ޓެކްސް އެޕީލް ޓްރައިބިޔުނަލްއަށް ބޭފުޅަކު ޢައްޔަނުކުރުމަށް ހުޅުވާލި ފުރުޞަތުގައި އެކަމަށް ކުރިމަތިލީ ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި 4 ބޭފުޅުންގެ ނަންތައް ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.
ހޯމަ ދުވަހުގެ ޖަލްސާގައި ވަނީ ޓެކްސް އެޕީލް ޓްރައިބިޔުނަލްއަށް ޢައްޔަންކުރުމަށް ރައީސް ފޮނުއްވި ނަންފުޅުތައް ތަޅުމުގައި އިއްވާފައެވެ. އެގޮތުން ރައީސް އިސްކަން ދެއްވާ ތަރުތީބުން މަޖިލީހަށް ފޮނުއްވާފައިވާ ނަންފުޅުތަކަކީ:
އަލްއުސްތާޛާ ހައްވާ އަނޫސާ / މަލަކު، ފ. ނިލަންދޫ
އަލްއުސްތާޛާ ޚަދީޖާ ނައީމް/ މ. ރަންވަރަ
އަލްއުސްތާޛާ މަރިޔަމް ތޫލާ ރިލްވާން/ މ. ފްލެމިންގޯ
އަލްއުސްތާޛާ ޚަދީޖާ ސައީދު / ޑިޔަރެސްޓް، ސ. ފޭދޫ
ޓެކްސް އެޕީލް ޓްރައިބިޔުނަލްއަށް މެމްބަރަކު މި ޢައްޔަންކުރަނީ އެ ޓްރައިބިޔުނަލްއަށް ޤާނޫނީ ދާއިރާއިން ޢައްޔަންކުރައްވާފައިވާ އަލްއުސްތާޛާ ފާތުމަތު މިންހަތު ޢިއްޒަތު ޓްރައިބިޔުނަލްގެ މެމްބަރުކަމުން 7 ޑިސެމްބަރގައި އިސްތިޢުފާދެއްވާފައިވާތީއެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްއަކީ ޓެކްސްއާ ބެހޭ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހުށަހެޅޭ ޓެކްސްއާ ގުޅޭ މައްސަލަތައް ބެލުމަށް ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޓްރައިބިއުނަލް އެކެވެ.