މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް ޢާންމުންގެ ޚިޔާލު ހޯދަން ފުރުޞަތު ހުޅުވާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ނެރެފައިވާ އިޢުލާނެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާ ކުރައްވަމުން ގެންދަވާ "ޤާނޫނު މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަ"ށް ޢާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލާފައިވާ ކަމަށެވެ.
އަދި މި ބިލަށް އެއްވެސް ޚިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ، 22 ފެބުރުވަރީ 2021 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ކޮމިޓީގެ އީމެއިލް އެޑްރެސް [email protected] އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވުމަށް ވަނީ އެދިފައެވެ.
ސަރުކާރުގެ ފަރާތުން މި ބިލް ހުށަހަޅުއްވާފައި ވަނީ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދެވެ. މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނުގައި ކަނޑައަޅާފައިވާ މީހުން ޓްރެފިކްކުރުމުގެ ކުށާއި، ކުޑަކުދިން ޓްރެފިކްކުރުމުގެ ކުށާއި، އެކްސްޕްލޮއިޓޭޝަންގެ ޢަމަލު ހިންގުމުގެ މާނަ، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާއެއް ކަމުގައިވާ "ޔުނައިޓަޑް ނޭޝަންސް ކޮންވެންޝަން އެގެއިންސްޓް ޓްރާންސް ނެޝަނަލް އޯގަނައިޒްޑް ކްރައިމް" ގެ ޕްރޮޓޮކޯލްއަކާ އެއްގޮތް ކުރުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށެވެ.
އަދި އެ އިޞްލާޙުތަކާ ގުޅިގެން އެ ޤާނޫނުގެ އެހެން މާއްދާތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށާއި، ޓްރެފިކްކުރުމުގެ ކުށުގެ ޢަމަލެއް ހިންގުމަށް ބޭނުންކުރާ މުދަލާއި ފައިސާއާއި ކުށުގެ ޢަމަލުން ހޯދާފައިވާ މުދަލާއި ފައިސާ ދައުލަތަށް ނެގުމަށް ބާރުލިބިދޭ މާއްދާއެއް ޤާނޫނަށް އިތުރުކުރުމަށާއި، ޓްރެފިކް ކުރެވޭ މީހުންނަށް ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި ކޯޓަށް ނަގައިދެވޭނެ ބަދަލުތަކުގެ ބާވަތްތައް ޤާނޫނުގައި ކަނޑައެޅުމަށްޓަކައި އެ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށެވެ.