މޯހަން ބާގަން އަށް ފުރުސަތު ނުދީ އައިޒައުލް އެފްސީ އިންޑިއަން ސުޕަ ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
އައިޒައުލް އިން ސުޕާ ލީގުގެ ޗެމްޕިއަންކަން ހޯދީ ހޮނިހިރު ދުވަހު ލީގުގައި ކުޅުނު ފަހު މެޗު ޝިއޮން ލަހޮންއާ ދެކޮޅަށް ކުޅެ 1-1 ގެ ނަތީޖާއިން އެއްވަރުކޮށްގެންނެވެ.
އައިޒައުލް ވަނީ ލީގުގައި ކުޅުނު 18 މެޗުން 37 ޕޮއިންޓް ހަމަކޮށްފައެވެ. އެޓީމާ އެންމެ ކައިރިން ވާދަކުރި މޯހަން ބާގަން އަށް ލިބިފައިވަނީ 18 މެޗުން 36 ޕޮއިންޓެވެ.
Congratulations @AizawlFC ! https://t.co/FUWjLJ0GSl
— The-AFC.com (@theafcdotcom) May 1, 2017
އޭއެފްސީ ކަޕްގައި މާޒިޔާއާ ދެކޮޅަށް ރާއްޖޭގައި އަންނަ އަންގާރަ ދުވަހު ނިކުތުމުގެ ކުރިން މޯހަން ބާގަން ލީގުގައި ކުޅުނު ފަހު މެޗުގައި ޗެންނާއީ ސިޓީއާ ވާދަކޮށް 1-2 ގެ ނަތީޖާއިން ވަނީ މޮޅުވެފައެވެ. އެހެންނަމަވެސް އެޓީމު ހޯދި ތިން ޕޮއިންޓު ލީގުގެ ޗެމްޕިއަންކަން ހޯދުމަކަށް ނުފުދެއެވެ.
މިދިޔަ ސީޒަނުގައި ސުޕާ ލީގުގެ 8 ވަނަ އަށް ދިޔަ އައިޒައުލް އެފްސީ އިންޑިއާގެ ފުރަތަމަ ޑިވިޝަން ކުޅެން ފެށިތާ ވީ އެންމެ ދެއަހަރެވެ. އެގޮތުން އިންޑިއަން ސުޕާ ލިގަކީ އެޓީމުގެ ކުރު ތާރީހުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ. އަދި މިއީ އިންޑިއާގެ ނޯތް އީސްޓް ކްލަބަކުން ސުޕާ ލީގު ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.