އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން އަދާވާތްތެރިވުމުގެ މަޤުޞަދުގައި ވެކްސިނާއި ސިއްޙީ ޚިދުމަތްތަކާ ދެކޮޅަށް ދައްކަމުންދާ ވާހަކަތަކުގެ ސަބަބުން އެ މީހުންގެ އަދާވާތްތެރިކަން ނުކުޅަދާނަ މިންވަރަށް ގޮސްފައިވާ ކަމަށް އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީގެ ރަށްވެހި ފަތިސް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭން ހަރަކާތްތަކާ ގުޅޭ މަޢުލޫމާތު ޙިއްޞާކުރުމަށް އާދިއްތަ ދުވަހު އެޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކެމްޕޭންގެ ސްޕޯކްސްޕާސަން މުހައްމަދު ސައިފް ފާތިހު ވިދާޅުވީ އިދިކޮޅުން ވެކްސިންއާ ދެކޮޅަށް ދައްކަމުން ދަނީ އެއްވެސް ވަރަކަށް ބަލައިގަނެވޭނެ ވާހަކަތަކެއް ނޫން ކަމަށެވެ.
ސިޔާސީ މަންފާއެއް ހޯދުމަށް ވަކި ކެމްޕޭނެއް ކާމިޔާބުކުރުމުގެ މަޤުޞަދުގައި، ސިއްޙީ ދާއިރާއަށް އޮތް އިތުބާރު ގެއްލޭ ގޮތަށް ބައްްޔެއްގެ ފަރުވާއަކާ ދެކޮޅަށް ވާހަކަދެއްކުމަކީ ވަރަށް ދެރަ އަދި ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ ކަމެއްގެ ސަބަބުން ދުނިޔޭގެ ހުރިހާ ކަމެއް ހުއްޓުމަކަށް އައިސްފައިވާ ކޮވިޑް-19އަކީ ސަމާސާއެއް ނޫން ކަމަށާއި އެފަދަ ވާހަކަތައް ދައްކައި ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެއްދުމަށް މަސައްކަތް ނުކުރުމަށް އިދިކޮޅަށް ގޮވައިލާ ކަމަށެވެ.
އަޅުގަނޑުމެން ކުޑަ އިރުއްސުރެއް އަހާ ލަވައެއް އޮވޭ ނައިފަރު ދޮހޮއްކޮގެ، އެދޭ ނަމަ ލޯބިވާންވީ ވެސް ހިތަށް ކުޅަދާނަ މިންވަރަކުން އަދާވާތްތެރި ވިޔަސް ވާންވީ ހިތަށް ކުޅަދާނަ މިންވަރަކުން. އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ސިޔާސީ ވާދަވެރިންގެ ޢަދާވާތްތެރިކަން މިހާރު ނުކުޅަދާނަ މިންވަރަށް ގޮސް އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ ރައްޔިތުންގެ އާންމު ސިއްޙަތަށް ނުރައްކާވާ ފަދަ ވާހަކަތަކެއް އެ ދަނީ ދެކެވެމުން.މުހައްމަދު ސައިފް ފާތިހު
ކެމްޕޭން ހަރަކާތްތައް މިހާރު ކުރިއަށް ގޮސްފައިވާ މިންވަރާ ގުޅޭގޮތުން އޭނާ ވިދާޅުވީ، ކެމްޕޭން ޓީމުތަކާއި މޮނީޓަރުން ކަނޑައަޅައި، ހުރިހާ އިންތިޒާމުތަކެއް މިހާރު ހަމަޖައްސަމުން އަންނަ ކަމަށެވެ. އަދި ފޯނު މެދުވެރިކޮށް ކޯލް ސެންޓަރުތަކުން އާންމުންނަށް ގުޅައި ކެމްޕޭންގެ ކަންކަން ކުރިއަށްގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެމްޑީޕީއަށް އަދި ރަށްވެހި ފަތިސް ކެމްޕޭން ޓީމަށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވުރެ އެހެން ކަމެއް މުހިންމު ނުވާނެ ކަމަށެވެ. އެހެންކަމުން ޕާޓީގެ ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދާނީ އެޗް.ޕީ.އޭ.އިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަންނަ އޭޕްރިލް މަހުގެ 10 ވަނަ ދުވަހަށް ލޯކަލް ކައުންސިލް އިންތިޚާބު ތާވަލުކޮށްފައިވާއިރު އިންތިޚާބަށް ތައްޔާރުވެ، ކެމްޕޭން ފެށުމަށް ހުރިހާ ސިޔާސީ ޕާޓީތަކަށް ވެސް މިހާރު ވަނީ ހުޅުވައިލާފައެވެ. ނަމަވެސް އޮންލައިންކޮށް ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އެޗް.ޕީ.އޭ.އިން އާންމުކުރި އިންތިޚާބުގެ އުސޫލުގައި ބާރު އަޅާފައިވެއެވެ.
އިންތިޚާބު ބާއްވާނެ ވަކި ދުވަހެއް ކަނޑައަޅާފައިވީ ނަމަވެސް އެޗް.ޕީ.އޭ.އިން އާންމުކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް އެ ތާރީޚުގައި އިންތިޚާބު ބޭއްވުމުގައި ދަތިތަކެއް ހުރި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. އަދި އެކަމުގެ ޝަކުވާތައް ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހެޅުމަށް އިލެކްޝަންސްއިން ވަނީ ނިންމާފައެވެ.