ހޮނިހިރު ދުވަހު މާލެ ސަރަހައްދުގައި އުމުރުން 55 އަހަރުން މަތީގެ މީހުންނަށް ވެކްސިން ޖަހަން ފަށަން ނިންމާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނެފިއެވެ.
ރާއްޖެ ގެނައި ކޮވިޝީލްޑް ވެކްސިން އެންމެ ފުރަތަމަ ޖަހަން ފެށީ މިމަހު އެކެއްގައެވެ. އޭރު ވެކްސިން ޖަހަން ފެށީ ފްރަންޓްލައިން މީހުންނަށެވެ.
އެޗްޕީއޭއިން ބުނީ ހޮނިހިރު ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި އުމުރުން 55 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދޭން ފަށާފައިވާ ކަމަށެވެ. އެގޮތުން މާލެ ސަރަހައްދުގެ ތިން ތަނަކުން ވެކްސިން ދޭން ހަމަޖައްސާފައިވާ ކަމަށާއި އެއީ މާލެ ސޯޝަލް ސެންޓަރާއި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރ އަދި ވިލިމާލެ ޒުވާނުންގެ މަރުކަޒުން ކަމަށް ވެސް ބުންޏެވެ.
މީގެ ތެރެއިން ވިލިމާލެ ޒުވާނުންގެ މަރުކަޒުގައި ވެކްސިން ދޭން ހަމަޖައްސާފައި ވަނީ ހެނދުނު 9ން މެންދުރު 13:00ށެވެ. އަދި ހުޅުމާލެ އާއި މާލޭގައި ވެކްސިން ދޭން ހަމަޖައްސާފައި ވަނީ ހެނދުނު 9ން، ހަވީރު 17:00ށެވެ.
މިހާރު މުޅި ރާއްޖޭގައި ވެސް ވެކްސިން ދޭން ފަށާފައިވާއިރު އެންމެ އިސްކަމެއް ދެނީ ފްރަންޓްލައިން މުވައްޒަފުންނާއި ހައި ރިސްކު މީހުންނަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު ކެޓެގަރީތަކަށް ވެސް ވެކްސިން ދޭން ފަށާނެ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
ވެކްސިން ޖެހުމަށް ހާއްސަ ޕޯޓަލެއް އެޗްޕީއޭއިން ހަދާފައިވާއިރު، އުމުރުން ދުވަސްވީ އަދި ޕޯޓަލްގައި ރަޖިސްޓްރީ ނުވެވޭ މީހުންނަށް ބޭނުންވާ އެހީތެރިކަން ވެކްސިން ދޭ ސެންޓަރުތަކުން ދޭނެ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
މިވަގުތު ރާއްޖޭގައި ކޮވިޝީލްޑް ވެކްސިން ޖަހަން ފަށާފައިވާއިރު، މިހާރު ރާއްޖެއަށް ޗައިނާއިން ތައްޔާރުކޮށްފައިވާ ސިނޮފާމް ވެކްސިންގެ 5،000 ޑޯޒު ވަނީ ލިބިފައެވެ. ނަމަވެސް އެ ވެކްސިން ބޭނުންކުރުމުގެ ހުއްދަ އަދި ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދީފައެއް ނުވެއެވެ.