ކ. މާލެ
|
13 ފެބްރުއަރީ 2021 | ހޮނިހިރު 16:03
އަލީ އަޝްފާގު (ދަގަނޑޭ) (ކ)، އަކުރަމް އަބްދުލް ޣަނީ (އަކޫ) (ވ)
އަލީ އަޝްފާގު (ދަގަނޑޭ) (ކ)، އަކުރަމް އަބްދުލް ޣަނީ (އަކޫ) (ވ)
އެފްއޭއެމް
ދަގަނޑޭ އާއި އަކޫ ދިފާޢުކުރުން
ޤައުމީ ކުޅުންތެރިންގެ ދިފާޢުގައި މަޙްލޫފާއި އެފްއޭއެމް
ސީރިއާއަށް ޖިހާދުވާން ދިޔުމަށް ކުޅުންތެރިން ތައްޔާރުވެފައިވާ ކަމަށް ބުނެ ވާހަކަތަކެއް ވަނީ ފަތުރާފައި
އެއްބަޔަކު އަނެއްބަޔަކަށް އިޙުތިރާމުކޮށްގެން އުޅެން ދަސްކުރަންޖެހޭ ކަމަށް މަޙްލޫފް ވިދާޅުވި
ކަމާ ގުޅޭ އިދާރާތަކުން މި މައްސަލަ ތަޙުޤީޤު ކުރުމަށް އެފްއޭއެމުން ވަނީ ގޮވާލާފައި

ޤައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި ދައްކާފައިވާ ވާހަކަތައް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފާއި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުށްވެރިކޮށްފިއެވެ.

ދާދި ފަހުން ސޯޝަލް މީޑިއާގައި ވަނީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އަދި ޤައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ޣަނީ (އަކޫ) އާ ގުޅުވައިގެން ވާހަކަތަކެއް ފަތުރާފައެވެ. އެގޮތުން އެ ކުޅުންތެރިންނަކީ ސީރިއާއަށް ޖިހާދުވާން ދިޔުމަށް ތައްޔާރުވެފައިވާ ބައެއް ކަމަށާއި، ޓީމު ބަލިވެއްޖެނަމަ ދަނޑުވެސް ގޮއްވާލާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަތަކެއް ފެތުރުނެވެ.

އެއާއެކު އެކަން ގިނަ ދިވެހިން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރިއިރު، މިކަމާ ގުޅިގެން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފު ވަނީ ދަގަނޑޭ އާއި އަކޫ އަކީ ދިވެހި ޤައުމީ ބަޠަލުން ކަމަށް ވިދާޅުވެ ޓްވީޓެއް ކުރައްވާފައެވެ. އަދި މި ޓްވީޓުގައި މަޙްލޫފް ވިދާޅުވީ ތުނބުޅި އާއި ބުރުގާ އަޅާފައި ތިބޭ އެންމެނަކީ ހައްދުފަހަނައަޅާފައިވާ ބައެއް ކަމަށް ދެކޭ ވިސްނުން ބަދަލުކުރަންޖެހޭ ކަމަށެވެ. އަދި މުޖުތަމަޢުގައި ތަފާތު ވިސްނުމުގެ މީހުން އުޅޭނެ ކަމަށާއި، އެކަމަކު ޚިޔާލު ތަފާތުވިޔަސް އެއްބަޔަކު އަނެއްބަޔަކަށް އިޙުތިރާމުކޮށްގެން އުޅެން ދަސްކުރަންޖެހޭ ކަމަށްވެސް މަޙްލޫފް ވިދާޅުވިއެވެ.

އަދި މި ވާހަކަތައް ކުށްވެރިކޮށް އެފްއޭއެމުންވެސް ބަޔާނެއް ނެރުނު، އެ ބަޔާނުގައި ވަނީ ޤައުމީ ކުޅުންތެރިންގެ ދިފާޢުކޮށް، އެ ކުޅުންތެރިންނާ ދެކޮޅަށް ފެތުރި ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

މި ބަޔާނުގައި އެފްއޭއެމުން ބުނީ ރާއްޖޭގެ އެއްވެސް ފުޓްބޯޅަ ކުޅުންތެރިއަކީ ހަނގުރާމަވެރި ނުވަތަ ރާއްޖޭގެ ޤާނޫނުތަކާއި، ބައިނަލްއަގުވާމީ ފުޓްބޯޅައިގެ ގަވާއިދުތަކާ ޚިލާފުވާފަދަ އަމަލުތަކާއި، ޖަމުޢިއްޔާތަކާ އެއްވެސް މިންވަރަކަށް ގުޅިފައިވާ ބައެއްކަން އެ އެސޯސިއޭޝަނަށް މިހާތަނަށް ފާހަގަކުރެވިފަނުވާ ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވާހަކަތަކުގެ ސަބަބުން ދިވެހި ފުޓްބޯޅަ އާއިލާ އަށާއި، ކުޅުންތެރިންނާއި، އެ ކުޅުންތެރިންގެ އާއިލާތަކަށް އަގު ނުކުރެވޭފަދަ ގެއްލުންތަކެއް ކުރިމަތިވަމުން އަންނަކަން ފާހަގަވެފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

މީގެ އިތުރުން މިއީ ފުޓްބޯޅައިގައި ބައިނަލްއަގުވާމީ ގޮތުން ކުރިއަށްދާން ރާއްޖެއަށް ގިނަގުނަ ހުރަސްތަކެއް ކުރިމަތިވެދާނެފަދަ ވާހަކަތަކަކަށްވެފައި، މި މުޖުތަމަޢުގައިވެސް ފިތުނަފަސާދަ އާއި ބިރުވެރިކަން އުފެދޭފަދަ ނޭދެވޭ ވާހަކަތަކެއް ކަމަށްވެސް އެފްއޭއެމުގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ދަގަނޑޭ އާއި އަކޫއާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ވާހަކަތެއް ފެތުރުނުއިރު، އެފްއޭއެމުން ވަނީ ކަމާ ގުޅޭ އިދާރާތަކުން މި މައްސަލަ ފުރިހަމައަށް ތަޙުޤީޤު ކުރުމަށް ގޮވާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް
13 ފެބްރުއަރީ 2022 | އާދީއްތަ 00:56
މުސްލިމް އަޚް
ދީނާ އެއް ގޮތައް ތުނބުޅި ބެހެއްޓުމަކުން ކޮބާތޯ މައްސަލައަކީ. އަހަރުމެންވެސް އެކަމާ އުފާކޮށް ހެޔޮކޮށް އުޅެވޭތޯ އެއް ނޫންތޯބަލަންވީ؟