުވެރިކޮށް ދޫކުރާ ޕާމިޓެއް ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގައި ފެންނަ ކޮވިޑް ކޭސްތަކުގެ އަދަދު އިތުރުވަމުން އަންނައިރު ފިޔަވަޅުތައް ވެސް މިވަނީ ވަރުގަދަކޮށްފައެވެ. މާލެ ސަރަޙައްދުގައި އެއްފަހަރާ 10 މީހުނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމުތަންތަނަށް އެއްވެ އުޅުން މަނާކޮށްފައިވާއިރު މާލެ ސަރަޙައްދުގައި އެއްގަމު އުޅަނދު ދުއްވާ ގަޑިތަކަށްވެސް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑިތަކުގެ ގޮތުގައި ހަވީރު 06:00ން ފެށިގެން ހެނދުނު 06:00ށް ވަނީ ކަނޑައަޅާފައެވެ.