މި އަހަރުގެ މެދާހަމައަށްދާއިރު ރާއްޖޭގެ ފަތުރުވެރިކަން ކުރިން އޮތް ހާލަތަށް ގެންދެވޭނެކަމުގެ އުންމީދު ބޮޑުކަމަށް ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މަޢުސޫމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މަޢުސޫމް ވިދާޅުވީ ކޮވިޑްގެ ބިރުވެރިކަން އަދިވެސް އޮތް މި ޙާލަތުގައިވެސް ފަތުރުވެރިން ރާއްޖެ އަންނަ އަދަދު އިތުރުވުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދުޅަހެޔޮކަން ހާމަކޮށްދޭކަމެއްކަމަށެވެ.
މިދިޔަ އާދީއްތަދުވަހު އެކަނިވެސް 4300 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާކަން ހާމަކުރައްވާ ކުރެއްވި ޓުވީޓެއްގައި ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މަޢުސޫމް ވިދާޅުވީ ދުވާލެއްގެ މައްޗަށް މި ދަތި ޙާލަތުގައިވެސް މިހާގިނަ ފަތުރުވެރިން އައުމަކީ އުފާކުރައްވާކަމެއްކަމަށެވެ. މިއާއެކު މިއަހަރުގެ މެދެއްހާ ހިސާބު، ކޯވިޑްގެ ކުރިން ރާއްޖޭގެ ފަތުރުވެރިކަން އޮތް ހާލަތަށް ގެންދެވޭނެކަމަށް ލަފާކުރެވޭ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖޭގައި މިހާރު ކޮވިޑްގެ ވެކްސިން ޖަހަން ފަށައިފައިވުމުން މި މަސައްކަތަށް އިތުރު ބާރެއް ލިބި ރިކަވަރީ ރޭޓް އަވަސްވެގެންދާނެކަމަށް ބެލެވޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖެޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ފާއިތުވި އަހަރަކީ ދުނިޔޭގެ ފެންވަރުގައި ރާއްޖޭގެ ފަތުރުވެރިކަމަށް ގިނަ ކާމިޔާބީތަކެއް ލިބުނު އަހަރެއް ކަމަށް މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމަށް ލިބުނު އެންމެ ފަޚުރުވެރި އެވޯޑްކަމަށްވާ ވޯލްޑް ޓްރެވަލް އެވޯޑްސްގެ ވޯލްޑް ލީޑިން ޑެސްޓިނޭޝަން ރާއްޖެއަށް ފުރަތަމަ ފަހަރަށް ލިބިފައިވާއިރު، ރާއްޖެ ވަނީ ޓޫރިޒަމް ސޭފްޓީ ސްޓޭމްޕްވެސް ފާއިތުވި އަހަރު ހާސިލުކޮށްފައެވެ. އަދި ރާއްޖޭގެ ގިނަ ރިސޯޓްތަކަށް ތަފާތު ގިނަ އެވޯޑްތައް ފާއިތުވި އަހަރު ލިބިފައިވާއިރު، ބަލިމަޑު ކަމުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓަށް އައު މާކެޓްތަކެއްވެސް ވަނީ ތައާރަފްވެފައެވެ.
ފާއިތުވި އަހަރު ސަރުކާރުން ކަނޑައަޅާފައިވާ 550،000 ފަތުރުވެރިންގެ ޓާގެޓު ހާސިލްވެފައިވާއިރު، މި އަހަރަށް ސަރުކާރުން ކަނޑައަޅާފައިވާ ޓާގެޓަކީ 1.5 މިލިއަން ފަތުރުވެރިންނެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ 35 ދުވަހުގެ ތެރޭގައި އެއްލައްކަ ފަތުރުވެރިން ރާއްޖެ ވަނީ އައިސްފައެވެ. 2022 ވަނަ އަހަރަކީ ފަތުރުވެރިކަމުގެ ރަން އަހަރުގެ ގޮތުގައި ފާހަގަކުރަން ނިންމައި ޙާއްސަ ކައުންޑައުންއެއް ޓޫރިޒަމް މިނިސްޓްރީން ވަނީ ފަށައިފިއެވެ.