މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާތީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އިރުޝާދުގެ މަތިން ކުރިޔަށް އޮތް ދެ ހަފްތާއަށް މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ގްރޭޑް 1ން 6އެއްގެ ދަރިވަރުންގެ ކިޔެވުން ހަމަޖެހިފައިވަނީ އޮންލައިންކޮށް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެކަމާއި ގުޅިގެން އެޑިޔުކޭޝަން މިނިސްޓްރީން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހާ ހަމައަށް ގްރޭޑް 6ން ދަށުގެ ކުދިންނަށް އޮންލައިންކޮށް ކިޔަވައިދޭން ނިންމާފައިވާކަމަށެވެ. އަދި މިއީ އެޗްޕީއޭގެ އިރުޝާދުގެ ދަށުން ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާ ފިޔަވަޅެއްކަމަށް އެމިނިސްޓްރީން ބުނެއެވެ.
ކޮވިޑް-19ގެ ސަބަބުން ދިރާސީ އަހަރަށް ބަދަލު ތަކެއް ގެނެސް ދެވަނަ ޓަރމުގެ ކިޔެވުން ފެށުމަށްޓަކައި ނިއު ނޯމަލްގައި، ސަލާމަތާއި ރައްކާތެރިކަމުގެ އެތައް ފިޔަވަޅުތަކަކާއި އެކު ސްކޫލުތައް އަލުން ހުޅުވިގެން ދިޔައީ މިދިޔަ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުއެވެ. ބޭބީ ނާސަރީއާއި ގްރޭޑް 12 އާ ދެމެދުގެ ހުރިހާ ގްރޭޑެއްގެ ކުދިންވެސް ސްކޫލަށް ހާޒިރުވެގެން މުޅި ރާއްޖޭގައި ކިޔަވައިދޭން ފެށިތާ މާގިނަ ދުވަސްތަކެއް ނުވެ ރާއްޖޭގައި ވަކިން ޚާއްސަކޮށް މާލެ ސަރަހައްދުގައި ކޮވިޑްގެ ކޭސްތައް އިތުރުވާން ފެށިއެވެ.
އެގޮތުން ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު 100ން މަތިން އަންނަނީ ރިޕޯޓްކުރަމުންނެވެ. އަދަދުތައް މަދުވަމުން ނުދާއިރު ވައިރަސް ފެތުރޭ މިންވަރު ކޮންޓްރޯލްކުރުމަށްޓަކައި އެޗްޕީއޭއިން އަޅަމުން އަންނަ ފިޔަވަޅުތައްވެސް އަންނަނީ ހަރުކަށި ކުރަމުންނެވެ. އެގޮތުން ފެބްރުއަރީ 12ން ފެށިގެން އިރުއޮއްސި 6ން ފެށިގެން ފަތިހު 6ށް މާލެ ސަރަހައްދުގައި ދުއްވާ އުޅަނދު ދުއްވުން ވަނީ މަނާކޮށްފައެވެ. އަދި 13 ފެބްރުއަރީން ފެށިގެން މާލެ ސަރަހައްދުގައި 10 މީހުންނަށްވުރެ ގިނައިން އެއް ނުވުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ކިޔެވުން މިދިޔަ އަހަރު މެދުކަނޑާލުމަށް ފަހު ޖުލައި 1 ގައި ވަނީ މާލޭ ސިޓީގެ ސްކޫލްތައް ފިޔަވައި ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ގްރޭޑް 1 ން 12 އަށް ކިޔަވައިދީފައެވެ. އަދި މިދިޔަ އަހަރު ބޮޑުބައި މާލޭ ސްކޫލްތަކުގައި ކިޔެވުން ކުރިޔަށް ގެންގޮސްފައިވަނީ އޮންލައިންކޮށެވެ. ވަކިން ޚާއްސަކޮށް ދަށް ގްރޭޑްތަކުގެ ކުދިންނަށް ކިޔަވައިދީފައިވަނީ އޮންލައިންކޮށެވެ. ސްކޫލަށް ގެނެސްގެން ކިޔަވައިދިނީ ގްރޭޑް 9ން މަތީ ގްރޭޑްތަކުގެ ކުދިންނަށެވެ.