އެދެވެނީ މިހާރު އޮތް ދުވަހަށް ކައުންސިލްތަކުގެ އިންތިޚާބުގެ އިންތިޒާމުތައް ހަމަޖެއްސުމަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބާ ގުޅޭގޮތުން ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވަނީ، ކައުންސިލްތަކުގެ އިންތިޚާބު ލަސްކުރުމަށް ސަބަބާއި ހުއްޖަތް ހޯދުމަށްވުރެ ބޮޑަށް އެދެވެނީ މިހާރު އޮތް ދުވަހަށް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްކަމަށެވެ.
މިފަދައިން ރައީސް ނަޝީދު ވިދާޅުވެފައިވާއިރު، ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރާނެކަމުގެ ޔަގީން ކަމާއެކު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވަނީ ކެމްޕޭން ފަށާފައެވެ. ''ރަށްވެހި ފަތިސް'' މި ޝިޢާރުގެ ދަށުން ކުރިއަށް ގެންދާ ހަރަކާތްތައް ކުރިއަށްގެންދާނީ އެޗް.ޕީ.އޭގެ ގައިޑްލައިންތަކާ އެއްގޮތައް ކަމަށް، ކެމްޕޭންފެށުމުގެ ގޮތުން އެމް.ޑީ.ޕީ. އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. ރައީސް ނަޝީދު ވިދާޅުވެފައިވަނީ ހަމަހަމަ ފުރުޞަތު ހުރިހާ ފަރާތްތަކަށް ލިބޭނެ ކަމަށާއި، ޕީ.ޕީ.އެމް.އަށް ނުލިބޭ ފުރުޞަތެއްގެ މަންފާއެއް އެމަނިކުފާނު ނުނަންގަވާނެ ކަަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނެރެފައިވާ އުސޫލާ އެއްގޮތަށް އިންތިޚާބު ބޭއްވުމުގައި ހުރި ގޮންޖެހުންތައް އިލެކްޝަންސް ކޮމިޝަނުން މަޖިލީހާ ޙިއްސާ ކުރުމަށް ވަނީ ނިންމާފައެވެ.
އީސީގެ ރައީސް އަހުމަދު ޝަރީފް "ރާއްޖެއެމްވީ"އަށް ވިދާޅުވީ، އެޗް.ޕީ.އޭ.ގެ އުސޫލާ އެއްގޮތަށް އިންތިޚާބު ބޭއްވުމަށް މިވަގުތު ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އަދި އެ ގޮންޖެހުންތައް މަޖިލީހާ ޙިއްސާ ކުރުމަށް އީސީން ނިންމާފައިވާކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، އެކަމާ ގުޅޭ މަޝްވަރާތައް ފެބްރުއަރީ 5 ވަނަ ދުވަހު ކޮމިޝަނުން ކުރިއަށްގެންދިޔަކަމަށެވެ. އަދި އެއަށްފަހު މަޖިލީހަށް ހުށަހެޅުމުގެ ކަންކަން ކުރައްވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. އިންތިޚާބު ބާއްވާނެ ތާރީޚު ކަނޑައެޅުމުގައި އިލެކްޝަންސް ކޮމިޝަނަށް ބާރު އޮތް ނަމަ ކޮވިޑް-19އާ ގުޅިގެން ރާއްޖެ މިހާރު މިއޮތް ބަލިމަޑުކަމުގެ ހާލަތުގައި އިންތިޚާބު ނުބާއްވާނެ ކަމަށް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވަނީ ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވިދާޅުވެފައެވެ.
ޝަރީފް ވިދާޅުވީ މިހާރު ޤާނޫނުގައި އޮތް ގޮތުން އަންނަ މޭ މަހުގެ 9 ވަނަ ދުވަހުގެ ކުރިން އިންތިޚާބު ބާއްވަން މަޖުބޫރުވާއިރު އެޗް.ޕީ.އޭ.އިން ދީފައިވާ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން އެކަން ނުކުރެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ އެންމެ ކަންބޮޑުވާ ކަމަކީ އިންތިޚާބަށް ދާ ޚަރަދުބޮޑުވުން ކަމަށެވެ. މި ހާލަތުގައި އިންތިޚާބު ބާއްވާ ނަމަ އާންމު ހާލަތުގައި އިންތިޚާބެއް ބާއްވާން ދާނެ ޚަރަދުގެ ދެ ގުނަ ޚަރަދު ދާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. އެގޮތުން އިންތިޚާބުގެ ހުރިހާ ކަމަކަށް 95 މިލިއަން ޚަރަދުވާނެ ކަމަށް ވިދާޅުވިއެވެ.
އިންތިޚާބު ނުބާއްވާ ގިނަ ދުވަސްތަކެއް ވާތީ މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާއެއް ބާއްވައި އިންތިޚާބާ ބެހޭ ޚާއްޞަ ޤާނޫނަށް އިޞްލާޙު ގެނެސްފައިވާއިރު، އިންތިޚާބު ބާއްވާނެ އެންމެ ފަހުގެ ތާރީޚު ކަނޑައެޅުމަށް އިލެކްޝަންސް ކޮމިޝަންއަށް ދީފައިވާ އެންމެ ފަހުގެ ތާރީޚަކީ މި މަހުގެ 26އެވެ. މިއާއެކު ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު އަންނަ އޭޕްރިލްމަހުގެ 10 ވަނަދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.
އެޗް.ޕީ.އޭ.އިން އާންމު ކޮށްފައިވާ ގައިޑްލައިންގައި ކޮވިޑް-19ށް ޕޮޒިޓިވްވެ އެކަހެރިކޮށްފައިވާ މީހުންނާއި، ޕޮޒިޓިވްވެފައިވާ މީހުންގެ ކޮންޓެކްޓުންނާއި، ކޮވިޑް-19ގެ އަލާމާތް ހުންނަ މީހުން ވޯޓުލުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލު ބަޔާންކޮށްފައިވާއިރު، ކޮވިޑް-19ގެ ހާލަތުގައި ރައްކާތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކުރިއަށް ގެންދިއުމުގައި ޢަމަލުކުރަންވީ ގޮތުގެ އުސޫލުތައް ވަނީ ބަޔާން ކޮށްފައެވެ.
މި އުސޫލުގެ 10 ވަނަ މާއްދާގައި ބުނެފައިވަނީ ކޮވިޑް-19ށް ޕޮޒިޓިވްވެ އެކަހެރިކޮށްފައިވާ މީހުންނާއި، ޕޮޒިޓިވްވެފައިވާ މީހުންގެ ކޮންޓެކްޓުންނާއި، ކޮވިޑް-19ގެ އަލާމާތް ހުންނަ މީހުން ވޯޓުލުމުގެ ކަންތައްތައް ހަމަޖެއްސުމުގައި އިލެކްޝަންސް ކޮމިޝަނުން ނުވަތަ ވޯޓުލުމުގެ ކަންތައްތައް ބަލަހައްޓާ ފަރާތުން، ވަކި ކަންކަމަކަށް އަމަލުކުރަންވާނެ ކަމަށެވެ.
އޭގެ އިތުރުން، ކޮވިޑް-19ށް ޕޮޒިޓިވްވެފައިވާ މީހުން ވޯޓުލުމަށް އެހެން މީހުންނާއި އެކުނުވާގޮތަށް ވަކި އުޅަނދެއްގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ވޯޓުލާ މަރުކަޒަށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ހުއްދަޔާއެކު އައުމަށް އެންގުން، ނުވަތަ ކަމާގުޅޭ އިދާރާތައް ގުޅިގެން އެކަމުގެ އިންތިޒާމް ހަމަޖެއްސިދާނެކަން އުސޫލުގައި ބަޔާން ކޮށްފައިވާއިރު، އެކަމުގައި ހުރި ދަތިތައް ވެސް ގިނަ ބަޔަކު ދަނީ ފާހަގަ ކުރަމުންނެވެ.
އިންތިޚާބުގެ އަސާސަކީ މިނިވަންކަމާއެކު ކެމްޕޭންކުރުމާއި، ދަތުރުފަތުރުކުރުމާއި، ތާއީދު ހޯދުމަށް މަސައްކަތްކުރުމާއި، ވޯޓުލާ މީހުންނަށް ވެސް މިނިވަންކަމާއެކު ވޯޓުލެވޭނެ މަގު ތަނަވަސްވެގެން ދިއުންކަން ފާހަގަކުރައްވައި މަޖިލީހުގެ ބައެއް މެމްބަރުން ވެސް ވަނީ މި ޙާލަތުގައި އިންތިޚާބު ބޭއްވުމަށް ހުރި ގޮންޖެހުންތަކަށް އަލިއަޅުވާލައްވާފައެވެ. އަދި ކޮވިޑުގެ މި ޙާލަތުން އަރައިގަތުމަށް ހިންގާ ވެކްސިނޭޝަން ޕްރޮގްރާމް ފުރިހަމަކޮށް، ޖޫން މަހަށް އިންތިޚާބު ފަސް ކުރުމަށް ވެސް ގިނަ ބަޔަކު ގޮވައިލާފައިވެއެވެ.