ކ. މާލެ
|
10 ފެބްރުއަރީ 2021 | ބުދަ 00:44
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އިންޑިއާ ޓައިމްސް
ޓްރަމްޕްގެ އިމްޕީޗްމަންޓް
ޓްރަމްޕް އިމްޕީޗްކުރުމަށް ބާއްވާ ޓްރެއަލް ސެނެޓުގައި ފަށައިފި
 
މިޓްރެއަލް އަކީ ޤާނޫނު އަސާސީ އާއި ޤާނޫނާ އެއްގޮތަށް ކުރިޔަށްދާ ޓްރެއަލް އެއް ނޫންކަމަށް ފާސްކޮށްފިނަމަ އެހިސާބުން ޓްރެއަލް މެދުކެނޑިގެންދާނެ
 
ދެވަނަ އިމްޕީޗްމަންޓާއެކު ޓްރަމްޕަށް އެމެރިކާގެ ތާރީޚުގެ ތެރެއިން ގިނަ ނަންނަމުގައި ޖާގަލިބިގެންދޭ

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެވަނަ ފަހަރަށް އިމްޕީޗްކުރުމަށް ބާއްވާ ޓްރެއަލް ސެނެޓުގައި ފަށައިފިއެވެ.

ޓްރަމްޕް ވެރިކަމުގައި ހުންނަވަނިކޮށް އިމްޕީޗްކުރުމަށް ހައުސްއިން ނިންމާފައިވަނީ، ކެޕިޓޮލްގައި އިލެކްޓޯރަލް ވޯޓުގުނުމުގެ ކަންކަން ހިނގަމުން ދަނިކޮށް އެމަނިކުފާނުގެ ސަޕޯޓަރުން ކެޕިޓޮލްއަށް ވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެންނެވެ.

ޓްރަމްޕްގެ އިމްޕީޗްމަންޓް ޓްރެއަލް ކުރިޔަށްދާނެ ގޮތަށް ބަލާއިރު ސެނެޓުން އެންމެ ފުރަތަމަ ފާސްކުރާނީ ޓްރެއަލްގެ ކަންކަން ކުރިޔަށް ގެންދާނެ ރޫލު ނުވަތަ އުސޫލުތަކެވެ. އެއަށްފަހު ހައުސްއިން ކަނޑައަޅާފައިވާ އިމްޕީޗްމަންޓް މެނޭޖަރުން މިކަމާމެދު ދައްކާ ވާހަކަތައް ކުރިޔަށް ގެންދާނެއެވެ. އެއަށްފަހު ދެން އޮންނާނީ ޓްރަމްޕްގެ ޓީމުން މިޓްރެއަލްއަކީ ޤާނޫނާ އެއްގޮތަށް ކުރިޔަށްދާ ޓްރެއަލްއެއްތޯ ކަނޑައެޅުމަށް ދައްކާވާހަކަތަކެވެ.

މިކަމަށް ހަތަރު ގަޑިއިރު ބަހުސްކުރުމަށްފަހު ސެނެޓުން ޓްރެއަލްއަކީ ޤާނޫނާ އެއްގޮތަށް ކުރިޔަށްދާ ޓްރެއަލްއެއްތޯ ކަނޑައެޅުމަށް ވޯޓަށް އަހާނެއެވެ. އެވޯޓުން މިޓްރެއަލް އަކީ ޤާނޫނު އަސާސީއާއި ޤާނޫނާ އެއްގޮތަށް ކުރިޔަށްދާ ޓްރެއަލްއެއް ނޫންކަމަށް ފާސްކޮށްފިނަމަ އެހިސާބުން ޓްރެއަލް މެދުކެނޑިގެންދާނެއެވެ. މިދިޔަ މަހު ޓްރަމްޕް ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަންގެ ސެނެޓަރ ރޭންޑް ޕައުލް ވަނީ ޓްރެއަލްއަކީ ޤާނޫނާއި ޚިލާފު ޓްރެއަލްއެއްކަމަށް ކަނޑައެޅުމަށް މަސައްކަތް ކުރައްވާފައެވެ. ނަމަވެސް އެކަން ވަނީ ނާކާމިޔާބުވެފައެވެ.

ޓްރަމްޕްގެ އިމްޕީޗްމަންޓް ޓްރެއަލްއަކީ ޤާނޫނާ އެއްގޮތަށް ކުރިޔަށްދާ ޓްރެއަލްއެއްކަމަށް ވޯޓުން ނިންމިއަސް މިޓްރެއަލްއާއެކު އެހެން ސުވާލުތަކެއް ވަނީ އުފެދިފައެވެ. އެއީ ޓްރަމްޕް އިމްޕީޗްކުރުމުގެ މައްސަލައިގައި ރިޕަބްލިކަންގެ ހުރިހާ މެމްބަރުން ވަނީ އިމްޕީޗްމަންޓް އަރޓިކަލްގައި ޓްރަމްޕްގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކުން ޓްރަމްޕް ބަރީއަވާކަމަށް ބުނެ އެއްގަލަކަށް އަރާފައެވެ. އަދި މިޓްރެއަލް ކުރިޔަށް ނުގެންދެވޭނެކަމަށް ބުނެފައެވެ. ޓްރަމްޕްގެ މައްޗަށް ކުރާ ތުހުމަތުތައް ސާބިތުވާކަމަށް ސެނެޓުން ނިންމުމަށް ތިންބައިކުޅަ ދެބައި ވޯޓު ބޭނުންވާނެއެވެ. އެކަމަށްޓަކައި ރިޕަބްލިކަނުންގެ 17 ސެނެޓަރުންގެ އާނ ބަސް ބޭނުންވާނެއެވެ.

ދެވަނަ އިމްޕީޗްމަންޓާއެކު ޓްރަމްޕަށް އެމެރިކާގެ ތާރީޚުގެ ތެރެއިން ގިނަ ނަންނަމުގައި ޖާގަލިބިގެންދެއެވެ. އެގޮތުން ދެވަނަ ފަހަރަށް އިމްޕީޗްކުރުމަށް މަސައްކަތްކުރާ ފުރަތަމަ ރައީސަށް ޓްރަމްޕްވާއިރު މިއީ އެމެރިކާގެ ތާރީޚުގައި ވެސް ރައީސަކު ވެރިކަމުން ފައިބާވަޑައިގަންނަވާފަހުން އިމްޕީޗްމަންޓް ޓްރެއަލް ކުރިޔަށްދާ ފުރަތަމަ ފަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް