ކ. މާލެ
|
8 ފެބްރުއަރީ 2021 | ހޯމަ 12:02
ބެޓިސް އާއި ބާސާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބާސާ މޮޅުވީ 3-2 ން
ބެޓިސް އާއި ބާސާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބާސާ މޮޅުވީ 3-2 ން
ގެޓީ އިމޭޖަސް
ސްޕެނިޝް ލީގު
ފަހަތުން އަރައި ބެޓިސް ބަލިކޮށް ބާސާ ދެވަނައަށް
ބެޓިސް އަތުން ބާސާ މޮޅުވީ 3-2 ގެ ނަތީޖާއަކުން
ތާވަލުގެ ދެވަނައަށް ބާސާ ޖެހިލީ 43 ޕޮއިންޓާއެކު

ސްޕެނިޝް ލީގުގައި އާދީއްތަ ދުވަހުގެރޭ ފަހަތުން އަރައި ރެއާލް ބެޓިސް ބަލިކޮށް ތާވަލުގެ ދެވަނައަށް ބާސެލޯނާ ޖެހިލައިފިއެވެ.

ބެޓިސްގެ ދަނޑުގައި ކުޅުނު މެޗުން ބާސާ މޮޅުވީ ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުންނެވެ.

މި މެޗު ބާސާއިން ފަށާފައިވަނީ އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ބެންޗުގައި ބާންދައިގެންނެވެ. އެއާއެކު މެޗުގެ ފުރަތަމަ ހާފުގައި ބެޓިސްއިން ރަނގަޅު ކުޅުމެއް ދެއްކިއިރު، މި ހާފުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މެޗުގެ 38 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބޯހާ އިގްލީސިއަސްއެވެ.

މި މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު މެސީ ކުޅެން އެރުވިއިރު، ކުޅެން އެރިތާ ދެވަނަ މިނެޓުގައި މެސީ ވަނީ ލަނޑެއް ޖަހައި ބާސާއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މެޗުގެ 68 ވަނަ މިނެޓުގައި ބާސާއިން ލީޑު ނެގިއިރު، މިއީ ބެޓިސްގެ ވިކްޓަ ރުއީޒް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އެކަމަކު މެޗުގެ 75 ވަނަ މިނެޓުގައި ރުއީޒް ވަނީ ލަނޑެއް ޖަހައި ބެޓިސްއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މި މެޗުން ބާސާ މޮޅުވީ މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ޓްރިންކާއޯ ކާމިޔާބުކުރި ލަނޑުންނެވެ.

މި މޮޅާއެކު ތާވަލުގެ ދެވަނައަށް ބާސާ ޖެހިލީ ކުޅުނު 21 މެޗުން ލިބުނު 43 ޕޮއިންޓާއެކުއެވެ. ތިންވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށްވެސް 21 މެޗުން 40 ޕޮއިންޓް ލިބިފައިވާއިރު، ބާސާއަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. މީގެ އިތުރުން ބާސާ އަތުން ބަލިވި ބެޓިސް އޮތީ ތާވަލުގެ ހަތްވަނައިގައި 22 މެޗުން 30 ޕޮއިންޓާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް