''ކޮވިޑް-19 ދިފާޢު'' މި ޝިޢާރުގެ ދަށުން ހުކުރު ދުވަހު108 ފުލުހުން ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މިއީ ފުލުހުންގެ ރައްކާތެރިކަމަށްޓަކައި އެޅުނު ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށާއި، ރައްކާތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތްކުރުމަށް ވެސް އެޅިގެން ދިޔަ މުހިއްމު ފިޔަވަޅެއް ކަމަށެވެ.
އަދި ކޮވިޑް-19 ވެކްސިނާއެކު އައު އުއްމީދެއް ލިބިގެންދާ ކަމަށް ފުލުހުން ބުނެފައިވާއިރު، ވެކްސިންޖަހާ މީހުންގެ އަދަދު އިތުރުވަމުންދާތީ، އެކަމުގެ ސަބަބުން ބަލިމަޑުކަމުން އަރައިގަތުމަށް އައު ހިތްވަރެއް ލިބެމުންދާކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑޮކްޓަރ ނަޒްލާ ރަފީޤު ވެސް ވަނީ ވިދާޅުވެފައެވެ.
އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިން ރާއްޖޭގައި ޖަހަމުން ދާއިރު، އެންމެ އިސްކަމެއް ދެނީ ފްރަންޓްލައިންގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި ހައި ރިސްކު ކެޓަގަރީގެ މީހުންނަށެވެ. އެހެންނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ކެޓެގަރީތަކަށް ވެސް ވެކްސިން ދޭން ފަށާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ން ބުނެފައިވެއެވެ.
މިކަމަށްޓަކައި ޚާއްޞަ ޕޯޓަލްއެއް އެޗް.ޕީ.އޭ.އިން ހަދާފައިވާއިރު، އުމުރުން ދުވަސްވީ އަދި ޕޯޓަލްގައި ރަޖިސްޓްރީ ނުވެވޭ މީހުންނަށް ބޭނުންވާ އެހީތެރިކަން ވެކްސިން ދޭ ސެންޓަރުތަކުން ދޭނެ ކަމަށް ވެސް އެޗް.ޕީ.އޭ.އިން ހާމަކޮށްފައިވެއެވެ.