ކ. މާލެ
|
9 ފެބްރުއަރީ 2021 | އަންގާރަ 12:24
އެތުލެޓިކޯ އާއި ސެލްޓަ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 2-2 ން
އެތުލެޓިކޯ އާއި ސެލްޓަ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 2-2 ން
ގެޓީ އިމޭޖަސް
ސްޕެނިޝް ލީގު
އެތުލެޓިކޯ އެއްވަރުވިއިރު، ސުއަރޭޒަށް ރިކޯޑެއް
އެތުލެޓިކޯ އާއި ސެލްޓަ ބައްދަލުކުރި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުން
ސުއަރޭޒް ވަނީ ކުޅުނު ފުރަތަމަ 17 މެޗުން ޖުމްލަ 16 ލަނޑު ޖަހާފައި

ސްޕެނިޝް ލީގުގައި ހޯމަ ދުވަހުގެރޭ އެތުލެޓިކޯ މެޑްރިޑާއި ސެލްޓަ ވިގޯ ބައްދަލުކުރި މެޗު އެއްވަރުވިއިރު، މި މެޗުގައި އެތުލެޓިކޯގެ ފޯވާޑް ލުއިސް ސުއަރޭޒް ލީގުގެ ލަނޑު ޖެހުމުގެ ރިކޯޑެއް ގާއިމުކޮށްފިއެވެ.

އެތުލެޓިކޯގެ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ. މިއީ ލީގުގައި އެންމެ ފަހުން އެތުލެޓިކޯ ކުޅުނު ނުވަ މެޗުގެ ތެރެއިން މޮޅެއް ނުލިބި ނިންމާލި ފުރަތަމަ މެޗެވެ.

މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ސެލްޓައިންނެވެ. އެގޮތުން މެޗުގެ 13 ވަނަ މިނެޓުގައި ސެލްޓައަށް ލީޑު ނަގައިދިނީ ސަންޓީ މިނާއެވެ. އެކަމަކު ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ސުއަރޭޒް ވަނީ އެތުލެޓިކޯއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި ސުއަރޭޒް ވަނީ އިތުރު ލަނޑެއް ޖަހައި، އެތުލެޓިކޯއަށް މި މެޗުގައި ލީޑު ނަގައިދީފައެވެ. އެކަމަކު ސެލްޓައިން ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ފަކުންޑޯ ފެރޭރާ ކާމިޔާބުކުރި ލަނޑުންނެވެ.

މި މެޗުގައި އުރުގުއޭގެ ފޯވާޑް ސުއަރޭޒް ދެ ލަނޑު ޖެހިއިރު، އެ ދެ ލަނޑާއެކު އޭނާ ވަނީ އެތުލެޓިކޯއަށް ލީގުގައި ކުޅުނު ފުރަތަމަ 17 މެޗުން ޖުމްލަ 16 ލަނޑު ޖަހާފައެވެ. މިއީ މިދިޔަ 20 އަހަރު ތެރޭ ސްޕެނިޝް ލީގުގައި އައު ކްލަބަކާއެކު ނުކުމެ ކުޅުންތެރިއަކު އެންމެ އަވަހަށް މި އަދަދަށް ލަނޑު ޖެހި ފުރަތަމަ ފަަހަރެވެ. މީގެ ކުރިން މި ރިކޯޑު އޮތީ ރެއާލް މެޑްރިޑާއެކު ނުކުތް ކްރިސްޓިއާނޯ ރޮނާލްޑޯގެ އަތުގައެވެ. އެގޮތުން މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް ރެއާލަށް ބަދަލުވި ފުރަތަމަ ސީޒަނުގައި ރޮނާލްޑޯ ވަނީ ލީގުގެ ފުރަތަމަ 18 މެޗުން 15 ލަނޑު ޖަހާފައެވެ.

ހޯމަ ދުވަހުގެރޭ ކުޅުނު މެޗުން އެތުލެޓިކޯ އެއްވަރުވިއިރު، އެ ޓީމު އެއްވަނައިގައި އޮތީ ކުޅުނު 20 މެޗުން ލިބުނު 51 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ބާސެލޯނާ އާއި ތިންވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް 21 މެޗުން ވަނީ 43 ޕޮއިންޓް ލިބިފައެވެ. އަދި އެތުލެޓިކޯއާ އެއްވަރުކުރި ސެލްޓަ އޮތީ ތާވަލުގެ 10 ވަނައިގައި 22 މެޗުން 26 ޕޮއިންޓާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 މިނެޓު ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް