އާދިއްތަ ދުވަހުގެ ރޭ އެވަޓަން އަތުން މޮޅުވެ ޗެލްސީން އަންނަ ސީޒަނުގެ ޗެމްޕިއަން ލީގު ޖާގައެއް ކަށަވަރުކޮށް ލީގު ހޯދުމަށް މިސްރާބު ހިފައިފިއެވެ.
އެވަޓަން އަތުން މޮޅުވެ، ލީގުގައި ބާކީ ހަތަރު މެޗު އޮތްއިރު ޗެލްސީ ތާވަލްގެ އެއްވަނައިގައި އޮތީ 81 ޕޮއިންޓާއެކުއެވެ.
އެވަޓަންގެ ދަނޑުގައި ކުޅުނު މިމެޗު ޗެލްސީން ކާމިޔާބުކުރީ ވަރަށް ފަސޭހަ ކަމާއިއެކު 3-0 އިންނެވެ. ޕްރިމިއަރ ލީގުގެ ގަދަ ފަހެއްގައި މިވަގުތު އޮތް ހުރިހާ ޓީމަކަށް ވެސް ބާކީ އޮތީ ހަތަރު މެޗެވެ.
ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއް ދެޓީމުގެ ފަރާތުން ފެނުނަސް ލަނޑުތައް ފެނުނީ ދެވަނަ ހާފުގައެވެ. އެގޮތުން ފުރަތަމަ ލަނޑު 66 ވަނަ މިނިޓްގައި ކާމިޔާބު ކޮށްދިނީ ޕެޑްރޯއެވެ. މިއީ ވަރަށް ދުރުން ފޮނުވާލި ބާރު ހަމަލާއެކެވެ.
ޗެލްސީގެ ދެވަނަ ލަނޑު 79 ވަނަ މިނިޓްގައި ގެރީ ކޭހިލް ކާމިޔާބުކޮށްދިން އިރު، ތިން ވަނަ ލަނޑު 86 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ މިސީޒަނުގައި ތަފާތު ކުޅުމެއް ދައްކަމުން އަންނަ ވިލިއަންއެވެ.
ޗެލްސީއަށް ލީގުގައި ހަތަރު މެޗު އޮތްއިރު ލީގު ކާމިޔާބުކުރަން ޗެލްސީއަށް ދެން ބޭނުންވަނީ ނުވަ ޕޮއިންޓެވެ. ޗެލްސީން ދެން ބައްދަލުކުރާނީ މިޑިލްސްބޮރޯއާއެވެ. ލީގުގައި ގަދަ ހަތަރަކަށް ވާދަކުރާ ޓީމުތަކަށް ބެލިޔަސް މިހާރު ތާވަލް އޮތް ގޮތުން ޗެލްސީއަށް ޗެމްޕިންސް ލީގުގެ ޖާގަ ގެއްލޭނެ އެއްވެސް ގޮތެއް ނެތެވެ.
އަނެއްކޮޅުން މޭ މަހުގެ 27 ވަނަ ދުވަހު އިނގިރޭސި އެފްއޭކަޕްގައި އާސެނަލްއާ ދެކޮޅަށް ނުކުންނަން ޖެހޭނީވެސް ޗެލްސީއަށެވެ. އެ ތަށި އުފުލާލެވިއްޖެނަމަ މި ސީޒަން ވެގެންދާނީ ޗެލްސީގެ ކޯޗު ކޮންޓޭއަށް ކާމިޔާބު ސީޒަނަކަށެވެ.