ކ. މާލެ
|
9 ފެބްރުއަރީ 2021 | އަންގާރަ 17:22
އިރާނުގައި ވެކްސިން ޖެހުމުގެ ޕްރޮގްރާމް ފެށުމުގެ ތެރެއިން
އިރާނުގައި ވެކްސިން ޖެހުމުގެ ޕްރޮގްރާމް ފެށުމުގެ ތެރެއިން
އަލްޖަޒީރާ
އިރާނުގައި ވެކްސިން ޖަހަން ފެށުން
އިރާނުގައި ވެކްސިން ޖަހަން ފަށައިފި، އެންމެ ފުރަތަމަ ޖަހަނީ ރަޝިޔާގެ ސްޕަޓްނިކް ވީ ވެކްސިން
 
އިރާނުގެ ތެރޭގައި ވަނީ ރަޝިޔާގެ ވެކްސިން ޖެހުމާމެދު ޚިޔާލު ތަފާތުވުން އުފެދިފައި
 
އިރާނުން ރަޝިޔާގެ ސްޕަޓްނިކްވީ ވެކްސިން އިމަރޖެންސީކޮށް ބޭނުންކުރުމަށް ހުއްދަދިނީ މިދިޔަ ހަފްތާ
 
އެންމެ ފުރަތަމަ ވެކްސިން ޖަހާފައިވަނީ އިރާނުގެ ހެލްތު މިނިސްޓަރ ސައީދު ނަމާކީގެ ދަރިފުޅު ޕަރްސާ ނަމާކީ

އިރާނުގައި ވެކްސިންޖެހުމުގެ ޕްރޮގްރާމް އަންގާރަ ދުވަހު ފަށައިފިއެވެ.

އިރާނުން ޖަހަމުންދަނީ ރަޝިޔާއިން އުފެއްދި ސްޕަޓްނިކް ވީ ވެކްސިންއެވެ. އިރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވީ އެންމެ ފުރަތަމަ ވެކްސިން ދޭނީ ސިއްހީ މަސައްކަތްތެރިންނަށް ކަމަށެވެ.

އެހެންނަމަވެސް އެންމެ ފުރަތަމަ ވެކްސިން ޖަހާފައިވަނީ އިރާނުގެ ހެލްތު މިނިސްޓަރ ސައީދު ނަމާކީގެ ދަރިފުޅު ޕަރްސާ ނަމާކީއެވެ. ޕަރްސާ ނަމާކީއަކީ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ބޭފުޅެއް ނޫނެވެ. ރިޕޯޓްތައް ބުނާގޮތުގައި އެގޮތަށް ކަންތައްކޮށްފައިވަނީ ރަޝިޔާގެ ވެކްސިނާމެދު ރައްޔިތުންގެ މެދުގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކާއި ހިތްހަމަނުޖެހުންތައް ދުރުކޮށްދީ ވެކްސިންގެ ޔަގީންކަން އާންމު ރައްޔިތުންނަށް ދިނުމަށްޓަކައެވެ.

އިރާނުން ރަޝިޔާގެ ސްޕަޓްނިކްވީ ވެކްސިން އިމަރޖެންސީކޮށް ބޭނުންކުރުމަށް ހުއްދަދިނީ މިދިޔަ ހަފްތާއެވެ. އެއާއެކު އިރާނުގެ ތެރޭގައި ވަނީ އެކަމާމެދު ޚިޔާލު ތަފާތުވުންތައް އުފެދިފައެވެ. ވަކިން ޚާއްސަކޮށް އިސްސަފުގައި ހަރަކާތްތެރިވާ ސިއްހީ އޮފިޝަލުންގެ މެދުގައިވެސް ވަނީ އެކަމުގެ ހޫނު ބަހުސްތަކެއް ހިނގާފައެވެ.

އެކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރ ވިދާޅުވީ ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެންމެ ފުރަތަމަ ވެކްސިން ޖަހާނީ އަމިއްލަފުޅު އާއިލާގެ ބޭފުޅުންނަށް ކަމަށެވެ.

އެކަމާއި ގުޅޭގޮތުން ކުރިޔަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕަރްސާ ވިދާޅުވީ ބައްޕާފުޅު ބޭނުންފުޅުވީ އެންމެ ފުރަތަމަ ވެކްސިން ބައްޕާފުޅަށް ޖެހުމަށްކަމަށާއި ނަމަވެސް ޕަރްސާ އަމިއްލަފުޅަށް އެކަމަށް އިސްނެންގެވީކަމަށެވެ.

ރޫހާނީ ވިދާޅުވެފައިވަނީ ވެކްސިނާބެހޭ ގޮތުން އާންމުންގެ މެދުގައި ޔަގީންކަން އުފެއްދުމަށް ވެކްސިން ޖެއްސެވުމަށް ތައްޔާރަށް ހުންނެވިކަމަށެވެ.

ސްޕަޓްނިކް ވީ ވެކްސިންގެ ތިން ވަނަ ޓްރެއަލްއާއި ގުޅޭގޮތުން މިދިޔަ ހަފްތާގައި ޝާއިއުކޮށްފައިވާ ޖަރނަލްއެއްގައި ވަނީ އެ ވެކްސިންގެ 91.6 އިންސައްތަ ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތްކުރާ ކަމަށެވެ.

އިރާނަށް މިދިޔަ ހަފްތާގައި ސްޕަޓްނިކް ވީ ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް ލިބިފައިވާއިރު 10،000 ޑޯޒް ވަނީ ލިބިފައެވެ. އަދި އިތުރު ދެ ޝިޕްމަންޓް މިމަސް ނިމުމުގެކުރިން އިރާނަށް ލިބޭނެއެވެ. އޮފިޝަލުން ބުނާގޮތުގައި އިރާނަށް ސްޕަޓްނިކް ވީ ވެކްސިންގެ ފަސް މިލިއަން ޑޯޒް ލިބޭނެއެވެ.

އިރާނުން ރަޝިޔާގެ ވެކްސިން ޖަހަން ފަށާފައިވާއިރު އެގައުމުން އަންނަނީ އަމިއްލައަށް ކޮވިޑަށް ދެ ވެކްސިން އުފެއްދުމުގެ މަސައްކަތްކުރަމުންނެވެ. އެގޮތުން ވަރަށް އަވަހަށް މިތަނުން ދެ ވަނަ ވެކްސިން އިންސާނުންގެ ގަޔަށް ޖަހައިގެން ޓެސްޓްކުރަން ފަށާނެކަމަށް އެގައުމުން ވަނީ ބުނެފައެވެ. ފުރަތަމަ ވެކްސިން އިންސާނުންގެ ގަޔަށް ޖަހައިގެން ޓެސްޓް ކުރަން ފަށާފައިވަނީ މިދިޔަ ޑިސެމްބަރ މަހުއެވެ.

އަދި އެޓެސްޓްތަކުގެ ފުރަތަމަ ނަތީޖާ ވަރަށް އަވަހަށް ހާމަކުރާނެކަމަށް ވަނީ ބެލެވިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
67%
33%
0%
0%
0%
ކޮމެންޓް