ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަދި އޭޑީކޭ ހޮސްޕިޓަލް ގުޅިގެން އާންމުންނަށް ކޮވިޑް ވެކްސިން ޖެހުމުގެ އިންތިޒާމް މަޖިލީހުގެ އިދާރާގައި ހަމަޖައްސައި ވެކްސިން ޖަހަންފަށައިފިއެވެ.
މަޖިލީހުގެ އިދާރާގައި ވެކްސިން ދިނުމަށް ނިންމާފައިވަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00ން ހަވީރު 6:00ށެވެ.
މިކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ އިދާރާގައި ވެކްސިން ޖަހަމުން ދަނީ އެޗްޕީއޭއިން ދީފައިވާ ލިސްޓަކަށް ކަމަށެވެ.
ވެކްސިން ދިނުމުގެ ޕްރޮގްރާމް ހަލުވިކަމާއެކު ކުރިއަށް ދާއިރު މާލެ ސަރަހައްދުގައި ދިރިއުޅޭ އުމުރުން 45 އަހަރުން މަތީގެ މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުން ބުދަ ދުވަހު ވަނީ ފަށާފައެވެ.
އެގޮތުން މި ފަރާތްތަކަށް ވެކްސިން ޖެހުމުގެ ކަންތައްތައް ސޯޝަލް ސެންޓަރުން 9:00ން 17:00ށް އަދި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރ (ހުޅުމާލޭ ފްލޫ ކްލިނިކް) 9:00ން 17:00ށް އަދި ވިލިމާލެ ޔޫތު ސެންޓަރުން 9:00ން 13:00ށް ކުރިއަށްދާނެ ކަމަށް ވަނީ ބުނެފައެވެ.
އެޗްޕީއޭއިން ބުނީ ވެކްސިން ދޭން ނިންމާފައިވަނީ އެ އުމުރުފުރައިގެ ތެރެއިން ވަކި ބަލިތަކެއް ހުންނަ މީހުންނަށެވެ. އެގޮތުން ހަކުރު ބަލި ހުންނަ މީހުންނާއި ހިތުގެ ބަލި ހުންނަ މީހުންނާއި ސްޓްރޯކް ޖެހުންފަދަ ބަލި ހުންނަ މީހުންނާއި ކިޑްނީ ބަލިތައް ހުންނަ މީހުންނާއި ބައްޔެއްގެ ސަބަބުން ނުވަތަ ބޭނުންކުރާ ބޭހެއްގެ ސަބަބުން ދީފަޢީބާރު ދަށްވެފައިވާ މީހުންނަށް ވެސް ވެކްސިން ދޭން ނިންމާފައިވެއެވެ.
މީގެ އިތުރުން ދިގު މުއްދަތަކަށް ފުރަމޭގެ ބަޔެއްގެ ތަހައްމަލުކުރަމުންދާ މީހުންނާއި އިސްކޮޅާއި އަޅާބަލާއިރު ބަރުދަން މަތި މީހުންނާއި ތެލެސީމިއާ/ސިކްލްސެލް އެނީމިއާ ހުންނަ މީހުންނަށް ވެސް ވެކްސިން ދޭން ވަނީ ނިންމާފައެވެ.