ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި ބޭއަދަބީ ބަހުރުވައާއި ފޮޓޯ ބޭނުންކުރުމާއި، ބަދުއަޚްލާޤީ ޢަމަލުތަކާއި ޖިންސީ ޢަމަލުތަކަށް ހިތްވަރުލިބޭފަދަ މޭރުމުން މީޑިއާ ކޮންޓެންޓް ޝާއިޢުނުކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން އެދެފިއެވެ.
މީޑިއާ ކައުންސިލުން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ފަހަކަށް އައިސް ބައެއް މީޑިއާތަކުން ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި އާންމު އިޖުތިމާޢީ މިންގަނޑާ ޚިލާފު ބޭއަދަބީ ބަހުރުވައާއި، މުޖުތަމަޢުގެ އަޚުލާޤީ މިންގަނޑާ ނުގުޅޭ ފޮޓޯ ބޭނުންކުރުމާއި، ބަދުއަޚްލާޤީ ޢަމަލުތަކާއި ޖިންސީ ޢަމަލުތަކަށް ހިތްވަރު ލިބޭފަދަ މޭރުމުން މީޑިއާ ކޮންޓެންޓް ތައްޔާރުކޮށް ޝާއިޢުކުރުން އިތުރުވަމުން ދާކަން އެ ކައުންސިލަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
މީޑިއާ ކައުންސިލުން ބުނީ "ދިވެހި މީޑިއާގެ ހަމަތަކާއި އަޚްލާޤީ މިންގަނޑު" ގެ 9 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތުގައި، ބަރަހަނާ މަންޒަރާއި ޖިންސީ ވާހަކަތަކާއި ޖިންސީ ޢަމަލުތަކަށް ހިތްވަރުދޭ ވާހަކަތަކާއި އެފަދަ ކަންކަން ސިފަކޮށްދޭ އެއްވެސް އެއްޗެއް ޝާއިޢުކުރުމުން ދުރުހެލި ވާންވާނެ ކަމަށެވެ.
އަދި އެ މިންގަނޑުގެ 10 ވަނަ މާއްދާގައި، ޚަބަރާއި މަޢުލޫމާތު ޝާއިޢުކުރުމުގައި، ޢާންމު އިޖުތިމާޢީ މިންގަނޑުތަކަށް ނުފެތޭ، ހަޑި ހުތުރު ބަސް ބޭނުން ކުރުމުން ދުރުހެލި ވާންވާނެކަމުގައި ބަޔާންކޮށްފައިވާނެ ކަމަށް ވެސް މީޑިއާ ކައުންސިލުން ބުނެއެވެ.
ވުމާއެކު މީޑިއާތަކުން ކޮންމެ ބާވަތެއްގެ ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި ވެސް މި މިންގަނޑާ އެއްގޮތަށް ކޮންޓެންޓް ގެނެސްދިނުމަށް ޚާއްޞަ ސަމާލުކަމެއްދީ، ރިވެތި ބަސްމަގު ބޭނުންކުރުމަށާއި މުޖުތަމަޢުގެ އަޚުލާޤީ މިންގަނޑަށް އެކަށޭނަ ފޮޓޯ ބޭނުން ކުރުމަށް މީޑިއާ ކައުންސިލުން އިލްތިމާސް ކުރެއެވެ.
މީގެ އިތުރުން މީޑިއާގައި ޝާއިޢުކުރާ އެންމެހައި ކޮންޓެންޓަކީ، ރާއްޖޭގައި ހުރިހާ އުމުރުފުރައަކަށް ވެސް އެއަށް ވާސިލުވެވޭ ކޮންޓެންޓް ކަމަށްވާތީ، އޭގެ ސަބަބުން ކުޑަކުދިންނަށް ނޭދެވޭ އަސަރުފޯރާނެފަދަ ކަންކަމަށްވާތީ، ނޫސްވެރިންނާއި އެޑިޓަރުން އަދި މީޑިއާތަކުގެ ވެރިން މިކަމަށް ޚާއްޞަ ސަމާލުކަމެއްދީ ޒިންމާދާރުވުމަށް އެ ކައުންސިލުން ވަނީ ނަސޭހަތްތެރި ވެފައެވެ.
އަދި ދިވެހި މީޑިއާގެ ހަމަތަކާއި އަޚްލާޤީ މިންގަނޑާއި، މުޖުތަމަޢުގެ ޢާއްމު އަޚްލާޤީ މިންގަނޑުގެ ބޭރުން ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި ބޭއަދަބީ ބަހުރުވައާއި ފޮޓޯ ބޭނުންކުރުމާއި، ބަދުއަޚްލާޤީ ޢަމަލުތަކާއި ޖިންސީ ޢަމަލުތަކަށް ހިތްވަރު ލިބޭފަދަ މޭރުމުން މީޑިއާ ކޮންޓެންޓް ޝާއިޢުކުރާ މީޑިއާތަކާ މެދު އެ ކައުންސިލުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ.