ސިޔާސީ ޕާޓީތަކުންވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން އެކުލަވާލައިފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލު ކުރަން ޖެހޭނެ ކަމަށް އިލެކްޝަން ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
އިލެކްޝަން ކޮމިޝަނުގެ ރައީސް ޝަރީފް ހުކުރު ދުވަހުގެރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ ޕާޓީތަކުންވެސް އެޗްޕީއޭއިން އިއުލާން ކޮށްފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލު ކުރަން ޖެހޭނެ ކަމަށާއި، ހުކުރު ދުވަހު އިދިކޮޅު ކޯލިޝަނުން ބޭއްވި މުޒާހަރާގައި ހިނގާދިޔަ ކަންކަމަށް މުޒާހަރާ އިންތިޒާމްކުރި ޕާޓީއަކުން ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ.
ޝަރީފް މިހެން ވިދާޅުވިއިރު، އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން އަންނަނީ މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޒާހަރާތައް ކުރިޔަށް ގެންދަމުންނެވެ. އަދި އިދިކޮޅުގެ މުޒާހަރާތަކުގައި އެޗްޕީއޭގެ ގައިޑްލައިންތަކާއި ހިލާފަށް މާސްކުނާޅާ، ގައިދުކުރުކަން ނުބަހައްޓާކަން ފާހަގަކޮށްލަން ޖެހެއެވެ.
ރާއްޖޭގެ ހާލަތު ނާޒުކުކަމަށް ވިދާޅުވެ ހުކުރު ދުވަހު އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގުވެސް ވަނީ ޓްވީޓް ކުރައްވާފައެވެ. ނަޒްލާގެ ޓްވީޓުގައި ރާއްޖެ އޮތީ "ކްރިޓިކަލް" ޙާލަތެއްގައިކަން ބަޔާންކޮށް، ވައިރަސް ކޮންޓްރޯލް ކުރުމުގައި ހުރިހާ ފަރުދުންގެވެސް އެއްބާރުލުމަށް ގޮވާލައްވާފައިވެއެވެ.
ޑރ ނަޒްލާ އިތުރަށް ވިދާޅުވީ، ކޮވިޑުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް އިންތިހާއަށް ފަސޭހަ ކަމަށެވެ. އެގޮތުން މާސްކް އެޅުމާއި، އިޖުތިމާއީ ގައިދުރުކަން ފަދަ ކަންކަމަށް ސަމާލުވުމަށް ޑރ ނަޒްލާ ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ނަފްސާއި އެހެން މީހުން ރައްކާތެރި ކުރުމަށް ގޮވާލައްވާފައިވެއެވެ.
ރާއްޖެއިން މިހާރު ފެންނަމުންދާ ކޮވިޑް ކޭސްތައް އުޅެނީ 100ން މަތީގައެވެ. އަދި ކޮންމެ ދުވަހަކުވެސް މާލެ ސަރަޙައްދުން އެތައް ބަޔަކު ޕޮޒިޓިވްވަމުންދާއިރު، އަތޮޅު ތެރެއަށްވެސް މިވަނީ ބަލި ފެތުރިފައެވެ. އަދި މާލެ ސަރަޙައްދުގެ އިތުރުން، އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގައިވެސް މިވަނީ ކާފިއު ހިންގަން ފަށާފައެވެ.