ފީފާ ކުލަބު ވޯލްޑް ކަޕުގެ ފައިނަލުގެ ފަހު ޖާގަ ޔޫރަޕުގެ ޗެމްޕިއަން ޓީމު ކަމަށްވާ ޖަރުމަނުގެ ބަޔާން މިއުނިކުން ހޯދައިފިއެވެ.
މި މުބާރާތުގެ ފައިނަލަށް ބަޔާން ދަތުރުކުރީ ސެމީފައިނަލުގެ ދެވަނަ މެޗުގައި ހޯމަ ދުވަހުގެރޭ އެފްރިކާގެ ޗެމްޕިއަން ޓީމު ކަމަށްވާ މިސްރުގެ އަލް އަހްލީ އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.
މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، މެޗުގެ 17 ވަނަ މިނެޓުގައި ބަޔާނުން ވަނީ ލީޑު ނަގާފައެވެ. ސާޖް ގްނަބްރީ ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް ރޮބަޓް ލެވަންޑޯސްކީއެވެ. އަދި މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ލެރޯއި ސާނޭ ދިން ބޯޅައަކުން ލެވަންޑޯސްކީ ވަނީ އިތުރު ލަނޑެއް ޖަހައި، އެ ޓީމަށް ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްދީފައެވެ.
މި މޮޅާއެކު މުބާރާތުގެ ފައިނަލަށް ބަޔާން ދަތުރުކުރިއިރު، ފައިނަލުގައި އެ ޓީމު ބައްދަލުކުރަން ޖެހޭނީ މެކްސިކޯގެ ޓިގްރެސްއާއެވެ. ޓިގްރެސް ފައިނަލަށް ދަތުރުކޮށްފައިވަނީ ސެމީގެ ފުރަތަމަ މެޗުގައި ދެކުނު އެމެރިކާގެ ޗެމްޕިއަން ޓީމު ކަމަށްވާ ބްރެޒިލުގެ ޕަލްމެއިރަސް އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މިއީ ކޮންކާކަފުގެ ޓީމެއް ކުލަބު ވޯލްޑް ކަޕުގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.
މިހާރު ކުރިއަށްދާ ކުލަބު ވޯލްޑް ކަޕަކީ މިދިޔަ އަހަރުގެ މުބާރާތެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބާއްވަން ތާވަލުކުރި މި މުބާރާތް މި އަހަރަށް ފަސްކުރީ ކޮވިޑް-19 އާ ގުޅިގެންނެވެ. ހަ ބައްރުގެ ޗެމްޕިއަނުންނާއި ހޯސްޓުކުރާ ގައުމުގެ ލީގު ޗެމްޕިއަނުންގެ މެދުގައި އާދައިގެ މުބާރާތެއްގެ ގޮތުގައި ކުރިއަށްދާ މި މުބާރާތް މި ފަހަރު ކުރިއަށްދަނީ ގަތަރުގައެވެ.
މި މުބާރާތުގެ ފައިނަލުގައި ބަޔާނާއި ޓިގްރެސް ބައްދަލުކުރާއިރު، ފައިނަލް މެޗު ކުޅޭނީ އަންނަ ބުރާސްފަތި ދުވަހުގެރެއެވެ.