އައްޑޫ ސިޓީގައި ކޮވިޑް-19 ފެތުރުމުގެ ޒިންމާ ސަރުކާރުން ނަގަންޖެހޭ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
އިދިކޮޅު ކޯލިޝަނުން އަންގާރަ ދުވަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ އައްޑޫ ސިޓީގައި ކޮވިޑް ފެތުރިގެންދިޔުން، އެ ކޯލިޝަނުން އިންތިހާއަށް ކަންބޮޑުވާ ކަމަށާއި، އައްޑޫ ސިޓީގައި ކޮވިޑް ފެތުރިފައިވަނީ ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ފަރުވާ ކުޑަ ކުރުމުން ކަމަށެވެ. އަދި ސަރުކާރުގެ ފަރާތުން ކަންކަން ބަލަންވާވަރަށް ނުބެލޭ ކަމަށާއި، އައްޑޫގައި ކޮވިޑް ފެތުރިފައިވަނީ ސިޔާސީ މަގުސަދެއް ހާސިލްކުރުމަށް ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ސިޔާސީ އަދި ސަރުކާރުގެ އެކި ފަންތީގެ ބޭފުޅުން ދަތުރު ކުރުމުގެ ހުއްދަ ދެމުން ގެންދިއުމުގެ ނަތީޖާކަމަށް ޕޮރޮގްރެސިވް ކޯލިޝަނުން ބުނެއެވެ.
ޕްރޮގްރެސިވް ކޯލިޝަނުން މިހެން ބުނިއިރު ސަރުކާރުން ވަނީ އައްޑޫގައި ކޮވިޑް ފެތުރިފައިވަނީ ސަރުކާރުގެ އިހުމާލުން ނޫން ކަމަށް ބުނެފައެވެ.
ކޮވިޑާ ގުޅިގެން އައްޑޫސިޓީގެ ޔުނިވަރސިޓީތަކާއި، ކޮލެޖުތަކާއި، ސުކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިއަށް ގެންދިއުންވެސް ވަނީ ހުއްޓާލުމަށް އަންގާފައެވެ. ހަމައެއާއެކު، ހޮޓާ ކެފޭ ރެސްޓޯރަންޓުތަކުންވެސް ޚިދުމަތް ދިނުން ހުއްޓާލުމަށް އަންގާފައިވާއިރު، އޭގެ ތެރެއިން ޑެލިވަރީގެ ޚިދުމަތްތައް އިސްތިސްނާވެއެވެ.
އައްޑޫ ސިޓީން ކޮވިޑް-19ގެ ކޭސްތައް ފެންނަމުންދާއިރު، އައްޑޫގެ ކޭސްތަކާ ގުޅިގެން އައްޑޫ ސިޓީއާއި ތިނަދޫވެސް އޮތީ މޮނިޓަރިންގއަށް ލާފައެވެ. ކޮވިޑް-19ގެ ހާލަތު ރާއްޖޭގައި އިތުރަށް ގޯސްވެ، މާލެ ސަރަހައްދުން ގިނަ ޕޮޒިޓިވް ކޭސްތަކެއް ދަނީ ފެންނަމުންނެވެ. އަދި ބައެއް ރަށްތަކުންވެސް ޕޮޒިޓިވް ކޭސްތައް ފެންނަމުންދާއިރު، ރިސޯޓްތަކުންވެސް ޕޮޒިޓިވް ކޭސްތައް ދަނީ ފެންނަމުންނެވެ.