ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި މަގާމުން ވަކިކުރި ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގަތީ ސިއްހީ ހާލުކޮޅު ހުރި ގޮތަށް ރިއާޔަތްކޮށް ޑޮކްޓަރުންގެ ލަފަޔާއެކު ކޯޓުން އެކަމަށް ހުއްދަ ދިނުމުން ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ޖިންސީ ގޯނާގެ މައްސަލައެއްގައި ދައުވާ އުފުލައި ޝަރީއަތް ފަށާފައިވާ އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރާއެކު އޭނާ ރާއްޖެއިން އިނގިރޭސިވިލާތަށް ފުރާވަޑައިގަތީ އަންގާރަ ދުވަހުއެވެ.
ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައިސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ އަލީ ވަހީދު ފުރާވަޑައިގަތީ، ޕާސްޕޯޓު ހިފެހެއްޓުމަށް ނެރުނު އަމުރު ކޯޓުން ބާތިލްކުރުމުން ކަމަށެވެ. އަދި ކޯޓުން އެގޮތަށް ނިންމީ ބަލި ހާލަތު ހުރިގޮތުން ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ކްރިމިނަލް ކޯޓުން ބުނީ އޭނާގެ ޕާސްޕޯޓު ދޫކޮށްފައި ވަނީބަލި ހަލާތާ ގުޅޭ ކަންކަން ޑޮކްޓަރުވެސް ހާޒިރުކޮށް ކަށަވަރުކޮށްފައި ކަމަށެވެ.
މިދިޔަ އަހަރު ކޮވިޑް-19ގެ ލޮކްޑައުންގައި ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުން ވަކި ގެސްޓު ހައުސްއެއްގައި ތިބެ މަސައްކަތް ކުރި ދުވަސްވަރު އޭރުގެ މިނިސްޓަރ އަލީ ވަހީދުގެ ފުށުން ޖިންސީ ފުރައްސާރައާއި ކުރިމަތިވެފައިވާ ކަމަށާއި، އަދި އޭގެ ކުރިން ވެސް އެކި ފަހަރު މަތިން އެކަން ތަކުރާރުވެފައިވާ ކަމަށް ބުނެ އެ ވުޒާރާގެ 13 އަށް ވުރެ ގިނަ މުވައްޒަފުން އެ ޝަކުވާ ހުށަހެޅީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށެވެ.
އެ މައްސަލައިގައި އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް އެންގެވުމުންވެސް އޭނާ އިސްތިއުފާ ނުދެއްވުމުން ރައީސް ސޯލިހު އޭނާ މަގާމުން ވަކިކުރެއްވީ މިދިޔަ ޖުލައި މަހުގެ 9 ވަނަ ދުވަހުއެވެ.
އެ މައްސަލަ ތަހުގީގުކޮށް އޭނާގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ދައުވާ އުފުލާފައިވާއިރު މައްސަލައިގެ ޝަރީއަތް މިހާރު ވެސް ދަނީ ކުރިއަށެވެ. ރާއްޖޭގެ ސިޔާސީ ތާރީހަށް ބަލާއިރު، ސިޔާސީ ބޭފުޅެއްގެ މައްޗަށް ޝަރިއަތެއް ކުރިއަށްދަނިކޮށް ބޭރަށް ފުރާވަޑައިގެންފި ނަމަ ވެރިކަން ބަދަލުވުމުގެ ކުރިން ގިނަ ބޭފުޅުން އެނބުރި ގައުމަށް ވަޑައެއްނުގަންނަވައެވެ.