ހޮނިހިރު ދުވަހު މާލެ ސަރަހައްދުން ވެކްސިން ޖެހި މީހުންގެ އަދަދު 5،717ށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ)އިން ބުނެފިއެވެ.
އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ބުދަ ދުވަހު ވެކްސިން ޖެހި 5،717 މީހުންގެ ތެރެއިން 4،609 މީހުން ވެކްސިން ޖެހީ މާލެ ސަރަހައްދުންނެވެ. އަދި އަތޮޅުތެރެއިން ވެކްސިން ޖެހި މީހުންގެ އަދަދު ވަނީ 1،108ށް އަރާފައެވެ.
މިއާއެކު ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދު 33،106ށް އަރާފައިވާއިރު، އޭގެ ތެރެއިން މާލެ ސަރަހައްދުން ވެކްސިން ޖެހި މީހުންގެ އަދަދަކީ 27،065އެވެ. އަދި އަތޮޅުތެރެއިން ވެކްސިން ޖެހި ޖުމްލަ އަދަދަކީ 6،041އެވެ.
މި މަހުގެ އެއްވަނަ ދުވަހު މުޅި ރާއްޖޭގައި ވެކްސިން ޖަހަން ފަށައި މިހާތަނަށް 13 ދުވަސްވެފައިވާއިރު މިހާރު އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ ހުރިހާ އެންމެނަށް ވެސް ވެކްސިން ޖެހުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ރާއްޖޭގައި މިހާރު ޖަހަން ފަށާފައި ވަނީ ކޮވިޝީލްޑް ވެކްސިންއެވެ. އަދި ޗައިނާއިން އުފައްދާ ސިނޮފާމް ވެކްސިން ވެސް މިހާރު ހެޔޮ އެދޭ ފަރާތްތަކާއި ޗައިނާ ސަރުކާރުން ރާއްޖެ އަށް ހަދިޔާކޮށްފައިވާއިރު އަދި އެ ވެކްސިން ރާއްޖޭގައި ޖަހާކަށް ނުފަށައެވެ.