ކ. މާލެ
|
11 ފެބްރުއަރީ 2021 | ބުރާސްފަތި 11:36
ރާއްޖޭގައި ޖަހަމުން ދަނީ ކޮވިޝީލް ވެކްސިން
ރާއްޖޭގައި ޖަހަމުން ދަނީ ކޮވިޝީލް ވެކްސިން
ރައީސް އޮފީސް
އިސްލާމީ މަރުކަޒުގައި ވެކްސިން ދޭންފެށުން
އިސްލާމީ މަރުކަޒުގައި ކޮވިޑް-19 ވެކްސިން ދޭން ފަށައިފި
 
މުޅި ރާއްޖެއިން ވެކްސިން ޖެހި މީހުންގެ އަދަދު 20،106ށް އަރާފައިވޭ
 
ބުދަ ދުވަހު 45 އަހަރުން މަތީގެ މީހުންނަށް ވެކްސިންޖަހަން ވަނީ ފަށާފައި

ބުރާސްފަތި ދުވަހުން ފެށިގެން އިސްލާމީ މަރުކަޒުން ވެސް ކޮވިޑް-19 ވެކްސިން ދޭނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ އުމުރުން 55 އަހަރުން މަތީގެ ހުރިހާ ރައްޔިތުންނަށް ވެކްސިން ދިނުމަށް ނިންމާފައިވާ ކަމަށާއި އުމުރުން 45 އަހަރާއި 55 އަހަރާ ދެމެދުގެ އުމުރުފުރައިގެ މީހުންގެ ތެރެއިން ދިގު މުއްދަތަކަށް ބޭސް ބެނުންކުރާ މީހުންނަށް ހަވީރު 5:00 ޖަހަންދެން ވެކްސިން ދެމުން ގެންދާނެ ކަމަށެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ އުމުރުން 45 އަހަރާއި 55 އަހަރާ ދެމެދު އުމުރުފުރައިގެ މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުން ބުދަ ދުވަހު ފަށާފައިވާއިރު އެޗްޕީއޭއިން ބުނީ ވެކްސިން ދޭން ނިންމާފައިވަނީ އެ އުމުރުފުރައިގެ ތެރެއިން ވަކި ބަލިތަކެއް ހުންނަ މީހުންނަށް ކަމަށެވެ.

އެގޮތުން ހަކުރު ބަލި ހުންނަ މީހުންނާއި ހިތުގެ ބަލި ހުންނަ މީހުންނާއި ސްޓްރޯކް ޖެހުންފަދަ ބަލި ހުންނަ މީހުންނާއި ކިޑްނީ ބަލިތައް ހުންނަ މީހުންނާއި ބައްޔެއްގެ ސަބަބުން ނުވަތަ ބޭނުންކުރާ ބޭހެއްގެ ސަބަބުން ދީފާޢީބާރު ދަށްވެފައިވާ މީހުންނަށް ވެސް ވެކްސިން ދޭން ނިންމާފައިވެއެވެ.

މީގެ އިތުރުން ދިގު މުއްދަތަކަށް ފުރަމޭގެ ބަޔެއްގެ ތަހައްމަލުކުރަމުންދާ މީހުންނާއި އިސްކޮޅާއި އަޅާބަލާއިރު ބަރުދަން މަތި މީހުންނާއި ތެލެސީމިއާ/ސިކްލްސެލް އެނީމިއާ ހުންނަ މީހުންނަށް ވެސް ވެކްސިން ދޭން ވަނީ ނިންމާފައެވެ.

ވެކްސިން ޖެހުމުގެ ކަންތައްތައް ސޯޝަލް ސެންޓަރުން 9:00ން 17:00ށް އަދި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރ (ހުޅުމާލޭ ފްލޫ ކްލިނިކް) 9:00ން 17:00ށް އަދި ވިލިމާލެ ޔޫތު ސެންޓަރުން 9:00ން 13:00ށް ކުރިއަށްދާނެ ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަދި އޭޑީކޭ ހޮސްޕިޓަލް ގުޅިގެން އާންމުންނަށް ކޮވިޑް ވެކްސިން ޖެހުމުގެ އިންތިޒާމް މަޖިލީހުގެ އިދާރާގައި ހަމަޖައްސައި ވެކްސިން ޖަހަން ވަނީ ފަށާފައިވެއެވެ.

މުޅި ރާއްޖެއިން ވެކްސިން ޖެހި މީހުންގެ އަދަދު 20،106ށް އަރާފައިވާއިރު އޭގެ ތެރެއިން 16،703 މީހުންނަކީ މާލެ ސަރަހައްދުން ވެކްސިން ޖެހި މީހުންނެވެ. އަދި 3،458 މީހުން ވެކްސިން ޖެހީ އަތޮޅުތެރެއިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް