ކ. މާލެ
|
14 ފެބްރުއަރީ 2021 | އާދީއްތަ 00:41
ޕީއެސްޖީ އާއި ނީސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޕީއެސްޖީ މޮޅުވީ 2-1 ން
ޕީއެސްޖީ އާއި ނީސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޕީއެސްޖީ މޮޅުވީ 2-1 ން
ގެޓީ އިމޭޖަސް
ފްރެންޗް ލީގު
ނީސް އަތުން ޕީއެސްޖީއަށް ހަނި މޮޅެއް
ނީސް އަތުން ޕީއެސްޖީ މޮޅުވީ 2-1 ގެ ނަތީޖާއަކުން
ތާވަލުގެ އެއްވަނައިގައި ޕީއެސްޖީ އޮތީ 54 ޕޮއިންޓާއެކު

ފްރެންޗް ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ނީސް އަތުން އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ ހަނިގޮތަކަށް މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޕީއެސްޖީ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި އަނިޔާގެ ސަބަބުން ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލުގެ ތަރި ނޭމާ އާއި އާޖެންޓީނާގެ ތަޖުރިބާކާރު ފޯވާޑް އެންހެލް ޑި މާރިއާ ކުޅެފައެއް ނުވެއެވެ. އަދި މި އަނިޔާތަކުގެ ސަބަބުން މި ހަފުތާގައި ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗުގައިވެސް އެ ދެ ކުޅުންތެރިންނަށް ނުކުޅެވޭނެއެވެ.

ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޕީއެސްޖީންނެވެ. މެޗުގެ 22 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖޫލިއަން ޑްރެކްސްލާއެވެ.

އެކަމަކު ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި ރޮނޫ ލޯޕެސް ވަނީ ނީސްއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މި މެޗުން ޕީއެސްޖީ މޮޅުވީ 76 ވަނަ މިނެޓުގައި މޮއިސް ކީން ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިއީ މި ސީޒަނުގައި އެވަޓަނުގެ ލޯނު އެއްބަސްވުމެއް ދަށުން ކުޅެމުން އަންނަ ކީން ލީގުގައި ކާމިޔާބުކުރި 10 ވަނަ ލަނޑެވެ.

މި މޮޅާއެކު ޕީއެސްޖީ އޮތީ ތާވަލުގެ އެއްވަނައިގައި ކުޅުނު 25 މެޗުން ލިބުނު 54 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ލިލްއަށްވެސް އެ އަދަދަށް ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމުން ކުޅެފައިވަނީ 24 މެޗެވެ. އަދި ހޮނިހިރު ދުވަހުގެރޭ ޕީއެސްޖީ އަތުން ބަލިވި ނީސް އޮތީ ތާވަލުގެ 14 ވަނައިގައި 24 މެޗުން 29 ޕޮއިންޓާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް