ކ. މާލެ
|
10 ފެބްރުއަރީ 2021 | ބުދަ 09:18
އިލެކްޝަންސް ކޮމިޝަނުން މީގެކުރިން ބޭއްވި ގައުމީ ލަފާދޭ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން
އިލެކްޝަންސް ކޮމިޝަނުން މީގެކުރިން ބޭއްވި ގައުމީ ލަފާދޭ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން
މުހައްމަދު ފަޒީން
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު: މާދަމާއަކީ ނަން އަނބުރާ ގެންދެވޭނެ ފަހު ދުވަސް
ކެންޑިޑޭޓުންނަށް ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ލިބިގެންވަނީ 11 ފެބްރުއަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 14:00ގެކުރިން

އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް، ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ބުރާސްފަތި ދުވަހުން ފެށިގެން ބަންދުވާނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދެވޭ ސުންގަޑިއަކީ 11 ފެބްރުއަރީ ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ.

ކޮވިޑް-19ގެ ޕެންޑަމިކާ ގުޅިގެން، ފަސްކުރެވިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން، އެ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ހުޅުވާލާފައިވަނީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ގާނޫނު 2020ގެ ތިންވަނަ މާއްދާގެ (ށ) ދަށުން، މިދިޔަ ޖޫން މަހުގެ 23 ގައެވެ. އެގޮތުން މިހާތަނަށް 100 އަށްވުރެ ގިނަ ކެންޑިޑޭޓުން ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.

މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ތާވަލުކުރި އިންތިޚާބު ކޮވިޑް-19 އާ ގުޅިގެން އެ މުއްދަތުގައި ނުބޭއްވުމުން ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމަށް ރައްޔިތުންގެ މަޖިލީހުން ޚާއްޞަ ޤާނޫނެއް ގޮތުގައި "ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ގާނޫނު 2020" ފާސްކުރިއެވެ. އެޤާނޫނުގައި ބުނެފައިވަނީ އެ ޤާނުނަށް އަމަލުކުރާތާ އެއްއަހަރު ދުވަހުގެތެރޭގައި އިންތިޚާބު ބާއްވަންޖެހޭނެކަމަށެވެ. އެ މުއްދަތު ހަމަވާނީ އަންނަ މެއި މަހުގެ 10 ވަނަ ދުވަހަށެވެ. ނަމަވެސް މި ގާނޫނަށް އިޞްލާޙެއް ހުށަހަޅައި އަލުން ފާސްކުރި އިޞްލާޙުގައި ވަނީ މެއި މަހުގެ 10ގެ ކުރިން އިންތިޚާބު ބާއްވަން ޖެހޭ ކަމަށެވެ. އަދި އެ މުއްދަތުގައި އިންތިޚާބު ނުބޭއްވޭނަމަ، ސަބަބު ބަޔާންކޮށް، އިންތިޚާބު ބާއްވާ ތާރީހުގެ 30 ދުވަހުގެ ތެރޭގައި އެކަން މަޖިލީހަށް އެންގުމަށް އިޞްލާޙުގައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ކޮވިޑް-19 މުޖުތަމަޢުގައި ފެތުރުނަ ނުދިނުމަށްޓަކައި އަޅަންޖެހޭ ގިނަ ފިޔަވަޅުތަކެއް ހިމެނޭތީއާއި، ދިވެހިރާއްޖޭގައި ބޭއްވުމަށް އިޢުލާނުކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ބޭއްވުމަށް ރައްކާތެރި މާހައުލެއް ޤާއިމުކުރެވެންދެން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020ގެ ދެ ވަނަ މާއްދާގެ (ހ) ގެ ދަށުން މި އިންތިޚާބު ފަސްކުރެވިފައިވީ ނަމަވެސް، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020ށް އެއް ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 އަލުން ބޭއްވުމަށްޓަކައި ކޮމިޝަނުން ކުރަންޖެހޭ މަސައްކަތްތައް 2021 ޖަނަވަރީ 29 ވާ ހުކުރު ދުވަހު ފަށާ ގޮތަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެމަސައްކަތް އިލެކްޝަންސް ކޮމިޝަނުން ދަނީ ކުރަމުންނެވެ.

މި އިންތިޚާބުގެ ވޯޓުލުން، 2021 އޭޕްރިލް 10 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ނިންމާފައިވާ އިރު، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020ގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، 2021 އޭޕްރިލް 10 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 07:00 އިން ހަވީރު 5:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 (ތިރީސް) މިނެޓުގެ ވަގުތުކޮޅެއް ދިނުމަށްފަހުގައެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ 2021 އެޕްރީލް 24 ވާ ހޮނިހިރު ދުވަހުގަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.

- ކޮމެންޓް