މިދިޔަ މަހުގެ 31ން ފެށިގެން މި މަހު 7ގެ ނިޔަލަށް މާލެ ސަރަހައްދުގައި މާސްކު ނާޅައިގެން ކުރި ޖޫރިމަނާގެ އަދަދު އެއް މިލިއަނަށްވުރެ މައްޗަށް އަރާފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން އެ މުއްދަތުގައި މާސްކު ނާޅައިގެން ޖުމްލަ 1551 ޖުރިމަނާކޮށްފައިވެއެވެ. މާސްކު ނާޅައިގެން ކުރާ ކޮންމެ ޖޫރިމަނާއަކީ 1000ރ އެވެ. އަދި މިހާރު އޮންނަ ގަވާއިދުގައިވާގޮތުން އެފަހަރަށް ވުރެ ގިނަ ފަހަރު ޖޫރިމަނާކުރާ ނަމަ އަދި ގާނޫނީ ހައިސިއްޔަތެއްނަމަ ޖުރިމަނާގެ އަދަދު ތަފާތުވެއެވެ. އެގޮތުން ޖޫރިމަނާގެ ޖުމްލަ އަދަދު މަދުވެގެން 1،551،000އަށް އަރައެވެ.
މާސްކު ނޭޅުމުގެ އިތުރަށް ރޭގަނޑު 11ން ފަތިހު 4ށް ހިންގާ ކާފިއު ގަޑީގައި ބޭރުގައި އުޅެގެން 988 ޖުރިމަނާކޮށްފައިވެއެވެ. އެއީވެސް 988،000ރ އެވެ. މީގެ އިތުރަށް ރޭގަނޑު 8:30ން ފެށިގެން ފަތިހު 4ށް އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑީގައި ގަވާއިދާ ހިލާފުވެގެން ވެސް 271 ޖުރިމަނާކޮށްފައިވެއެވެ. އެއީ މަދުވެގެން 271،000ރ އެވެ.
ކޮވިޑް-19އާއި ގުޅިގެން ރާއްޖޭގައި މިދިޔަ އަހަރުން ފެށިގެން ވަނީ މާސްކު އެޅުން މަޖުބޫރުކޮށްފައެވެ. އަދި މާސްކު ނާޅާ ކޮންމެ މީހަކުވެސް 1000ރ އިން ޖޫރިމަނާ ކުރާނެއެވެ. މީގެ ކުރިން މާލެ ސަރަހައްދުގައި އެކަނި މާސްކު އެޅުން މަޖުބޫރިވީ ނަމަވެސް މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މާސްކު އެޅުން ވަނީ މަޖުބޫރުކޮށްފައެވެ. އަދި އެ ރަށްރަށުގައި ވެސް ގަވާއިދާ ހިލާފު ވާނަމަ އެ އަދަދުން ޖުރިމަނާކުރާނެއެވެ.