އިންޓަނެޓްގެ ރައްކާތެރިކަމާ ގުޅޭ އެމްބެސެޑަރުން ތަމުރީންކުރުމުގެ ޕްރޮގްރާމެއް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީން ފަށައިފިއެވެ.
ހޮނިހިރު ދުވަހު އިފްތިތާޙްކުރި މި ތަމުރީން ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ މިނިސްޓަރ މަލީހް ޖަމާލްއެވެ.
މިނިސްޓްރީން ބުނިގޮތުގައި އެމްބެސެޑަރުންގެ ގޮތުގައި ތަމްރީންކުރަނީ ކުޑަކުދިންނެވެ. އަދި އެކަމަށް ކުދިން ނަގާފައި ވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންއާ ގުޅިގެން ކޮންމެ ސްކޫލަކުން ވެސް އެކަމަށް އެކަށޭނެ ދަރިވަރުންގެ ލިސްޓެއް ނަގައިގެން ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ އެފަދަ ކަމަކަށް ކުޑަކުދިން ނެގީ ވަރަށް ޚާއްޞަ މަޤްސަދެއްގައި ކަމަށެވެ. އެގޮތުން މިހާރުގެ ހާލަތަށް ބަލާއިރު ކުޑަކުދިން އިންޓަނެޓާއި ޓެކްނޮލޮޖީގެ ދުނިޔެއަށް ވަރަށް ބޮޑަށް ނިކުންނަން މަޖުބޫރުވެފައިވާއިރު އޭގެ ބޭނުން ރައްކާތެރިކޮށް ހިފަން އެކުދިންނަށް ރަނގަޅަށް އެނގުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ބުންޏެވެ. އެހެންވެ ކުޑަކުދިންގެ ވިސްނުން ހުންނަގޮތަށް ބަލައި ބޮޑެތި މީހުން، އެކުދިންނަށް އެފަދަ ކަންކަން ވިސްނައިދިނުމުގެ ބަދަލުގައި އެކުދިންގެ ތެރެއިން އެކަމަށް ވަކި ކުދިންތަކެއް ތަމްރީންކޮށް އެކަން އަންގައިދިނުމަކީ ރަނގަޅު ގޮތެއް ކަމުގައި ގަބޫލުކުރެވޭ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްްޓްރީން ބުނީ މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދަނީ ވެސް އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން ކަމަށެވެ. އެގޮތުން މީގެ އަމާޒަކީ އިންޓަނެޓް ހެޔޮގޮތުގައި ބޭނުންކުރުމުގައި ސަމާލުވާންވީ ކަންކަމާއި، އޮންލައިންކޮށް އުޅޭއިރު ދިމާވެދާނެ ގޮންޖެހުންތަކާ މެދު ކުދިން ހޭލުންތެރި ކުރުވައި، އެފަދަ ކަންކަމުން ރައްކާތެރިވާނެގޮތް ކިޔައިދިނުމުގެ އިތުރުން ކަމެއް ދިމާވެއްޖެނަމަ ކަންކުރާނެގޮތް އަންގައިދިނުން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިޕްރޮގްރާމުގައި ކިޔަވައިދޭނެ ބައިތަކުގެ ތެރޭގައި ޕްރައިވަސީއާއި ސެކިއުރިޓީ، ސައިބަރ ބުލިއިންގ، މޯރަލް ކޮމްޕަސް، އަދި ޑިޖިޓަލް ފްރެންޑްޝިޕްފަދަ ބައިތައް ހިމެނޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރަށް ދިމާވެދާނެ ގޮންޖެހުންތަކާމެދު އެހެންކުދިން ހޭލުންތެރިކުރުވުމަށް އެމްބެސެޑަރުންގެ ހައިސިއްޔަތުން އަމިއްލައަށް އިސްނަގައިގެން އެކުދިންނަށް ސްކޫލު ފެންވަރުގައި ކުރެވިދާނެ ކަންކަން ރާވައި ހިންގާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ މި ފެށުނީ ތަމްރީން ޕްރޮގްރާމުގެ ފުރަތަމަ ބުރު ކަމަށާއި، މިއީ މާލެ ސަރަޙައްދުގެ ސްކޫލްތަކަށް އެކަނި އަމާޒުކޮށްގެން ކުރިއަށް ގެންދާ ބުރެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި އަތޮޅުތެރޭގައި ވެސް މި ޕްރޮގްރާމް ކުރިއަށްގެންދާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އަދި މި ފަހަރު މާލެ ސަރަޙައްދުގެ ސްކޫލްތަކުން 12 ދަރިވަރަކު ބައިވެރިވެފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.