މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކެމްޕެއިން ކުރިއަށްގެންދާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މިންގަނޑުތަކަށް ފެތޭގޮތަށް ކަމަށާއި އެފަދައިން ކެމްޕެއިން ކުރުމުގައި އެމްޑީޕީގެ 'ރަށްވެހި ފަތިސް' ނަމޫނާ ދައްކާނެ ކަމަށް ކެމްޕެއިންގެ ސްޕޯކްސްޕަރސަން މުހައްމަދު ސައިފް ފާތިހު ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސައިފް ވިދާޅުވީ އެމްޑީޕީއަކީ ލާމަރުކަޒީކޮށް ހަރަކާތްތައް ހިންގާ ޕާޓީއެއް ކަމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއްފަހަރާ ސުލްޙަވެރި ސިޔާސީ ހަރަކާތް ހިންގުމަށް އެމްޑީޕީ ނުހަނު ފަރިތަވާނެ ކަމަށެވެ.
އަދި މިކަން ހިނގާނީ އެޗް.ޕީ.އޭ.އިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭ ގޮތަށް ކަމަށް ވެސް ސައިފް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ސައިފް ވިދާޅުވީ ކޮވިޑްގެ ރައްކާތެރިކަމުގެ އިރުޝާދުތައް ވަކިވަކި ކެންޑިޑޭޓުންނަށާއި، ކެމްޕޭން ޓީމުތަކަށް ފޮނުވާފައިވާ ކަމަށެވެ.
އަދި ސަލާމަތީ ފިޔަވަޅުތައް އަޅައިގެން ތިބެ ކެމްޕޭންކުރުމަށް ވާންޖެހޭ ޚާއްޞަ ތައްޔާރީތަކުގެ މައްޗަށް ފުޅާކޮށް މަޝްވަރާ ހިންގާ، އެމްޑީޕީގެ ކެންޕޭން ނެޓްވަރކުތައް އިންތިޒާމުވަމުން ދާކަމަށް ސައިފް ވިދާޅުވިއެވެ.
މުޅި ދުނިޔެއަށް ދިމާވެފައިވާ ކޮވިޑް-19ގެ ވާހަކަ ދައްކަވަމުން ސައިފް ވިދާޅުވީ ލޯކަލް ކައުންސިލްގެ އިންތިޚާބު ދުސްތޫރީ އަދި ޤާނޫނީ މުއްދަތުގެ ތެރޭގައި ނުބޭއްވުނީ އެކެއްގެ ކުށަކުން ވެސް ނޫން ކަމަށެވެ. އަދި 2020 އޭޕްރީލުން ފެށިގެން މިއަހަރުގެ މިއަދާ ހަމައަށް ވެސް އިންތިޚާބު ނުބޭއްވުނީ ކޮވިޑްގެ ޢާލަމީ ވަބާގައި ދިވެހި ރައްޔިތުންގެ ސަލާމަތާއި، ރައްކާތެރި ކަމަށްޓަކައި ކަމަށް ވެސް ސައިފް ވިދާޅުވިއެވެ.
ވުމާއެކު އައު ލާމަރުކަޒީ ނިޒާމުން ގެނެސްދިން ގިނަ ބާރާއި، ބޮޑެތި އިޚްތިޔާރުތައް ބޭނުން ނުހިފޭ ގޮތަށް، ކައުންސިލްތަކުގެ ދައުރު ދަންމާން ޖެހުނުކަން ފާހަގަކުރައްވައި ސައިފް ވިދާޅުވީ ރައްޔިތުންގެ ސީދާ ބަހުގެ މައްޗަށް ހިންގާން އޮތް ލާމަރުކަޒީ ނިޒާމަށް މަޖުބޫރުވީ ބާވަތަކަށް ހުއްޓުން އަރާފައިކަމަށެވެ.
ނަމަވެސް އޭޕްރިލް 10ވާ ހޮނިހިރު ދުވަހު ވޯޓުލާން ނުކުންނާނީ ވެކްސިންޖަހައި، ދުޅަހެޔޮކަމާއި އުފަލުގައި ކަމަށް ސައިފް ވިދާޅުވިއެވެ.