ކ. މާލެ
|
13 ފެބްރުއަރީ 2021 | ހޮނިހިރު 18:14
އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އައި ސްޕެއިނުގެ ފޯވާޑް ޑިއޭގޯ ކޮސްޓާ
އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އައި ސްޕެއިނުގެ ފޯވާޑް ޑިއޭގޯ ކޮސްޓާ
ގެޓީ އިމޭޖަސް
ކޮސްޓާ ޕަލްމެއިރަސްއާ ގުޅުން
ކޮސްޓާ ބްރެޒިލުގެ ޕަލްމެއިރަސްއަށް؟
ފިނި މޫސުމުގެ ޓްރާންސްފާގައި ކޮސްޓާ އެއްވެސް ޓީމަކާ ގުޅިފައެއް ނުވޭ
ޕަލްމެއިރަސްއާ ކޮސްޓާ ގުޅޭނީ ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުން

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެތުލެޓިކޯ މެޑްރިޑުގެ އެއްބަސްވުން އުވާލި ސްޕެއިނުގެ ފޯވާޑް ޑިއޭގޯ ކޮސްޓާ ދެކުނު އެމެރިކާ ޗެމްޕިއަން ޕަލްމެއިރަސްއަށް ބަދަލުވާން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އެތުލެޓިކޯއާއެކު ކޮސްޓާ ހަދާފައި އޮތް އެއްބަސްވުން މި އަހަރުގެ ހޫނު މޫސުމުގައި ހަމަވަން އޮތް ނަމަވެސް، ކޮސްޓާ ވަނީ އަމިއްލައަށް އެއްބަސްވުން އުވާލުމަށް އެ ކުލަބުގައި އެދިފައެވެ. އެއާއެކު މިދިޔަ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުގެ އެތުލެޓިކޯއިން ވަނީ ކޮސްޓާގެ އެދުމުގެ މަތިން އޭނާގެ އެއްބަސްވުން އުވާލާފައިވާކަން ހާމަކޮށްފައެވެ. ރިޕޯޓުތައް ބުނާ ގޮތުން އުމުރުން 32 އަހަރުގެ ކޮސްޓާ އާއި އެތުލެޓިކޯގެ ކޯޗިން ސްޓާފަކާ މައްސަލަޖެހި، އޭނާ އެ ޓީމު ދޫކޮށްލަން ނިންމީ އެ ޓީމާއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އޮތް ހަ މަސް ދުވަހަށް އެއްވެސް ބަދަލެއް ހޯދުމެއް ނެތިއެވެ.

އެތުލެޓިކޯ އެއްބަސްވުން އުވާލި ނަމަވެސް، މިދިޔަ ފިނި މޫސުމުގެ ޓްރާންސްފާގައި ކޮސްޓާ އެއްވެސް ޓީމަކާ ގުޅިފައެއް ނުވެއެވެ. ރިޕޯޓުތައް ބުނާ ގޮތުން ކޮސްޓާ މިހާރު ވަނީ ދާދި ފަހުން ދެކުނު އެމެރިކާ ޗެމްޕިއަންކަން ހޯދި ބްރެޒިލުގެ ޕަލްމެއިރަސްއާ ގުޅެން އެއްބަސްވެފައެވެ. އަދި އޭނާ ޕަލްމެއިރަސްއާ ގުޅޭނީ ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ކޮސްޓާ ޕަލްމެއިރަސްއާ ގުޅޭއިރު، އޭނާ ހޯދުމަށް ތުރުކީ، ގަތަރު އަދި ސައުދީ އަރަބިއްޔާގެ ކުލަބުތަކުންވެސް އަންނަނީ މަޝްވަރާކުރަމުންނެވެ. އަދި މީގެ ކުރިން ކޮސްޓާ ވަނީ އަލުން އަނބުރާ އިނގިރޭސި ޕްރިމިއާ ލީގުގެ ކުލަބަކަށް ބަދަލުވާން ބޭނުންވާ ކަމަށް ބުނެފައެވެ. އެއާއެކު މިދިޔަ ޓްރާންސްފާގައި އޭނާ ހޯދުމަށް ވުލްވްސްއިން ވަނީ މަސައްކަތް ކޮށްފައެވެ.

އެތުލެޓިކޯ ދޫކޮށްލި ފަހުން އަދި މިހާތަނަށް ކޮސްޓާ ޓީމަކާ ގުޅިފައި ނުވާއިރު، މީގެ ކުރިން އޭނާ ވަނީ ޗެލްސީއަށްވެސް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ކޮސްޓާ ވަނީ ޗެލްސީއާއެކު އިނގިރޭސި ޕްރިމިއާ ލީގު ދެ ފަހަރު އަދި އިނގިރޭސި ލީގު ކަޕް އެއް ފަހަރު ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ އެތުލެޓިކޯއާއެކު ސްޕެނިޝް ލީގު، ސްޕެނިޝް ކަޕް އަދި ޔުއެފާ ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 މިނެޓު ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް