2030 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖޭގެ ކާބަން އެމިޝަންސް، ނެޓް ޒީރޯއަށް ހެދުމަށް ދިވެހިރާއްޖެއިން އަމާޒު ހިފާފައިވާތީ އިނގިރޭސިވިލާތުން އެކަމަށް މަރުޙަބާ ކިޔައިފިއެވެ.
އެގައުމުން މިކަމަށް މަރުޙަބާ ކިޔާފައިވަނީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދުއާއި އިނގިރޭސިވިލާތުގެ ޚާރިޖިއްޔާގެ ދެކުނު އޭޝިއާ، ކޮމަންވެލްތު އަދި އދ ގެ ކަންތައްތަކާ ބެހޭ ވަޒީރު ލޯޑް އަހުމަދު އާއެކު މިދިޔަ ބުރާސްފަތި ދުވަހު ކުރެއްވި މަޝްވަރާތަކުގައެވެ. ފޮރިން މިނިސްޓަރު ޝާހިދު އާއި ލޯޑް އަހުމަދު ބައްދަލުކުރައްވާފައިވަނީ ވަރޗުއަލްކޮށެވެ.
ދިވެހިރާއްޖެއިން ނެޓްޒީރޯއަށް ވާސިލްވުމަށް މަސައްކަތްކުރާކަން ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް އިއުލާން ކުރައްވާފައިވަނީ 2020 ޑިސެމްބަރު 22 ވަނަ ދުވަހު އދ އިން އިންތިޒާމްކޮށްގެން ބޭއްވި ކްލައިމެޓް އެމްބިޝަން ސަމިޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ބޭރުގެ ގައުމުތަކުގެ އެހީތެރިކަމާއި އެއްބާރުލުން ލިބިއްޖެނަމަ ރާއްޖެއަށް ގާތްގަނޑަކަށް 2030 ވަނަ އަހަރު "ނެޓް ޒީރޯ" އާއި ހަމައަށް ވާޞިލުވެވިދާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި އޭގެ ފަހުން މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި، ރިޔާސީ ބަޔާނުގައިވެސް ރައީސް ވަނީ އެކަމަށް އަލިއަޅުއްވާލައްވާފައެވެ.
ރިޔާސީ ބަޔާނުގައި ރައީސް ސޯލިހު ވިދާޅުވީ ތިމާވެށި ޙިމާޔަތްކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރާ މަސައްކަތްތަކުގައި ރާއްޖެއިން ވަރަށް ޙަރަކާތްތެރި ގޮތެއްގައި ބައިވެރިވަމުންދާ ކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް އެކުލަވައިލާފައިވާ ޕެރިސް އެގްރީމަންޓުގެ ދަށުން، ރާއްޖެއިން އެކުލަވައިލި، އެކްޝަން ޕްލޭން ތަންފީޒުކުރުމަށް ބައިނަލްއަގުވާމީ އެހީ ކަށަވަރުވެއްޖެނަމަ އަމާޒަކީ، 2030 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖޭގެ، ކާބަން އެމިޝަންސް، ނެޓް ޒީރޯއަށް ހެދުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ފޮރިން މިނިސްޓަރ ޝާހިދު އާއި ލޯޑް އަހުމަދު ވަނީ މި އަހަރުގެ ނޮވެމްބަރު މަހު އިނގިރޭސިވިލާތުގެ ގްލެސްގޯގައި އޮންނަ ކޮޕް26 ސަމިޓާއި ބެހޭ ގޮތުންނާއި، މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.