ކ. މާލެ
|
10 ފެބްރުއަރީ 2021 | ބުދަ 10:38
ރެއާލާއި ގެޓާފޭ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ރެއާލް މޮޅުވީ 2-0 ން
ރެއާލާއި ގެޓާފޭ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ރެއާލް މޮޅުވީ 2-0 ން
ގެޓީ އިމޭޖަސް
ސްޕެނިޝް ލީގު
ގެޓާފޭ އަތުން ރެއާލަށް މުހިންމު މޮޅެއް
ގެޓާފޭ އަތުން ރެއާލް މޮޅުވީ 2-0 ގެ ނަތީޖާއަކުން
ތާވަލުގެ ދެވަނައަށް ރެއާލް ޖެހިލީ 46 ޕޮއިންޓާއެކު

ސްޕެނިޝް ލީގުގައި އަންގާރަ ދުވަހުގެރޭ ގެޓާފޭ ބަލިކޮށް، ތާވަލުގެ އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާ ދެމެދު އޮތް ފަރަގު އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ކުޑަކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ރެއާލް މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ލީޑު ނެގުމަށް ރެއާލަށް ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް، އެ ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ. އެގޮތުން ފުރަތަމަ ހާފުގައި ރެއާލުގެ ތަޖުރިބާކާރު ފޯވާޑް ކަރިމް ބެންޒެމާ ބޮލުން ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވިއިރު، އޭރިއާ ތެރެއިން އެ ޓީމުގެ ލޫކަ މޮޑްރިޗް ފޮނުވާލި ހަމަލާއެއް ގެޓާފޭގެ ގޯލްކީޕަރު ވަނީ ދިފާއުކޮށްފައެވެ.

މުޅި މެޗުގައިވެސް ރެއާލުން މޮޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުން ދެ ލަނޑުވެސް ޖަހާފައިވަނީ ދެވަނަ ހާފުގައެވެ. އެގޮތުން ވިނީޝިއުސް ޖޫނިއާ ނަގައިދިން ހުރަހަކުން މެޗުގެ 60 ވަނަ މިނެޓުގައި ރެއާލަށް ލީޑު ނަގައިދިނީ ބެންޒެމާއެވެ. އަދި އޭގެ ހަ މިނެޓު ފަހުން މާސެލޯ ހުރަސްކޮށްދިން ބޯޅައަކުން ފާލަންޑް މެންޑީ ވަނީ ރެއާލަށް ލީޑު ފުޅާކޮށްދީފައެވެ.

މި މޮޅާއެކު ތާވަލުގެ ދެވަނައަށް ރެއާލް ޖެހިލިއިރު، އެ ޓީމަށް ވަނީ ކުޅުނު 22 މެޗުން 46 ޕޮއިންޓް ލިބިފައެވެ. ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން އެތުލެޓިކޯ އެއްވަރުވިއިރު، އެ ޓީމު އެއްވަނައިގައި އޮތީ 20 މެޗުން 51 ޕޮއިންޓާއެކުއެވެ. އަދި ތިންވަނައިގައި އޮތް ބާސެލޯނާއަށް 21 މެޗުން ލިބިފައިވަނީ 43 ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް