ޖަރުމަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ފްރެއިބާގް އަތުން ބޮރޫޝިއާ ޑޯޓްމުންޑް ބަލިވެއްޖެއެވެ.
ފްރެއިބާގުގެ ދަނޑުގައި ކުޅުނު މެޗުން ޑޯޓްމުންޑް ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުން ޑޯޓްމުންޑް ބަލިވިއިރު، ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން އެ ޓީމަށް މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އަދި ލީގުގައި މިހާތަނަށް ޑޯޓްމުންޑުން 20 މެޗު ކުޅެފައިވާއިރު، އެ ޓީމު މޮޅުވެފައިވަނީ 10 މެޗުންނެވެ.
ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، ދެވަނަ ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގައި ފްރެއިބާގުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ވު-ޔަންގް ޖަންގެވެ. އަދި އޭގެ ތިން މިނެޓު ފަހުން ޖޮނަތަން ޝްމިޑް ވަނީ ލަނޑެއް ޖަހައި، ފްރެއިބާގަށް ލީޑު ފުޅާކޮށްދީފައެވެ.
މި މެޗުގައި ޑޯޓްމުންޑުން ގިނަ ހަމަލާތަކެއް އުފެއްދިއިރު، އެ ޓީމުން މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު ފެނިގެންދިޔައީ މެޗުގެ 76 ވަނަ މިނެޓުގައެވެ. އާލިން ބްރައުޓް ހާލަންޑް ދިން ޕާހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޔޫސުފާ މޫކޯކޯއެވެ.
މި ނަތީޖާއާއެކު ޑޯޓްމުންޑް އޮތީ ތާވަލުގެ ހަވަނައިގައި ކުޅުނު 20 މެޗުން ލިބުނު 32 ޕޮއިންޓާއެކުއެވެ. އަދި ޑޯޓްމުންޑް ބަލިކުރި ފްރެއިބާގް އޮތީ ތާވަލުގެ އަށްވަނައިގައި 20 މެޗުން 30 ޕޮއިންޓާއެކުއެވެ.