އެމް.އެމް.ޕީ.އާރު.ސީ. މެދުވެރިކޮށް ހިންގި ޚިޔާނާތާއި، ކޮރަޕްޝަނާއި މަނީ ލޯންޑަރިންގ ކުށާއި ގުޅިފައިވާ ފައިސާގެ ތެރެއިން 100،000 (އެއްލައްކަ) ޑޮލަރު ލިބުނުކަމަށް ތުހުމަތު ކުރެވޭ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އިންވެސްޓިގޭޝަން އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރި ޏ. ފުވައްމުލައް، ހޯދަޑު، މައުނާ، އަބްދުﷲ އާޒިމްގެ މައްޗަށް އުފުލާފައިވާ ހަތަރު ދައުވާއަށް އޭނާ އިންކާރުކޮށްފިއެވެ.
އާޒިމްގެ މައްޗަށް ދައުލަތުން އުފުލި، މަނީ ލޯންޑަރިންގ ކުށުގެ ދެ ދައުވާއާއި ރިޝްވަތު ހިފުމުގެ ކުށުގެ ދެ ދައުވާ، ދައުލަތުގެ ގާނޫނީ ވަކީލު ވަކިވަކިން އެ ދައުވާތައް އިއްވުމުން، އާޒިމް ގާނޫނީ ވަކީލު ވިދާޅުވީ އެ ހަތަރު ދައުވާ ވެސް ސާފު ވެއްޖެކަމަށާއި އަދި އެ ހަތަރު ދައުވާއަށް ވެސް އާޒިމް އިންކާރުކުރާ ކަމަށެވެ.
އިންކާރުކުރި ސަބަބެއް ކަމަށް އާޒިމްގެ ގާނޫނީ ވަކީލު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އާޒިމަށް ލިބިފައިނުވާކަމަށާއި އަދި ރިޝްވަތުގެ ގޮތުގައިވެސް ފައިސާ ލިބިފައިނުވާ ކަމަށެެވެ. އަދި ރިޝްވަތުގެ އަމަލެއް ހިންގާފައިނުވާނެ ކަމަށްވެސް އާޒިމްގެ ފަރާތުން އޭނާގެ ގާނޫނީ ވަކީލު ވިދާޅުވިއެވެ.
އާޒިމްގެ މައްޗަށް އުފުލި ހަތަރު ދައުވާއަށް އޭނާ އިންކާރުކުރުމުން، މި މައްސަލަ ބައްލަވާ ގާޒީ ޙުސައިން ފާއިޒް ރަޝާދު ވަނީ ދައުވާ ސާބިތު ކުރުމަށާއި ދައުވާއިން ދިފާއުވުމަށް ހެކި ހުށަހެޅުމުގެ ފުރުސަތު ދެއްވާފައެވެ. އެގޮތުން، އެ ހަތަރު ދައުވާ ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ހެކި ހުށަހެޅިއިރު، މި އަޑުއެހުމުގައި ދައުވާއިން ދިފާއުވުމަށް ހެކި ހުށަހެޅުމަށް ތައްޔާރުވެފައިނުވާކަމަށް ދިފާއީ ވަކީލު ވިދާޅުވިއެވެ. އަދި ލިޔުމުން ހެކި ހުށަހެޅުމަށް ދެ ހަތްފާގެ ފުރުސަތު ދެއްވުމަށް ވަކީލު އެދިވަޑައިގެންނެވިއެވެ. ނަމަވެސް ގާޒީ ވިދާޅުވީ، ދިފާއުގައި ހެކި ހުށަހެޅުމަށް ހަތް ދުވަހުގެ ފުރުސަތެއް ދެއްވާ ކަމަށާއި އަދި އެ މުއްދަތުގައި ހެކި ހުށަނޭޅިއްޖެނަމަ، ސަބަބު ބަޔާންކޮށް، ކޯޓަށް ލިޔުމުން ހުށަހެޅުމުން، ބެލުމަށްފަހު އިތުރު ފުރުސަތެއް ދެވެންއޮތްނަމަ ކޯޓުން ދެއްވާނެ ކަމަށެވެ.
މީގެއިތުރުން، ގާޒީ ވިދާޅުވީ، މި މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއްކަމަށް ނިންމާ ކަމަށާއި، އެހެންކަމުން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް 14 ދުވަހުގެ މުއްދަތެއް ދެ ފަރާތަށް ވެސް ދެއްވާކަމަށެވެ.
މި މައްސަލައަކީ، އޭ.ސީ.ސީ.ގެ އިންވެސްޓިގޭޝަން އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރި އާޒިމްއަށް އެމް.އެމް.ޕީ.އާރު.ސީ.ގެ ޚިޔާނާތުގެ ފައިސާގެ ތެރެއިން 100،000 ޑޮލަރު ލިބުނު މައްސަލަ ފުލުހުންގެ އިދާރާއިންނާއި އެސެޓް ރިކަވަރީ ކޮމިޝަން ގުޅިގެން ތަހުގީގު ކުރުމަށްފަހު، ޕީޖީގެ އޮފީހަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލާގައި އާޒިމްގެ މައްޗަށް ހަތަރު ދައުވާއެއް އުފުލުމަށް ނިންމައި، ކްރިމިނަލް ކޯޓަށް ހުށަހެޅީ މިދިޔަ ޑިސެމްބަރު މަހުގެ ހަވަނަ ދުވަހުއެވެ.
އާޒިމްގެ މައްޗަށް އުފުލާފައިވާ ފުރަތަމަ ދަޢުވާއަކީ ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާއެވެ. މި ދަޢުވާ އުފުލާފައި ވަނީ، 12 އޮކްޓޯބަރު 2011 ން 14 އޭޕްރީލް 2016 ށް އޭ.ސީ.ސީ.ގެ އިންވެސްޓިގޭޝަން އޮފިސަރެއްގެ މަގާމުގައި ހުރިއިރު، އެކޮމިޝަނުގައި އާޒިމް އިސްކޮށްހުރެ، ތަހުގީގުކުރަމުންދިޔަ އެމް.ޕީ.އެލް. އާއި އެމް.އެމް.ޕީ.އާރު.ސީ.އާ ދެމެދު ހިންގި ޑޮލަރުގެ މުޢާމަލާތާ ގުޅޭ ކޮރަޕްޝަން މައްސަލައާއި، ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާއި އެމް.އެމް.ޕީ.އާރު.ސީ.ގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔާތާއި އަދި އޭރުގެ ސަރުކާރުގެ އިސްފަރާތްތަކުގެ މަސްލަހަތު ހިމެނޭ މައްސަލަތަކުގެ ތަހުގީގު ކުރިއަށްދާގޮތް ހިއްސާކުރުމަށާއި، ކޮމިޝަނުގެ ސިއްރު މަޢުލޫމާތު ދިނުމަށާއި، ތަހުގީގު ވަކި ގޮތަކަށް އަނބުރާލުމުގެ މުޤާބިލުގައި އަދީބާއި ޒިޔާތު މެދުވެރިވެގެން، 50،000 ޑޮލަރުގެ ރިޝްވަތު ދިނުމަށްޓަކައި އެސް.އޯ.އެފް. ކުންފުނީގެ އެކައުންޓުން ދޫކުރި ޗެކް، ބޭންކް އޮފް މޯލްޑިވްސް (ބީ،އެމް،އެލް)ގައި ހުޅުވާފައިވާ އެކައުންޓަށް 2 ޖޫން 2015 ވަނަ ދުވަހު ޖަމާކޮށް ރިޝްވަތު ހިފާފައިވާތީއެވެ.
އާޒިމްގެ މައްޗަށް އުފުލާފައިވާ ދެވަނަ ދަޢުވާއަކީ، މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އުފުލާފައިވާ މަނީ ލޯންޑަރިންގގެ ކުށުގެ ދައުވާއެވެ. މި ދަޢުވާ އުފުލާފައިވަނީ ވެސް، 2 ޖޫން 2015 ވަނަ ދުވަހު އާޒިމްގެ އެކައުންޓަށް ޖަމާކޮށްފައިވާ 50،000 ޑޮލަރުގެ މުޢާމަލާތާ ގުޅިގެންނެވެ.
އާޒިމްގެ މައްޗަށް އުފުލާފައިވާ ތިންވަނަ އަދި ހަތަރުވަނަ ދަޢުވާއަކީ ވެސް ރިޝްވަތުހިފުމުގެ ކުށުގެ ދައުވާއަކާއި މަނީ ލޯންޑަރިންގގެ ކުށުގެ ދަޢުވާއެކެވެ. އެ ދެ ދަޢުވާ އޭނާގެ މައްޗަށް އުފުލާފައިވަނީ ވެސް، އޭރުގެ ސަރުކާރުގެ އިސްފަރާތްތަކުގެ މަސްލަހަތު ހިމެނޭ މައްސަލަތަކުގެ ތަހުގީގު ކުރިއަށްދާގޮތް ހިއްސާކުރުމަށާއި، ކޮމިޝަނުގެ ސިއްރު މަޢުލޫމާތު ދިނުމަށާއި، ތަހުގީގު ވަކި ގޮތަކަށް އަނބުރާލުމުގެ މުޤާބިލުގައި އަދީބާއި ޒިޔާތު މެދުވެރިވެގެން، އިތުރު 50،000 ޑޮލަރުގެ ރިޝްވަތު ދިނުމަށްޓަކައި އެސްއޯއެފް ކުންފުނީގެ އެކައުންޓުން ދޫކުރި ޗެކް ބީއެމްއެލްގައި ހުޅުވާފައިވާ އާޒިމްގެ އެކައުންޓަށް 15 ޖޫން 2015 ވަނަ ދުވަހު ޖަމާކޮށް ރިޝްވަތު ހިފާފައިވާތީއާ، އަދި އެފައިސާއިން އިތުރު މުޢާމަލާތްތަކެއް ހިންގާފައިވާތީއެވެ.
އާޒިމްގެ މައްޗަށް އުފުލާފައިވާ ރިޝްވަތުގެ ދެ ދަޢުވާއާ ގުޅިގެން އޭނާގެ އެކައުންޓަށް އެސް.އޯ.އެފް. ކުންފުނިން ދެ ފަހަރެއްގެ މަތިން ޖަމާކުރި 100،000 ޑޮލަރު، ދައުލަތަށް ނަގައިދިނުމަށްވެސް އެ ދެ ދަޢުވާގައި އެދިފައިވެއެވެ.
އެ ހަތަރު ދައުވާ އާޒިމްގެ މައްޗަށް ސާބިތުވެއްޖެނަމަ، 25 އަހަރަށްވުރެ ދިގު މުއްދަތަކަށް ޖަލަށްލުމުގެ އަދަބެއް އަންނާނެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި އެމް.އެމް.ޕީ.އާރު.ސީ.ގެ ބޮޑު ޚިޔާނާތުގެ ތަހުގީގު ވަކި ގޮތަކަށް އަނބުރައިލަން، އޭސީސީގެ އިންވެސްޓިގޭޓަރެއްގެ ގޮތުގައި ހުންނަވައިގެން 100،000 ޑޮލަރުގެ ރިޝްވަތު ނެގިކަމުގެ ދަޢުވާ އުފުލާފައިވަނިކޮށް އާޒިމް ވަނީ އައިލެންޑް އޭވިއޭޝަން ސަރވިސް (އައި.އޭ.އެސް)ގެ ބޯޑު މެމްބަރުކަމުން އިސްތިއުފާ ދެއްވާފައެވެ.