ކ. މާލެ
|
13 ފެބްރުއަރީ 2021 | ހޮނިހިރު 04:56
މީހެއްގެ ގަޔަށް ކޮވިޑް ވެކްސިން ޖަހަނީ
މީހެއްގެ ގަޔަށް ކޮވިޑް ވެކްސިން ޖަހަނީ
ރޮއިޓަރސް
ކޮވިޑް-19 އިރުމަތީ ޔޫރަޕްގެ ހާލަތު
އިރުމަތީ ޔޫރަޕްގެ ގައުމުތަކުގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 10 މިލިއަނަށް އަރައިފި
 
4.5 މިލިއަން ވެކްސިން ޑޯޒް މިހާތަނަށް އައިއިރު ޖަހާފައިވޭ
 
އިރުމަތީ ޔޫރަޕްގެ ގައުމުތަކުން 214،691 މީހުން ވަނީ މިބަލީގައި މަރުވެފައި
 
އެސަރަހައްދުގެ ގައުމުތަކުގެ 10.02 މިލިއަން މީހުންނަށް ވައިރަސް ޖެހިފައިވޭ

އިރުމަތީ ޔޫރަޕްގައި ހިމެނޭ ގައުމުތަކުގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 10 މިލިއަނަށް އަރައިފިއެވެ.

ރޮއިޓަރސް ޓެލީން ހާމަވާގޮތުގައި އެސަރަހައްދުގެ ގައުމުތަކުގެ 10.02 މިލިއަން މީހުންނަށް ވައިރަސް ޖެހިފައިވާއިރު 214،691(ދެ ލައްކަ ސާދަ ހާސް ހަސަތޭކަ ނުވަދިހަ އެއް) މީހުން ވަނީ މިހާތަނަށް އައިއިރު މިބަލީގައި މަރުވެފައެވެ. އެހެންނަމަވެސް ދުވާލެއްގެ މައްޗަށް ވައިރަސް ޖެހޭ މީހުންގެ އަދަދު ފާއިތުވި މަސް ދުވަހު އެސަރަހައްދުގެ ގައުމުތަކުގައި ވަނީ 31 އިންސައްތަ ދަށަށް ގޮސްފައިކަމަށް ރޮއިޓރަސް އިން ބުނެއެވެ.

އެސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އެންމެ ގިނަ މީހުންނަށް ބަލި ޖެހިގެން ރިޕޯޓްކުރަމުން އަންނަ ގައުމަކީ ރަޝިޔާއެވެ. ރަޝިޔާއަކީ އެސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ހަތަރު މިލިއަން މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކުރި ފުރަތަމަ ގައުމުވެސްމެއެވެ. ހޯމަ ދުވަހު ރަޝިޔާގައި ވައިރަސް ޖެހުނު މީހުންގެ އަދަދު ހަތަރު މިލިއަނަށް އެރިއިރު އެންމެ ގިނަ އަދަދެއްގެ މީހުން މިބަލީގައި މަރުވެގެން ރިޕޯޓްކުރަމުން އަންނަ ގައުމަކީވެސް ރަޝިޔާއެވެ. ރަޝިޔާއިން 79،194 މީހުން ވަނީ މިހާތަނަށް އައިއިރު މިބަލީގައި މަރުވެފައެވެ.

އިރުމަތީ ޔޫރަޕްގައި ހިމެނޭ ހަތް ގައުމުކަމަށްވާ ރަޝިޔާ، ޕޮލެންޑް، ޗެކްރިޕަބްލިކް، ރޯމޭނިއާ، ހަންގޭރީ އަދި ސޮލަވާކިޔާ އާއި ބަލްގޭރިއާގައި 4.5 މިލިއަން ވެކްސިން ޑޯޒް މިހާތަނަށް އައި އިރު ޖަހާފައިވާކަމަށް އެގައުމުތަކުގެ ހެލްތު މިނިސްޓްރީތަކުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައެވެ.

ރަޝިޔާއިން ވަނީ މިލިއަނެއްހާ ޑޯޒް މިހާތަނަށް އައިއިރު ޖަހާފައެވެ. އެއީ އެގައުމުގެ އާބާދީގެ 0.3 އިންސައްތަ މީހުންނެވެ.

ޔޫރަޕުން އެކަނިވެސް ކޮވިޑްގައި މަރުވި މީހުންގެ އަދަދު 750،000ށް އަރާއިރު ބޭނުންވާ ސްޕީޑްގައި ވެކްސިން ލިބުމުގައި ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކަށް ވަނީ ގޮންޖެހުންތައް ކުރިމަތިވެފައެވެ. އެގޮތުން އެސްޓްރަޒެނިކާ އާއި ފައިޒަރގެ ވެކްސިންގެ ޝިޕްމަންޓްތައް ލިބުމުގައި ލަސްތަކެއް އުޅޭތީ ޔޫރަޕިއަން ޔޫނިއަނުން މިއަހަރުގެ ހޫނު މޫސުން އަންނަންވާއިރަށް އެސަރަހައްދުގެ މީހުންގެ ތެރެއިން އުމުރުން ދޮށީ މީހުންގެ 70 އިންސައްތަ މީހުންނަށް ވެކްސިން ދިނުމަށް ކަނޑައަޅާފައިވާ އަމާޒާ ހިސާބަށް ވާސިލްވުމަށް ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ.

ވެކްސިން ލިބުމުގައި ދިމާވަމުންދާ ދަތިތަކާއި ލަސްތަކުގެ ސަބަބުން އިރުމަތީ ޔޫރަޕްގެ ގައުމުތަކުން ވަނީ ވެކްސިން އުފައްދަމުން އަންނަ އެހެން ގައުމުތަކާއި ވާހަކަދައްކައިގެން އިތުރު ވެކްސިން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ރަޝިޔާ އާއި ޗައިނާފަދަ ގައުމުތަކާއި އެގައުމުތަކުން އަންނަނީ ވާހަކަދައްކަމުންނެވެ.

ހަންގޭރީން ރަޝިޔާއިން ކޮވިޑަށް އުފައްދާފައިވާ ވެކްސިން ކަމުގައިވާ ސްޕަޓްނިކް-ވީ ޖަހަން ވަރަށް އަވަހަށް ފަށާނެކަމަށް ރިޕޯޓްތައް ބުނެއެވެ. ސްޕަޓްނިކް ވީ ވެކްސިންދޭނީ ބޮޑެތި ބަލިތައް ތަހައްމަލުކުރަމުން ނުދާ މީހުންނަށްކަމަށް އެގައުމުން ބުނެއެވެ. މިއާއެކު ހަންގޭރީ ވެގެންދަނީ ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ގައުމުތަކުގެ ތެރެއިން ސްޕަޓްނިކް-ވީ ވެކްސިން ޖަހަން ފަށާނެ ފުރަތަމަ ގައުމަކަށެވެ.

ޗެކްރިޕަބްލިކްގެ ބޮޑުވަޒީރު ވިދާޅުވެފައިވަނީ ޔޫރަޕިއަން މެޑިސިން އެޖެންސީން ސްޕަޓްނިކް ވީ އެމަރޖެންސީ ބޭނުންކުރުމަށް ހުއްދަދެއްދެން އެގައުމުން އަދި މަޑުކުރާނެކަމަށެވެ.

1.2 މިލިއަން މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކުރަމުން އަންނަ ޔޫކްރެއިނުން ބުނެފައިވަނީ އެގައުމުން ޗައިނާ އިން އުފައްދަމުން އަންނަ ވެކްސިން ހޯދުމަށް އެއްބަސްވުމަކަށް އައިސްފައިވާކަމަށެވެ. އަދި ކޮވެކްސް ފެސިލިޓީގެ ދަށުން 8 މިލިއަން ޑޯޒް ލިބޭނެކަމަށް އުންމީދުކުރާ ކަމަށް އެގައުމުން ވަނީ ބުނެފައެވެ.

އެގައުމުން ވަނީ އިންޑިޔާގެ ސެރަމްއިން އުފައްދާފައިވާ އެސްޓްރަޒެނިކާ ވެކްސިން އާއި ނޮވޭވެކްސް ވެކްސިންގެ 12 މިލިއަން ޑޯޒް ހޯދުމަށް އެކުންފުނިތަކާއެކުވެސް އެއްބަސްވުމަކާ ހަމައަށް އައިސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް