އައްޑޫ ސިޓީ ހުޅުމީދޫން ކޮވިޑް-19ށް ޕޮޒިޓިވްވި މީހުންނާ ގުޅުން ހުރި އިތުރު 10 މީހަކު ޕޮޒިޓިވްވެއްޖެއެވެ.
އައްޑޫ ސިޓީ ކައުންސިލުން ކުރި ޓުވީޓްތަކެއްގައި ވަނީ އައްޑޫގައި ކޮވިޑްއަށް ޕޮޒިޓިވްވަމުންދާ މީހުންގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކޮށްފައެވެ. އައްޑޫ ކައުންސިލުން މަޢުލޫމާތުދޭގޮތުގައި އައްޑޫ ސިޓީ ހުޅުދޫ މީދޫގެ އެމް.ޓީ.ސީ.ސީ ސައިޓުން ނަގާފައިވާ ސާމްޕަލްތަކުގެ ތެރެއިން އިތުރު 10 ސާމްޕަލެއް ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު މިހާރު އެ އަވަށުން ކޮވިޑަށް ޕޮޒިޓިވްވެފައި މީހުންގެ އަދު 18އަށް އަރާފައިވާ ކަމަށް ކައުންސިލުން ހާމަކުރެއެވެ. މިފަހަރު އައްޑޫއިން އެއްވެސް ދިވެއްސަކު ޕޮޒިޓިވްވެފައި ނުވާކަމަށާއި، ޕޮޒިޓިވް ވެފައިވަނީ ހުސް ބިދޭސީންކަމަށް ވެސް ކައުންސިލުން މަޢުލޫމާތުދެއެވެ.
އައްޑޫ ސިޓީ ކައުންސިލުން ވަނީ މިކޭސްއާ ގުޅިގެން އިތުރު ބައެއްގެ ސާމްޕަލްތަކެއް ނަގާފައިވާކަމަށާއި، އަދި ބައެއް ސާމްޕަލްތަކުގެ ނަތީޖާ ލިބިފައި ނުވާކަން ވެސް ހާމަކޮށްފައެވެ. މީގެ އިތުރުން ރަށުގެ ހުރިހާ ރައްޔިތުން ވެސް އެޗް.ޕީ.އޭގެ ގައިޑްލައިންތަކާ އެއްގޮތަށް ޢަމަލުކުރެއްވުމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މިކަމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް އެންމެހައި ރައްޔިތުންނަށް ސިޓީ ކައުންސިލުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ކޮވިޑް-19ށް އައްޑޫ ސިޓީ ހުޅުމީދޫން 4 މީހަކު ޕޮޒިޓިވްވުމާ ގުޅިގެން އެރަށް މޮނިޓަރިންއަށްލާފައިވަނީ ފެބްރުއަރީ 4ވަނަ ދުވަހުއެވެ. ރާއްޖެއެމްވީއަށް މަޢުލޫމާތުދެމުން، އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ ބައްޔަށް ޕޮޒިޓިވްވެފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ޕްރޮޖެކްޓް ސައިޓްގައި މަސައްކަތް ކުރާ 4 މީހުން ކަމަށެވެ.
މީގެ ތެރެއިން ދެ ދިވެހިން ޕޮޒިޓިވްވެފައިވަނީ މީގެ އެއް ހަފްތާ ދުވަސް ކުރިން ކަރަންޓީން މުއްދަތު ފުރިހަމަ ކުރުމަށްފަހު ސާމްޕަލް ނަގާ ޓެސްޓު ކުރުމުން ކަމަށެވެ. މި މީހުންނަކީ ކަރަންޓީންގައި ތިބި ބައެއް ކަމަށްވާތީ އިތުރު ބަޔަކު ބައްޔަށް ހުށަހެޅިފައިނުވާ ކަމަށާއި، އިތުރު ބަޔަކާ ކޮންޓެކްޓް ނުވާ ކަމަށް މޭޔަރު ވިދާޅުވިއެވެ. އެހެންކަމުން އޭރު ކޮންޓެކްޓް ޓްރޭސިން މަސައްކަތް ކޮށްފައިނުވާ ކަމަށާއި ނަމަވެސް ސައިޓްގައި މަސައްކަތް ކުރާ ދެބިދޭސީއެއްގެ ގައިން އަލާމަތްތައް ފެނުމާ ގުޅިގެން ބުރާސްފަތި ދުވަހު ޓެސްޓު ކުރުމުން އެދެމީހުން ޕޮޒިޓިވްވެފައިވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.
އެސައިޓުގައި މަސައްކަތް ކުރާ 60 މީހުން ތިބިކަން ފާހަގަކުރައްވައި މޭޔަރު ވިދާޅުވީ މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތަައް ކުރިއަށްދާ ކަމަށާއި، އިތުރު ސާމްޕަލްތައް ނެގުމުގެ މަސައްކަތްތައް ވެސް ކުރިއަށްދާ ކަމަށެވެ.
މޭޔަރު ވިދާޅުވީ ސައިޓްގައި މަސައްކަތް ކުރާ މީހުން އާއްމު ޚިދުމަތް ހޯދާ ތަންތަން ކަމަށްވާ ފިހާރަ، ކެފޭ ރެސްޓޯރެންޓް ފަދަ ތަންތަނަށް ވަދެ ޚިދުމަތް ހޯދާފައިވާތީ އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
މީގެ އިތުރުން މޭޔަރު ވިދާޅުވީ ހުޅުމީދޫ މޮނިޓަރިންއަށްލުމާ ގުޅިގެން އެއަރޕޯޓަށް ޑިއުޓީއަށްދާން ޖެހޭ ފަރާތްތަކަށް ޑިއުޓީ ނުދެވި ބައެއް ދަތިތަކާ ކުރިމަތިވާ ކަމަށެވެ. ނަމަވެސް މިހާލަތުގައި ރައްޔިތުންގެ ފަރާތުން ލިބެންޖެހޭ ފުރިހަމަ އެއްބާރުލުން ލިބޭކަން އޭނާ ފާހަގަކުރެއްވިއެވެ.
މޭޔަރު ވިދާޅުވީ ކޮވިޑް-19ށް ރައްކާތެރިވުމަށް އައްޑޫ ސިޓީގައި ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށާއި، އިތުރަށް މިކަންކަން ބަލަމުންދާނެ ކަމަށެވެ.