އެގާރަ ރަށެއްގެ ސްކޫލުގައި ކްލާސްރޫމުގެ މަސައްކަތާއި މަލްޓިޕަރޕްސް ހޯލްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެދުމުގެ މަތީން 11 ރަށެއްގެ ސްކޫލުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށާއި، މިމަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.
އެގޮތުން ސ. ހިތަދޫ ޝަރަފުއްދީން ސްކޫލްގައި 18 ކްލާސްރޫމް އިމާރާތް ކުރުމާއި، ތ. ބުރުނީ ސްކޫލްގައި 6 ކްލާސްރޫމް އިމާރާތްކުރުމާއި، ފުވައްމުލައް ސިޓީގެ މުޙައްމަދު ޖަމާލުއްދީން ސްކޫލްގައި 16 ކްލާސްރޫމާއި ކޮމްޕިއުޓަރ ލެބް އިމާރާތް ކުރުމާއި، ފުވައްމުލަކު ސްކޫލްގެ މަލްޓިޕަރޕަސް ހޯލް އިމާރާތް ކުރުމާއި، ލ. އަތޮޅު ތަޢުލީމީ މަރުކަޒުގައި 12 ކްލާސްރޫމް އިމާރާތް ކުރުމާއި، ތ. ގާދިއްފުށީ ސްކޫލުގައި 10 ކްލާސްރޫމް އިމާރާތްކުރުން އަދި ލ. މާވަށު ސްކޫލުގައި 09 ކްލާސްރޫމް އިމާރާތް ކުރުމުގެ މަސައްކަތް ހިމެނެއެވެ.
މީގެ އިތުރުން ތ. އަތޮޅު މަދަރުސާގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ ނުނިމި ހުރި މަސައްކަތާއި، ތ. ވޭމަންޑޫ ސްކޫލްގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ ނުނިމި ހުރި މަސައްކަތާއި ވ. އަތޮޅު ތައުލީމީ މަރުކަޒުގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ ނުނިމި ހުރި މަސައްކަތް އަދި ކެޔޮދޫ ސްކޫލްގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ ނުނިމި ހުރި މަސައްކަތް ހިމެނޭ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މި މަސައްކަތްތަކަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ މަތިން ކަމަށާއި، ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް -/500 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެ ކަމަށެވެ. އަދި ފައިސާ ބަލައިގަންނާނީ ފެބުރުވަރީ 14ން ފެށިގެން 7 މާރިޗަށް، މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ މެދުވެރިކޮށް ކަަމަށެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މިމަސައްކަތްތަކާ ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މިނިސްޓްރީގެ ވެބްސައިޓުން މިމަހުގެ 15ން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށެވެ. އަދި މި ބީލަމާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މައުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެއް ކަމަށް މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން ފިނޭންސް މިނިސްޓްރީން ބުނީ މި ޕްރޮޖެކްޓުތަކާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ މިމަހުގެ 23ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން އީމެއިލްކުރަން ޖެހޭ ކަމަށެވެ.
ބީލަން ހުޅުވުން އޮންނާނީ 8 މާރިޗުވާ ހޯމަ ދުވަހުގެ 10:00 ގައި މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.
އެގާރަ ރަށެއްގެ ސްކޫލުގައި ކްލާސްރޫމުގެ މަސައްކަތާއި މަލްޓިޕަރޕްސް ހޯލްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފައިވާއިރު، ސްކޫލުތައް އެއްދަންފަޅިއަށް ބަދަލު ކުރުމަކީ މިސަރުކާރުގެ ސިޔާސަތެކެވެ. އެގޮތުން ސްކޫލުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.