ކ. މާލެ
|
12 ފެބްރުއަރީ 2021 | ހުކުރު 10:33
ކުލަބު ވޯލްޑް ކަޕުގެ ތަށި ބަޔާނުން އުފުލާލަނީ
ކުލަބު ވޯލްޑް ކަޕުގެ ތަށި ބަޔާނުން އުފުލާލަނީ
ގެޓީ އިމޭޖަސް
ކުލަބު ވޯލްޑް ކަޕް
ކުލަބު ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ބަޔާނަށް
ޓިގްރެސް އަތުން ބަޔާން މޮޅުވީ 1-0 ގެ ނަތީޖާއަކުން
ބަޔާނުން ވަނީ އެއް ސީޒަނެއްގެ ހަ ތަށި އުފުލާލާފައި

މެކްސިކޯގެ ޓިގްރެސް ބަލިކޮށް ފީފާ ކުލަބު ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ޖަރުމަނުގެ ބަޔާން މިއުނިކް ހޯދައިފިއެވެ.

ހަ ބައްރުގެ ޗެމްޕިއަނުންނާއި ހޯސްޓުކުރާ ގައުމުގެ ލީގު ޗެމްޕިއަނުންގެ މެދުގައި ގަތަރުގައި ކުރިއަށްދިޔަ މި މުބާރާތަކީ މިދިޔަ އަހަރުގެ މުބާރާތެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބާއްވަން ތާވަލުކުރި މި މުބާރާތް މި އަހަރަށް ފަސްކުރީ ކޮވިޑް-19 އާ ގުޅިގެންނެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ބަޔާނުން ހޯދީ ބުރާސްފަތި ދުވަހުގެރޭ ކުޅުނު ފައިނަލް މެޗުގައި ޓިގްރެސް އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މި ކާމިޔާބީއާއެކު ބަޔާނުން ވަނީ އެއް ސީޒަނެއްގެ ހަ ތަށި އުފުލާލައިގެން 2009 ވަނަ އަހަރު ބާސެލޯނާއިން ހަދާފައިވާ ރިކޯޑާ ހަމަކޮށްފައެވެ.

ބުރާސްފަތި ދުވަހުގެރޭ ކުޅުނު ފައިނަލް މެޗަށް ބަޔާން ނުކުތްއިރު، އެ ޓީމަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ތަޖުރިބާކާރު ފޯވާޑް ތޯމަސް މުލާ ކޮވިޑް-19 އަށް ޕޮޒިޓިވްވެ މި މެޗުގައި ނުކުޅެވުމެވެ. ދެ ޓީމުގެ ފަރާތުން މި މެޗުގައި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގައި ބަޔާނުން ޖެހި ހަމައެކަނި ލަނޑު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ ދެވަނަ ހާފު ފަށައިގެން ހަވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބެންޖަމިން ޕަވާޑެވެ.

މި މޮޅާއެކު ބަޔާނުން ކުލަބު ވޯލްޑް ކަޕް ކާމިޔާބުކުރިއިރު، މިއީ އެ ޓީމުން މި މުބާރާތް ކާމިޔާބުކުރި ދެވަނަ ފަހަރެވެ. ބަޔާނުން އެންމެ ފުރަތަމަ ކުލަބު ވޯލްޑް ކަޕް ކާމިޔާބުކުރީ 2013 ވަނަ އަހަރުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް