ކޮވިޑް-19ގައި އިތުރު ދިވެއްސަކު މަރުވެ ރާއްޖޭގައި މި ބަލީގައި މަރުވި މީހުންގެ އަދަދު 55ށް އަރައިފިއެވެ.
އެޗް.ޕީ.އޭ.އިން ބުނިގޮތުގައި މި ބަލީގައި މަރުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް-11 ގައި ފަރުވާދެމުންދިޔަ އުމުރުން 60 އަހަރުގެ ދިވެހި އަންހެނެކެވެ. މިއަދު މި ބަލީގައި މީހަކު މަރުވި އިރު މި މަހުގެ 3 އަދި 4 ވަނަ ދުވަހު ވެސް މި ބަލީގައި ދެމީހަކު މަރުވެފައިވެއެވެ.
މިހާ އަވަސް އަވަހަށް ރާއްޖޭގައި މި ބަލީގެ މީހުން މަރުވަމުންދާއިރު ރާއްޖޭގައި މިހާރު 207 މީހަކަށް ދަނީ އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ. މިފަހަކަށް އައިސް ކުއްލިއަކަށް ކޭސްތަކުގެ އަދަދުތައް މައްޗަށް އަރާފައިވާއިރު 100 އިން މަތީގައި ކޮންމެ ދުވަހަކު ވެސް ރިޕޯޓްކުރާ ކޭސްތަކުގެ އަދަދު ހުންނަތާ މިހާރު ހަފުތާއަކަށް ވުރެ ގިނަ ދުވަސްވަނީ ވެފައެވެ.
މާލޭގައި ފަރުވާދެމުންދިޔަ ދިވެއްސަކު މަރުވިއިރު، އާދިއްތަ ދުވަހު ދުބާއީގައި ވެސް ކޮވިޑް-19 ޖެހިގެން ފަރުވާދެމުން ދިޔަ ދިވެހި ޒުވާން ފިރިހެނަކު ވަނީ މަރުވެފައެވެ.