ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު ގޯސްވަމުންދާތީ ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި މާސްކު އެޅުން ވަނީ މަޖުބޫރުކޮށްފައެވެ.
އެހެންކަމުން އާދިއްތަ ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މާސްކު އެޅުމަކީ މަޖުބޫރުކަމެކެވެ. އަދި މާސްކު ނާޅާ އުޅޭނަމަ މާލެއެކޭ އެއްގޮތަށް ރަށްރަށުގައިވެސް 1000 ރުފިޔާއިން ޖޫރިމަނާކުރަމުންދާނެއެވެ.
ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ހެެޑް އޮފް ޓްރެެފިކް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވައި ނެރުއްވާފައިވާ އިއުލާނެއްގައިވާ ގޮތުން، 7 ފެބްރުއަރީން ފެށިގެން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގެއިން ބޭރުގައި އަދި އާންމު ތަންތަނުގައި އުޅޭއިރު މާސްކް އެޅުން ވަނީ މަޖުބޫރު ކޮށްފަކަމަށެވެ.
އެހެންކަމުން، ރާއްޖޭގެ ހުރިހާ ރަށެެއްގައިވެސް ފުލުހުން ނެތް ކަމުގައި ވިޔަސް ޓާސްކު ފޯހެއް ހަދާފައި އޮންނާނެ ކަމަށާއި، ރަށްރަށުގައި މާސްކު ނާޅާ އުޅޭ ނަމަ ޖޫރިމަނާ ކުރާނެ ކަމަށެވެ.
ސަމީރު ވިދާޅުވީ، ރަށްރަށުގައިވެސް ޖޫރިމަނާކުރަމުން އަންނާނީ 1000ރއިން ފެށިިގެން ކަމަށެވެ.
ސަމީރު ވިދާޅުވީ، ކޮވިޑް-19 ރާއްޖޭގައި ފެތުރެން ފެށިފަހުން، މާސްކު އަޅަން ހުރިހާ ފަރާތްތަކަށް ނަސޭހަތް ތެރިވަމުންދާއިރު، ދެން ނަސޭހަތް ދިނުމެއް ނޯންނާނެ ކަމަށާއި، މާސްކު ނާޅާ ފަރާތްތައް ޖޫރިމަނާ ކުރެވޭނެ ކަަމަށެވެ.
މާސްކު އެޅުމާއި ގުޅޭގޮތުން އެޗްޕީއޭއިން މިމަހު 2 ވަނަ ދުވަހު ގަޒެޓް ކުރި އުސޫލުގައިވާ ގޮތުން، 7 ފެބްރުއަރީން ފެށިގެން، ވަކިގޮތެއް އަންގަންދެން، ގެއިން ބޭރުގައި އުޅޭއިރު، އަނގަޔާއި ނޭފަތާއި ދަތްދޮޅި ނިވައިވާ ގޮތަށް މާސްކު އެޅުމަށް ވަނީ އަންގާފައެވެ. އެ އުސޫލުގައިވާ ގޮތުން އަންނަނިވި ހާލަތް ތަކުގައިވާ ފަރާތްތައް، ގެއިން ބޭރުގައި އުޅޭއިރު މާސްކް އެޅުމުން އިސްތިސްނާވާނެއެވެ؛
- 2 އަހަރުން ދަށުގެ ކުޑަކުދިން
- ކަސްރަތު ކުރަން އުޅޭ މީހުން ކަސްރަތުކުރާ ވަގުތު.
- އެހެން މީހެއްގެ އެހީއާ ނުލައި މާސްކު އަޅައި، މާސްކު ނުނެގޭ މީހުން.
- ހޮޓާ،ކެފޭ، ރެސްޓޯރަންޓް، ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ޚިދުމަތް ހޯދާ ފަރާތްތައް، ޚިދުމަތް ހޯދާ ވަގުތު
ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް ކުރިއަށް އޮތް ދެ ހަފްތާއަށް މާލެ ސަރަހައްދުގައި ރޭގަނޑު 08:30 އިންފެށިގެން ފަތިހު 04:30އަށް ވެހިކަލް ދުއްވުން ވަނީ މަނާކޮށްފައެވެ. އެހެންނަމަވެސް އާންމު ފަރާތްތަކުގެ ހާއްސަ ބޭނުންތަކަށް ކޮންމެ ޓެކްސީ ސެންޓަރަކަށް 10 ޓެކްސީއަށް ޓެކްސީ ކުރުމުގެ ހުއްދައެއް ވަނީ ދީފައެވެ.
މީގެއިތުރުން ރޭގަނޑު 11:00ން ފެށިގެން ފަތިހު 04:30ށް މާލެ ސަރަހައްދުގައި ވަނީ ކާފިއު ހިންގާފައެވެ.
ރާއްޖޭގެ މިވަގުތުގެ ކޮވިޑް-19 ގެ ހާލަތާ ގުޅޭގޮތުން އެޗް.އީ.އޯ.ސީ.ން މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ބައްޔާ ގުޅޭ ގޮތުން ސަރުކާރަށް ކޮންސަލްޓަންސީ ފޯރުކޮށްދެއްވާ ޑރ.ޝީނާ މޫސާ ވިދާޅުވީ ކޮވިޑް-19 ފެތުރޭ ވަރަށް ބަލައިގެން ދުނިޔޭގެ ގައުމުތައް ގިންތި ކުރާ ނަމަ ރާއްޖެއަކީ މިހާރު އެންމެ ނުރައްކާ އެންމެ ބޮޑު ކެޓަގަރީއަށް ފެެތޭ އެއް ގައުމު ކަމަށެވެ. ކޮވިޑްގެ އާ ވޭރިއަންޓްތަކުގެ ތެރެއިން އިނގިރޭސިވިލާތުން ފެނުނު ވޭރިއަންޓް ރާއްޖޭގައި މިހާރު ވަރަށް ގިނަ ވެފައިވާ ކަމަށް އެޗް.އީ.އޯ.ސީ.ގެ ދިރާސާއާއަކާ ޙަވާލާދެއްވައި ޑރ. ޝީނާ ވިދާޅުވި އެވެ. އެގޮތުން ރާއްޖެއިން މިހާރު ފެންނަ ކޮވިޑް ކޭސްތަކުގެ 30 ޕަސެންޓަކީ ޔޫކޭ ވޭރިއަންޓެވެ.
ރާއްޖޭގައި މިހާރު ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު ވަނީ 16،656ށް އަރާފައެވެ. އެކްޓިވް ކޭސްގެ ގޮތުގައި 2039 ކޭހެއް ގުނަމުންދާއިރު 207 މީހަކަށް އަންނަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ. ރާއްޖޭގައި މިވަގުތު މިބަލީގައި 54 މީހަކު ވަނީ ނިޔާވެފައެވެ.
ރާއްޖޭގައި ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު 100ށް ވުރެ މަތިން ޖެނުއަރީ މަހުގެ 24ން ފެށިގެން އަންނަނީ ރިޕޯޓްކުރަމުންނެވެ. ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކޮވިޑް ވެކްސިން ޖަހަން ފަށާފައިވާއިރު މިހާތަނަށް 6854 މީހަކަށް ވަނީ ވެކްސިން ޖަހާފައެވެ.