ކ. މާލެ
|
13 ފެބްރުއަރީ 2021 | ހޮނިހިރު 13:34
އައްޑޫ ސިޓީ، ކޭސްތައް ފެނުމާއި ގުޅިގެން މިހާރު ވަނީ މޮނިޓަރިންއަށް ލާފައި
އައްޑޫ ސިޓީ، ކޭސްތައް ފެނުމާއި ގުޅިގެން މިހާރު ވަނީ މޮނިޓަރިންއަށް ލާފައި
ދަ އެޑިޝަން
އައްޑޫ ސިޓީގައި ކޮވިޑް-19 ފެތުރުން
އައްޑޫ ސިޓީން މިހާތަނަށް 53 މީހުން ޕޮޒިޓިވް، ޑައިރެކްޓް ކޮންޓެކްޓުން ގިނަ!
ހިތަދޫއިން 17 މީހުން، ހުޅުދޫ-މީދޫއިން 25 މީހުން ޕޮޒިޓިވްވެފައިވޭ
މަރަދޫފޭދޫއިން 4 މީހުން ޕޮޒިޓިވްވެފައިވޭ
އާދިއްތަ އަދި ހޯމަ ދުވަހު ސަރވައެލެންސްގެ މަސައްކަތްތައް ކުރިއަށްދާނެ

އައްޑޫ ސިޓީން މިހާތަނަށް 53 މީހުން ކޮވިޑް-19ށް ޕޮޒިޓިވްވެ، ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި 300ށް ވުރެ ގިނަ މީހުން ފާހަގަކުރެވިއްޖެއެވެ.

އައްޑޫ އެމަރޖެންސީ އޮޕްރޭޝަން ސެންޓަރުން ބުނީ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00ން ހުކުރު ދުވަހުގެ އިރުއޮއްސި 6:00ށް އެކަކު ޕޮޒިޓިވްވެފައިވާ ކަމަށާއި، މިހާތަނަށް 53 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި 341 މީހުން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވާ ކަމަށެވެ.

އެސެންޓަރުން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ހިތަދޫއިން 17 މީހުން، ހުޅުމީދޫއިން 25 މީހުން، ފޭދޫއިން 7 މީހުން އަދި މަރަދޫފޭދޫއިން 4 މީހުން ޕޮޒިޓިވްވެފައިވެއެވެ. އެޑްމިޓްކޮށްގެން އެކަކަށް ފަރުވާ ދެމުންދާއިރު، 172 ގެއެއް ވަނީ ކަރަންޓީންއަށްލާފައެވެ.

އައްޑޫގެ އާއްމު ހަލާތާއި ބެހޭ ގޮތުން ރާއްޖެއެމްވީއަށް އައްޑޫ ސިޓީ މޭޔަރު އަބްދުﷲ ސޯދިގު ވިދާޅުވީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމިފައިވާ ކަމަށާއި، ބަލި ފެތުރިފައިވާ މިންވަރު ބެލުމަށް އާދިއްތަ އަދި ހޯމަ ދުވަހު ސަރވައިލެންސްގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. އަދި ވިދާޅުވީ 600ށް ވުރެ ގިނަ ސާމްޕަލްތައް ނަގާފައިވާ ކަމަށެވެ.

އާއްމު ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބޭކަން ފާހަގަކުރައްވައި މޭޔަރު ވިދާޅުވީ އަޅާފައިވާ ފިިޔަވަޅުތަކާ އެއްގޮތަށް ހުރިހާ ރައްޔިތުން ވެސް އަމަލު ކުރަމުންދާ ކަމަށެވެ. އެގޮތުން މާސްކް ނާޅާ ރައްޔިތަކު ނޫޅޭ ކަމަށާއި، ކެފޭ، ރެސްޓޯރަންޓް އަދި ފިހާރަތަކުން ވެސް ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރަމުންދާ ކަމަށް މޭޔަރު ވިދާޅުވިއެވެ.

މީގެ އިތުރުން މޭޔަރު ވިދާޅުވީ އަސާސީ ހުރިހާ ޚިދުމަތެއް ލިބޭ ކަމަށާއި، ބޭނުންވާ މުދާ ވެސް ލިބޭ ކަމަށެވެ. އަދި ބޭހާއި، ކާބޯތަކެތީގެ ދަތިކަމެއް ކުރިމަތިނުވާކަން މޭޔަރު ފާހަގަކުރެއްވިއެވެ.

އައްޑޫ ސިޓީން ދެ ކްލަސްޓަރއެއް ފެނިފައިވެއެވެ. އެއީ ޕްރޮޖެކްޓް ސައިޓަކުން ފެނުނު ކްލަސްޓަރއަކާއި، އޭވިއޭޝަން ކްލަސްޓަރއެކެވެ. ޕްރޮޖެކްޓް ސައިޓް ކްލަސްޓަރއާ ގުޅިގެން ހުޅުދޫމީދޫއިން ނެގި ހުރިހާ ސާމްޕަލެއް ވަނީ ނެގެޓިވްވެފައެވެ. އެކްލަސްޓަރ ކޮންޓެއިންވެފައިވީ ނަމަވެސް އޭވިއޭޝަން ކްލަސްޓަރ އޮތީ އެކްޓިވްކޮށްށެވެ.

- ކޮމެންޓް