ކޮވިޑް-19 އާ ގުޅިގެން ގދ. ތިނަދޫ މޮނީޓަރިންގ ހާލަތަށް ގެނެސް، އެރަށަށް އަރައިފޭބުން މަނާކޮށްފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖޭންސީ (އެޗްޕީއޭ)އިން އާދިއްތަ ދުވަހު އަންގާފައިވާ އެންގުމެއްގައިވަނީ، ކޮވިޑް-19 އާ ގުޅިގެން، ސިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް، ތިނަދޫގައި މިވަގުތު ތިބި އެއްވެސް މީހަކު އެޗް.ޕީ.އޭ.އިން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެޗް.ޕީ.އޭ.ގެ ހުއްދަނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާކޮށް، ރަށް މޮނީޓަރިންގ ހާލަތަށް ގެނެވިފައިވާކަމަށެވެ.
ކޮވިޑް-19ގެ ކޭސްތަކެއް ތިނަދޫއިން ފެނިފައިވާއިރު، އެރަށުގައި ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތްކުރަމުންދެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މިދިއަ ހަފުތާގައި ތިނަދޫއިން މާލެއަށް ދަތުރުކުރި ދެމީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވެއެވެ. އެކަމާ ގުޅިގެން ވެސް ސާމްޕަލް ނެގުމުގެ މަސައްކަތް ކޮށްފައިވެއެވެ. އޭގެފަހުން އައްޑޫ ސިޓީ ހިތަދޫން ޕްޒިޓިވްވި މީހަކާއި ކޮންޓެކްޓްވި މީހަކު ތިނަދޫއިން ވެސް ޕޮޒިޓިވްވެފައިވާ ކަމަށްވެއެވެ.
މިފަހުން ހިތަދޫގައި ބަޔަކު ޕްޒިޓިވްވެފައިވަނީ، އޭވިއޭޝަން ކޮމާންޑުގެ ޓްރެއިނިންގއަށް މާލެއިން އައި ބަޔަކު ޕޮޒިޓިވްވުމާ ގުޅިގެންނެވެ. ތިނަދޫއިން ޕޮޒިޓިވްވި މީހަކީ ގދ. ކާނޑެއްދޫ އެއާޕޯޓުގައި މަސައްކަތް ކުރަމުންދާ މީހެއްކަމަށްވެއެވެ. އެމީހާ އަކީ ވެސް މިދިޔަ ހަފުތާގައި އައްޑޫގައި ބޭއްވި އޭވިއޭޝަން ކޮމާންޑުގެ ޓްރެއިނިންގައި ބައިވެރިވި މީހެކެވެ.
ހިތަދޫގެ ފްލޫ ކްލިނިކަށް ދެއްކި ދެ މީހަކު ޕޮޒިޓިވްވުމާ ގުޅިގެން އައްޑޫ މިވަގުތު އޮތީ މޮނީޓަރިންގެ ހާލަތުގައެވެ. އެ ދެ މީހުންނާ ކޮންޓެކްޓުވި ފަސް މީހަކު މިހާތަނަށް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
ކޮވިޑް-19ގެ ހާލަތު ރާއްޖޭގައި އިތުރަށް ގޯސްވެ، މާލެ ސަރަހައްދުން ގިނަ ޕޮޒިޓިވް ކޭސްތަކެއް ދަނީ ފެންނަމުންނެވެ. އަދި ބައެއް ރަށްތަކުން ވެސް ޕްޒޮޓިވް ކޭސްތައް ފެންނަމުންދާއިރު، ރިސޯޓްތަކުން ވެސް ޕޮޒިޓިވް ކޭސްތައް ދަނީ ފެންނަމުންނެވެ.
ހޮނިހިރު ދުވަހު 109 މީހުން ރާއްޖެއިން ޕޮޒިޓިވްވެފައިވާއިރު، އޭގެތެރެއިން 78 މީހުންނަަކީ މާލެ ސަރަޙައްދުން ޕޮޒޮޓިވްވި މީހުންނެވެ. ރަށްތަކުން 11 މީހަކު ޕޮޒިޓިވްވެފައިވާއިރު ރިސޯޓުތަކުން 20 މީހަކު ޕޮޒިޓިވް ވެފައިވެއެވެ.
މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 2039 މީހަކަށް ފަރުވާ ދެމުންދާއިރު، ހޮސްޕިޓަލުގައި 207 މީހަކަށް ފަރުވާދެމުންދެއެވެ. މިހާތަނަށް ރާއްޖެއިން 16656 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު 54 މީހަކު ނިޔާވެފައިވެއެވެ.