އެމްޕީއެލްގައި ބުރާސްފަތި ދުވަހުގެ ރޭ ހިނގި ހާދިސާއާ ގުޅިގެން މީހަކު ސަސްޕެންޑްކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ބުރާސްފަތި ދުވަހުގެ ރޭ އެމްޕީއޭލްގައި ކާޕެޓުތަކެއް ލޯޑުކުރުމަށް އުޅުމުގެ ތެރޭގައި ކެރޭނުން ކެޑި މަޖޫރިއެއްގެ ގައިމައްޗަށް ވަނީ ވެއްޓިފައެވެ.
އެ ހާދިސާއާ ގުޅިގެން އެމްޕީއެލް އިން ނެރުނު ނޫސްބަޔާނުގައި ބުނީ ކާޕެޓް ވެއްޓި އަނިޔާވީ މިނާ އިންވެސްޓްމަންޓުގެ މަޖުރީއަކަށް ކަމަށެވެ. އެމައްސަލަ މިހާރު ތަހުގީގުކުރަން ފަށާފައިވާ ކަމަށާއި ތަހުގީގު ނިމެންދެން ވަކި މުއްދަތެއް ނެތް ގޮތަށް އެ މަސައްކަތުގައި ބައިވެރިވި އެމްޕީއެލްގެ މުވައްޒަފުން ސަސްޕެންޑްކުރަން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ. އަދި މައްސަލަ ބަލާ ނިމުމުން އެކަމުގައި ފިޔަވަޅު އަޅަން ޖެހޭ މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށް ވެސް ބަޔާނުގައިވެއެވެ.
އެމްޕީއެލްގައި ބުރާސްފަތި ދުވަހު ހިނގި ހާދިސާގައި އަނިޔާވި މީހާގެ ހާލު ވަރަށް ސީރިއަސް ކަމަށް އައިޖީއެމްއެޗުން ބުނެފައިވެއެވެ. އެމީހާގެ ގިނަ އޮޕަރޭޝަންތަކެއް ވެސް ކޮށްފައިވާއިރު އޭނާއަށް މިހާރު ފަރުވާދެމުން އަންނަނީ އައިސީޔޫގައެވެ.
އެމްޕީއެލްގައި މި ހާދިސާ ހިނގާފައި މިވަނީ މިދިޔަ މަހު ވެސް އެމްޕީއެލްގައި ހިނގި މިފަދަ ނުރައްކާތެރި ހާދިސާއެއްގައި ޒުވާނަކު މަރުވެފައިވަނިކޮށެވެ. މިދިޔަ މަހުގެ ހަތް ވަނަ ދުވަހު އެމްޕީއެލް ކޮންޓެއިނާއެއްގެ ތެރޭގައި ބިއްލޫރި ޕެލެޓުތަކެއް ވެއްޓި އޭގެ ދަށުވި ޒުވާނަކަށް ފަރުވާދެމުން ދަނިކޮށް އޭނާ ވަނީ މަރުވެފައެވެ. އެ ހާދިސާގައި ދެމީހަކަށް އަނިޔާވިއިރު މަރުވީ ނ. ލަންދޫ، ފޭރުގަސްދޮށުގޭ، އަބްދުﷲ އާސިމް އެވެ.