ކ. މާލެ
|
6 ފެބްރުއަރީ 2021 | ހޮނިހިރު 16:35
އެމްޕީއެލްގެ ވިޔަފާރި ބަނދަރު
އެމްޕީއެލްގެ ވިޔަފާރި ބަނދަރު
އެމްޕީއެލް
އެމްޕީއެލް ހާދިސާ
އެމްޕީއެލް ހާދިސާގައި އަނިޔާވި މީހާގެ ހާލު ސީރިއަސް، އަދިވެސް އޮަޕަރޭޝަންތަކެއް ކުރަންޖެހޭ
 
މުދާ ނެރުމުގެ މަސައްކަތް ކުރީ މިނާ އިންވެސްޓްމެންޓް ކްލިއަރެންސް ގްރޫޕުގެ ފަރާތުން
 
ހާދިސާގައި ޒަޚަމްވި މީހާ އޮތީ އައިސީޔޫގައި
 
ލޭމަނާކުރުމަށް ކޮންމެހެންވެސް ކުރަންޖެހޭ އޮޕަރޭޝަންތައް ވަނީ ކޮށްފައި

އެމްޕީއެލް ހާދިސާގައި އަނިޔާވި މީހާގެ ހާލު ވަރަށް ސީރިއަސް ކަމަށާއި އަދިވެސް އޮަޕަރޭޝަންތަކެއް ކުރަންޖެހޭކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ. އެ މީހާއަށް އަނިޔާވެފައިވަނީ، ބުރާސްފަތި ދުވަހުގެ ރޭ ކާޕެޓުތަކެއް ލޯޑުކުރަން އުޅުމުގެ ތެރޭގައި ކެރޭނުން ކެނޑި ގައިމައްޗަށް ވެއްޓިގެންނެވެ.

އަނިޔާވި ޒުވާނާގެ ހާލަތާބެހޭ ގޮތުން ރާއްޖެއެމްވީއަށް ދެއްވި ބަސްދީގަތުމެއްގައި އައި.ޖީ.އެމް.އެޗް.ގެ މީޑިއާ އޮފިޝަލް ވިދާޅުވީ 28 އަހަރުގެ ޒުވާން ފިރިހެނެއް އައި.ޖީ.އެމް.އެޗް.އަށް ބުރާސްފަތި ދުވަހުގެ ރޭ ދިހައެއް ޖަހާކަށްހާއިރު ގެންގޮސް ފަރުވާދެމުންދާކަމަށެވެ. އޭނާގެ ޙާލު ސީރިއަސްކަމަށާއި، މިމަހުގެ 5 ވަނަ ދުވަހު އޭނާއަށް ލިބުނު ގެއްލުމުގެ ސަބަބުން ލޭމަނާކުރުމަށް ކޮންމެހެންވެސް ކުރަންޖެހޭ އޮޕަރޭޝަންތައް ކޮށްފައިވާކަމަށެވެ. މި އޮޕަރޭޝަންތަކުގެ ތަފްސީލު އޭނާ ހާމައެއް ނުކުރައްވައެވެ.

ޒުވާނާގެ ޙާލަތާއި ގުޅޭގޮތުން ރާއްޖެއެމްވީއަށް މަޢުލޫމާތުދެމުން އަނިޔާވި ޒުވާނާގެ އާއިލާއިން ވަނީ އޭނާއަށް ސީރިއަސް އަނިޔާތަކެއްވެ ވަރަށް ނާޒުކު ޙާލަތެއްގައި ވާކަމަށް ބުނެފައެވެ. ޙާލަތު ސީރިއަސްވުމުން ކުރަންޖެހޭ ގިިނަ އޮޕަރޭޝަންތަކެއް ނުކުރެވި ހުރިކަމަށްވެސް އާއިލާއިން ބުންޏެވެ. އާއިލާއިން ވަނީ މިކަމުގެ އިތުރު ތަފްސީލު މީޑިއާގައި ހާމަކުރަން ނޭދޭކަމަށްވެސް ބުނެފައެވެ.

މި މައްސަލައާއި ގުޅިގެން އެމްޕީއެލްއިން ވަނީ މުވައްޒަފަކު ސަސްޕެންޑްކޮށްފައެވެ. އެމްޕީއެލް އިން ނެރުނު ނޫސްބަޔާނުގައި ބުނީ ކާޕެޓް ވެއްޓި އަނިޔާވީ މީހާއަކީ މިނާ އިންވެސްޓްމަންޓުގެ މަޖޫރީއެއް ކަމަށެވެ. އެމައްސަލަ މިހާރު ތަހުގީގުކުރަން ފަށާފައިވާ ކަމަށާއި ތަހުގީގު ނިމެންދެން ވަކި މުއްދަތެއް ނެތް ގޮތަށް އެ މަސައްކަތުގައި ބައިވެރިވި އެމްޕީއެލްގެ މުވައްޒަފުން ސަސްޕެންޑްކުރަން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ. އަދި މައްސަލަ ބަލައި ނިމުމުން އެކަމުގައި ފިޔަވަޅު އަޅަން ޖެހޭ މީހުންނާމެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

އެމްޕީއެލް ސަރަހައްދުގައި މި ހާދިސާ ހިނގާފައި މިވަނީ މިދިޔަ މަހު ވެސް މިފަދަ ނުރައްކާތެރި އެހެން ހާދިސާއެއްގައި ޒުވާނަކު މަރުވެފައިވަނިކޮށެވެ. މިދިޔަ މަހުގެ ހަތް ވަނަ ދުވަހު އެމްޕީއެލްގެ ކޮންޓެއިނަރެއްގެ ތެރެއިން ބިއްލޫރި ޕެލެޓުތަކެއް ވެއްޓި އޭގެ ދަށުވި ޒުވާނަކަށް ފަރުވާދެމުން ދަނިކޮށް އޭނާ ވަނީ މަރުވެފައެވެ. އެ ހާދިސާގައި އިތުރު މީހަކަށް ވެސް އަނިޔާވިއިރު މަރުވެފައިވަނީ ނ. ލަންދޫ، ފޭރުގަސްދޮށުގޭ، އަބްދުﷲ އާސިމް އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
33%
0%
67%
0%
0%
0%
ކޮމެންޓް