މެލޭޝިއާ އަދި އިނގިރޭސިވިލާތުގައި ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓު ފޮށި ނުބެހެއްޓޭނެކަމަށް އިލެކްޝަން ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
އިލެކްޝަން ކޮމިޝަނުގެ ރައީސް ޝަރީފް އާދީއްތަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލޯކަލް ކައުންސިލްގެ އިންތިހާބު ބޭއްވުމަށް ތައްޔާރުވަމުން އަންނައިރު، މި އިންތިހާބުގެ ވޯޓު ފޮށި އިނގިރޭސިވިލާތުގެ ލަންޑަނުގައި އެހެން އަހަރުތަކުގައި ބެހެއްޓި ކަމުގައިވިޔަސް މި އިންތިހާބުގައި އެގައުމުގައި ވޯޓު ފޮށި ނުބެހެއްޓޭނެ ކަމަށެވެ. އަދި މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގައިވެސް ވޯޓު ފޮށި ނުބެހެއްޓޭނެކަން ޔަގީންވެފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން އިންތިޚާބު ފަސްކުރީ ހާއްސަ ޤާނޫނެއްގެ ދަށުން، މިއަހަރުގެ މެއި މަހުގެ ނުވަވަނަ ދުވަހަކީ އިންތިޚާބު ބޭއްވުމަށް ކަނޑައެޅޭނެ އެންމެ ފަހު ތާރީޚުކަމަށް ބަޔާން ކުރުމަށްފަހުގައެވެ. ނަމަވެސް އިންތިޚާބު ބާއްވަން އޮތް އެންމެ ބޮޑު ހުރަހަކީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ކަމަށްވާއިރު، އެ ހާލަތުން އަރައިގަނެވޭނެ ވަކި ދުވަހެއް ނޭނގޭކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފައިވެއެވެ.
އަދި ދައުރުން ބޭރުގައި މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށްފަހު އިންތިހާބު އޭޕްރީލްމަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފައެވެ. އެހެން ނަމަވެސް ކޮވިޑްގެ މިހާލަތުގައި އިންތިހާބު ނުބޭއްވިދާނެކަމުގެ ބިރު އޮތް ކަމަށް އިލެކްޝަން ކޮމިޝަނުން އަންނަނީ ބުނަމުންނެވެ.