ކ. މާލެ
|
13 ފެބްރުއަރީ 2021 | ހޮނިހިރު 09:53
ފުވައްމުލަކުގައި ޕާޓީތަކާއި ޙަފްލާތައް ބޭއްވުން ވަނީ މަނާކޮށްފައި
ފުވައްމުލަކުގައި ޕާޓީތަކާއި ޙަފްލާތައް ބޭއްވުން ވަނީ މަނާކޮށްފައި
ގޫގްލް މެޕްސް
ކޮވިޑް-19 - ފުވައްމުލަކުގެ ހާލަތު
ފުވައްމުލަކުން އަނެއްކާ ވެސް އިތުރު ތިން ކޭސް
ފުވައްމުލަކު ސީޓީން ފެނުނު ކޭސްތަކުގެ އަދަދު ވަނީ 14ށް އަރާފައި
ކާފިއު ގަޑީގައި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާ
ހުރިހާ ކުޅިވަރު ޙަރަކާތްތަކާއި ކަސްރަތުގެ ޙަރަކާތްތައް ހުއްޓާލުމަށް ވަނީ އަންގާފައި

ފުވައްމުލައް ސިޓީއިން އިތުރު ތިން މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ބުނެފިއެވެ.

ހުކުރު ދުވަހުގެ ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ސެންޓަރުން ބުނީ ފުވައްމުލަކު ސިޓީން އިތުރު ތިން ކޭސް ފެނިފައިވާ ކަމަށާއި އެއާއެކު އެ ސީޓީން ފެނުނު ކޭސްތަކުގެ އަދަދު 14ށް އަރާފައިވާ ކަމަށެވެ.

ކޮވިޑުގެ ކޭސްތަކެއް ފެންނަމުންދާ މިންވަރު އިތުރުވުމާއެކު ފުވައްމުލަކު ސިޓީގައި ރޭގަނޑު 08:00ން ފަތިހު 04:00ށް ކާފިއު ހިންގައި، އެއްގަމު އުޅަނދު ދުއްވުންވެސް މަނާ ކުރުމަށް ވަނީ ނިންމާފައެވެ.

އެގޮތުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހުކުރު ދުވަހު ނެރުނު އިއުލާނެއްގައި ބުނީ، މިހިނގާ ފެބްރުއަރީ މަހުގެ ހޮނިހިރު ދުވަހުން ފެށިގެން 7 ދުވަހުގެ މުއްދަތަކަށް ފުވައްމުލަކު ސިޓީގައި ރޭގަނޑު 08:00ން ފަތިހު 04:00ށް ކާފިއު ހިންގައި، އެއްގަމު އުޅަނދު ދުއްވުންވެސް މަނާވާނެ ކަމަށާއި، ޕާޓީތަކާއި ޙަފްލާތައް ބޭއްވުންވެސް މަނާވާނެ ކަމަށެވެ.

އޭގެ އިތުރުން، ގޭގެއަށް ޒިޔާރަތް ކުރުން ހުއްޓާލުމަށްވެސް ވަނީ އަންގާފައެވެ. އަދި އެއްފަހަރާ 3 މީހުންނަށްވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތަނަށް ނުކުމެ އުޅުންވެސް ހުއްޓާލުމަށް އަންގާފައިވާއިރު، ސެލޫންތަކާއި، ޖިމްތަކާއި، ބޯކޮށާ ތަންތަންވެސް ބަންދު ކުރުމަށް ވަނީ އަންގާފައެވެ.

ފުވައްމުލަކު ސިޓީގައި އަޅާފައިވާ އިތުރު ފިޔަވަޅުތަކުގެ ތެރޭގައި ހުރިހާ ކުޅިވަރު ޙަރަކާތްތަކާއި ކަސްރަތުގެ ޙަރަކާތްތައް ހުއްޓާލުމަށް އެންގުމާއި، ފިހާރަތަކާއި ޓެކްސީތަކުން ޚިދުމަތްދޭއިރު، އެޗްޕީއޭގެ ގައިޑްލައިންތަކަށް އަމަލު ކުރުމަށް އެންގުން ހިމެނެއެވެ.

ކޮވިޑާ ގުޅިގެން ފުވައްމުލަކު ސިޓީގެ ޔުނިވަރސިޓީތަކާއި، ކޮލެޖުތަކާއި، ސުކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިއަށް ގެންދިއުންވެސް ވަނީ ހުއްޓާލުމަށް އަންގާފައެވެ. ހަމައެއާއެކު، ހޮޓާ ކެފޭ ރެސްޓޯރަންޓުތަކުންވެސް ޚިދުމަތް ދިނުން ހުއްޓާލުމަށް އަންގާފައިވާއިރު، އޭގެ ތެރެއިން ޑެލިވަރީގެ ޚިދުމަތްތައް އިސްތިސްނާވެއެވެ.

މި އެންގުމުގެ ދަށުން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި ސަލާމަތީ އަދި ސިއްޙީ ޚިދުމަތް ފޯރުކޮށްދޭ މީހުންނާއި، އައްޑޫ ޓާސްކްފޯހުގައި ހިމެނޭ ފަރާތްތަކުގެ އިތުރުން، އިމަރޖެންސީކޮށް ސިއްޙީ ޚިދުމަތް ހޯދަންޖެހޭ ފަރާތްތައް ހިމެނެއެވެ.

- ކޮމެންޓް