ބުދަ ދުވަހުގެރޭ ސްވަންސީ ސިޓީ އަތުން ހޯދި ރިކޯޑު މޮޅާއެކު އިނގިރޭސި އެފްއޭ ކަޕުގެ ކުއާޓާ ފައިނަލަށް މެންޗެސްޓާ ސިޓީ ދަތުރުކޮށްފިއެވެ.
ރަށުން ބޭރުގައި ކުޅުނު މެޗުން ސިޓީ މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ސިޓީން ވަނީ ހުރިހާ މުބާރާތެއްގައި އެންމެ ފަހުން ކުޅުނު 15 މެޗުންވެސް މޮޅުވެފައެވެ. އެހެންކަމުން ސިޓީ އަކީ އިނގިރޭސި ފުޓްބޯޅަ ތާރީޚުގައި ޖެހިޖެހިގެން 15 މެޗުން މޮޅުވި ފުރަތަމަ ޓީމެވެ. އަދި މި މެޗަކީ ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ސިޓީ މޮޅުވި 200 ވަނަ މެޗެވެ.
ބުދަ ދުވަހުގެރޭ ކުޅުނު މެޗުގައި ސިޓީން މޮޅު ކުޅުމެއް ދެއްކިއިރު، ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މެޗުގެ 30 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކައިލް ވޯކާއެވެ. އަދި ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި ރަހީމް ސްޓާލިން ސިޓީއަށް ލީޑު ފުޅާކޮށްދިންއިރު، އޭގެ ތިން މިނެޓު ފަހުން ގަބްރިއެލް ޖީސޫސް ވަނީ ސިޓީގެ ތިންވަނަ ލަނޑު ޖަހާފައެވެ. މި މެޗުގައި ސްވަންސީން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 77 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މޯގަން ވިޓަކާއެވެ.
މި މެޗުން މޮޅުވެ ކުއާޓާއަށް ސިޓީ ދަތުރުކުރިއިރު، ބުދަ ދުވަހުގެރޭ ޓޮޓެންހަމް ހޮޓްސްޕާ 5-4 ގެ ނަތީޖާއަކުން ބަލިކޮށް އެވަޓަންވެސް ވަނީ ކުއާޓާއަށް ދަތުރުކޮށްފައެވެ. އަދި 1-0 ގެ ނަތީޖާއަކުން ބްރައިޓަން ބަލިކޮށް ލެސްޓާ ސިޓީވެސް މި މުބާރާތުގެ ކުއާޓާގެ ޖާގައެއް ކަށަވަރުކުރިއިރު، ޝެފީލްޑް ޔުނައިޓެޑުން ވަނީ 1-0 ގެ ނަތީޖާއަކުން ބްރިސްޓޯލް ސިޓީ ބަލިކޮށް ކުއާޓާއަށް ދަތުރުކޮށްފައެވެ.