އިމާމުންނަށް ވެކްސިންޖެހުމުގެ އިންތިޒާމްތައް ހަމަޖައްސުމުގެ މަސައްކަތް ކުރަމުންދާކަމަށް އިސްލާމިކް މިނިސްޓްރީއިން ހާމަކޮށްފިއެވެ.
ކޮވިޑް-19 ގެ ޙާލަތު އިތުރަށް ގޯސްވަމުންދާތީ މިސްކިތްތަކުގެ އިމާމުންނާ އިސްލާމިކް މިނިސްޓްރީން ވަނީ ބައްދަލުކުރައްވާފައެވެ. ކޮވިޑް-19 ގެ ޙާލަތު އިތުރަށް ގޯސްވަމުންދާތީ އިމާމުން ޢަމަލުކުރަންވީ ގޮތުގެ އިތުރު އިރުޝާދުތައް މި ބައްދަލުވުމުގައި ވަނީ ދީފައެވެ. މި ބައްދަލުވުމުގައި މިސްކިތްތަކަށް ނަމާދަށް ދާއިރު އެޗް.ޕީ.އޭ ގެ ގައިޑްލައިންތަކާ އެއްގޮަތަށް ޢަމަލުތައް ބެހެއްޓުމަށް ޢާއްމުންނަށް އިތުރަށް ނަޞޭޙަތްތެރިވުމަށް ވަނީ އިމާމުންނަށް އަންގާފައެވެ. ޢާއްމު ސަލާމަތާއި ރައްކާތެރިކަމަށާއި އެންމެންގެ ރައްކާތެރިކަމަށް ކަނޑައަޅާފައިވާ ޤަވާޢިދުތަކަށް ހުރިހާ އެންމެން ވެސް އެއްބާރުލުންދީ އެކަންކަމަށް އިތުރަށް ސަމާލުވުމަށް ސްލާމިކް މިނިސްޓްރީއިން ވަނީ އަންގާފައެވެ.
މި ބައްދަލުވުމުގައި މިސްކިތްތަކުގެ އިމާމުންނަށް ވެކްސިންޖެހުމުގެ އިންތިޒާމްތައް އެޗް.ޕީ.އޭ އާ ގުޅިގެން ކުރަމުންދާކަމަށް ހުރިހާ އިމާމުންނަށް ވަނީ އަންގާފައެވެ. ކޮވިޑްގެ ނުރައްކާ އޮތް މިންވަރުބަލާ ރާއްޖޭގައި ވެސް ވެކްސިންޖެހުމުގެ ޕްރޮގްރާމްވަނީ ފަށާފައެވެ. ހޮނިހިރު ދުވަހު މާލެ ސަރަހައްދުގައި އުމުރުން 55 އަހަރުން މަތީގެ މީހުންނަށް ވެކްސިންޖަހަން ވަނީ ފަށާފައެވެ. މީގެ އިތުރުން އެކި މުއައްސަސާތަކާއި ކުންފުނިތަކުގެ ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންނަށް ދަނީ ވެކްސިން ޖަހަމުންނެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ހޯލްގައި އޮތް މި ބައްދަލުވުމުގައި މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢުޡަމުގެ އިމާމް އައްޝައިޚް ނަޞްރުﷲ ޢަލީގެ އިތުރުން މިނިސްޓްރީގެ މިސްކިތްތަކާ ބެހޭ ބައިގެ އިސް މުވައްޒަފުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ކޮވިޑް-19 ގެ ޙާލަތު އިތުރަށް ގޯސްވަމުންދާތީ މިސްކިތްތަކުގެ އިމާމުންނާ ބައްދަލުކޮށްފައިވާއިރު، މިސްކިތްތަކުގައި ވަކި އިންތިޒާމްތަކެއް ހަމަޖައްސައި ނަމާދަށް އަންނަ މީހުން ވެސް ސަމާލުކަންދޭންޖެހޭ ކަންކަން އިސްލާމިކް މިނިސްޓްރީއިން ވަނީ އިޢުލާންކޮށްފައެވެ. އެގޮތުން ގެއިން ވުޟޫޢުކޮށްގެން މިސްކިތަށް ދިއުމާއި، އަމިއްލަމުސައްލައެއް ގެންދިއުމާއި، މާސްކު އެޅުމާއި،މިސްކިތަށް ވަދެ ނުކުތުމުގައި ގައިދުރުކަން ބެހެއްޓުން ހިމެނެއެވެ. މީގެ އިތުރުންމުސައްލައެޅުމުގައި ގައިދުރުކަން ބެހެއްޓުމާއި، އެމީހެއްގެ މުސައްލަ މަތީގައި މެނުވީ ނަމާދު ނުކުރުމާއި،ހުމާ ރޯގާގެ އަލާމާތެއް ހުރިނަމަނަމާދަށް މިސްކިތަށް ނައުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ނަމާދަށް ފަހު މިސްކިތުގައި މަޑު ނުކުރުމާއި،ފުއްޕާމޭގެ ބަލި ހުންނަ މީހުންނާއި ޢުމުރުން ދުވަސް ވެފައިވާ މީހުން މިސްކިތަށް ނުދިއުމާއި،ގައިންގަޔަށް އަރާ މި ބަލިން ރައްކާތެރިވުމަށް މިސްކިތުގައި އާއި މިސްކިތުން ބޭރުގައި ވެސް އަތާ އަތް ޖޯޑުކޮށް ސަލާމްކުރުން ފަދަ ކަންކަން ކުރުމުން ދުރުހެލިވުމަށް ވެސް ވަނީ އަންގާފައެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މާލެ ސަރަޙައްދުގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ކުރުން ވެސް މެދު ކަނޑާލިއެެވެ. އެހެންނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މިދިޔަ އަހަރުގެ ޖޫންމަހުގެ 14 ވަނަ ދުވަހު ވަނީ އާއްމުކޮށް މިސްކިތްތައް ހުޅުވައި ނަމާދުކުރަން ފަށާފައެވެ.